އެމްޑީޕީ

އެމްޑީޕީގެ މެންބަރުންނަށް މަރުގެ އިންޒާރު ދީފި

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް މިރޭ ބޭއްވުމަށް މަސައްކަތް ކުރަމުންދާ ޖަކްސާއަށް ވަޑައިގެންނެވި ބައެއް މެންބަރުންނަށް މަރުގެ އިންޒާރު ދީފި އެވެ.

އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ މިރޭ ވިދާޅުވީ އޭނާ ޖަލްސާއަށް ވަޑައިގެންފިނަމަ ހަމަލާދޭނެ ކަމަށް ބުނެ ނުދަންނަ ނަންބަރަކުން މީހަކު ގުޅައި އިންޒާރު ދީފައިވާ ކަމަށެވެ.

އީސަ ވަނީ މިމައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހަޅާފަ އެވެ.

އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ގެއިން ނިކުމެ ވަޑައިގެން މަޖިލީހަށް ވަޑައިގަންނަވަނިކޮށް ގުރޫޕަކުން އޭނާއާ ދިމާކޮށް އިންޒާރު ދިން ކަމަށް ހުސައިންވެސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާ އަދި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް މަޖިލީހަށް ވަދެވަޑައިގަންނަވަން އުޅުއްވަނިކޮށްވެސް ބަޔަކު ވަނީ އިންޒާރު ދީފަ އެވެ.

ސަރުކާރަށް ތާއީދުކުރާ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިންޒާރު ދީފައިވާތީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ އެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.

އެމްޑީޕީން ބުނީ ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު އެ ވޯޓު ނެގުމަށް ސަރުކާރު މެމްބަރުން ފުރުސަތު ނުދެނީ ޑިމޮކްރަޓިކް ޕްރޮސެސްއަށް ހުރަސް އެޅުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ. ނަމަވެސް މެމްބަރުންނަށް އިންޒާރު ދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރު ވެސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ އެކަންވެސް އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.