ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭންގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ދެ ރިޔާސީ ކޮމިޝަނަށް ދައުވާ ކުރުމުގެ ބާރާއި އެހެނިހެން ވެސް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް، ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، ހުށަހަޅާފައިވާ "ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން އެވެ. އެ ބިލް މާދަމާ މަޖިލީހަށް ހުށަހެޅުމާ އެކު، އިބްތިދާއީ ބަހުސްވެސް ކުރިއަށް ގެންދިޔުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ބިލް ހުށަހަޅުއްވާ މެންބަރު، މުހައްމަދު ރަޝީދު މިރޭ "އަވަސް"އަށް ވިދާޅުވީ އެ ބިލަކީ، 1 ޖެނުއަރީ 2012 އިން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް މަރާލާފައިވާ ފަރާތްތަކާއި ގެއްލުވާލާފައިވާ ފަރާތްތަކުގެ ތެރެއިން އެކަށީގެން މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތަކާއި އެ މުއްދަތުގައި ދައުލަތުގެ އިސްވެރިން ހިޔާނާތްވި މައްސަތައް ބެލުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރުމަށް ބާރުތައް ދިނުމުގެ މަގުސަދުގައި ހުށަހަޅާ ބިލެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބިލް ފާސްވެއްޖެ ނަމަ، މިހާރު ރައީސް އުފައްދަވާފައިވާ ދެ ކޮމިޝަނަށް ދައުވާކުރުމާއި ދައުވާލިބިގަތުމުގެ ބާރު ލިބިގެން ދާނެ ކަމަށެވެ. އަދި ފަަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ދެ ކޮމިޝަނަށް ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު ލިބިދޭއިރު، ތަހުގީގުތަކަށް ބޭނުންވާ ކަންކަމަށް ކޯޓްތަކާއި ފުލުހުންގެ ކިބައިން އެދުމުގެ ބާރު އެ ކޮމިޝަނަށް ލިބިދޭ ގޮތަށް ބިލްގެ ހިމަނާފައިވާ ކަމަށް މެންބަރު މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ކޮމިޝަނަށް ދޭ ބާރުތައް:
- ދައުވާކުރުމާއި ދައުވާލިބިގަތުމުގެ ބާރު
- ޝައްކު ކުރެވޭ މީހުންގެ އެކައުންޓްތައް ފްރީޒް ކުރަން އެންގުމުގެ ބާރު
- ޖިނާއީ ތަހުގީގުތައް ހިންގުމުގެ އެންމެހާ ބާރުތައް
- ތަހުގީގަށް ބޭނުންވާ އެންމެހާ އެހީތައް ހޯދުމަށް ފުލުހާއި ކޯޓްތަކުގައި އެދުން
މީގެ އިތުރުން މައްސަލަތަކުގައި ތުހުމަތުވާ ފަރާތްތަކުގެ އެކައުންޓްތައް ފްރީޒް ކުރުމަށް އެންގުމުގެ ބާރު ވެސް އެ ބިލްގެ ދަށުން އެ ދެ ކޮމިޝަންތަކަށް ދޭނެ އެވެ. އަދި އެ ކޮމިޝަންތަކުން ތަހުގީގުކޮށް ނިންމައި މައްސަލަތަކުގައި ދައުވާކޮށް އިންސާފު ހޯދައިދިނުމުގެ ގޮތުން ދައުވާ ކުރުމުގެ މަރުހަލާ އާއި ޝަރީއަތް ހިންގުމުގެ މަރުހަލާގައި ކަންކަން ހިނގާނެ ގޮތް ވެސް އެބިލްގައި ވަނީ ހިމެނައިފަ އެވެ.
އެގޮތުން އެ ކޮމިޝަނުން ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވާ މައްސަލަތަކުގައި ދައުވާ އުފުލުމަށް އެސިސްޓެންޓް ޕީޖީގެ ބެލުމުގެ ދަށުން ޕީޖީ އޮފީހާ މުޅިން ވަކިން ހުންނަ ހާއްސަ ޕްރޮސިކިއުޝަން ޑީޕާޓްމަންޓެއް އެކުލަވާލަން ޖެހެ އެވެ. އަދި އެ ޑިޕާޓްމަންޓުން 15 ދުވަހުގެ ތެރޭގައި އެ މައްސަލައަކާ މެދު ގޮތް ނިންމަން ޖެހޭ ކަމަށް ވެސް ބިލްގައި ވަނީ ހިމަނައިފަ އެވެ. އަދި ބިލްގައި ބުނަނީ، އެފަދަ މައްސަލަތަކުގެ ޝަރީއަތް 60 ދުވަހުގެ ތެރޭގައި ޝަރުއީ ދާއިރާގެ ހުރިހާ މަރުހަލާއެއް ނިންމަން ޖެހޭނެ ކަމަށެވެ.
ކޮމިޝަނުން ނިންމާ މައްސަލަތަކުގެ ޝަރީއަތް:
- ދައުވާތައް ކުރިއަށް ގެންދަން އެސިސްޓެންޓް ޕީޖީގެ ދަށުން ޕީޖީ އޮފީހާ މުޅިން ވަކި ޑިޕާޓްމަންޓެއް
- 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ލާޒިމް ކުރޭ
- 60 ދުވަހުގެ ތެރޭގައި މައްސަލައިގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިންމަން ލާޒިމް ކުރޭ
އެ ކޮމިޝަންތަކުގެ މެންބަރުންނަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ބިލްގައިވެ އެވެ.
ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން ހިންގާ ކޮރަޕްޝަންގެ މައްްސަލަތަކާއި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމުގެ މަސައްކަތަށް ރައީސް އުފައްދަވާފައި ވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އެވެ. އަދި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދަވާފައި ވަނީ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން" އެވެ.