ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ގިނަ ވަޒީރުންނަށް ރުހުން ދިނުމުގައި އެމްޑީޕީގެ ވިސްނުން ބަދަލުވެފައިވާ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް އިއްޔެ ވަނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވާފަ އެވެ.
މި ޖަލްސާ ކުރިއަށް ގެންދަން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ހުރަސް އެޅުއްވީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅުގެ ހެއްދެވުމުގެ ގޮތުންނެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި ގޮތުގައި އެމްޑީޕީން ކުރިން ނިންމާފައިވަނީ ވީހާވެސް ގިނަ ވަޒީރުންނަށް ރުހުން ދިނުމަށެވެ.
"ނަމަވެސް މި ހިނގާ ދިޔަ ކަންތައްތަކާ ގުޅިގެން އަޅުގަނޑުމެން މެންބަރުންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެއްޖެ،" ސަލީމް ވިދާޅުވި އެވެ.
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ރުހުން ނުދިނުމަށް އެއްބަސްވެވޭ ވަޒީރުންގެ ތެރޭގައި ހިމެނެނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.
އެމްޑީޕީން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނެ އެވެ. އެކަމަކު ޑިމޮކްރެޓުން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓުގައި ސައީދު ނެތް ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް އެމްޑީޕީން ނެރުނު ވިޕަކީ ޕާޓީގެ އަމިއްލަ ނިންމުމެއްކަން ސަލީމް ވަނީ ފާހަގަކުރައްވާފަ އެވެ.