ހަބަރު

ސިފައިން މަޖިލީހަށް ވަތް މައްސަލަ ބަލާ އިމްތިޔާޒުގެ ކޮމިޓީ ސިއްރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ސިފައިން ވަދެ މަޖިލިސް ހުއްޓުވި މައްސަލަ ބަލައި، އިމްތިޔާޒު ތަކާއި ބެހޭ ކޮމިޓީގެ މިރޭގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިރޭ 8:00 ގައި ބާއްވަން ތާވަލް ކުރި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ނިންމާފައިވާ އިރު، ސިފައިން މަޖިލީހަށް ވަތް މައްސަލައިގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހާޒިރު ކުރުމަށް އޮތީ ނިންމައިފަ އެވެ. އެހެން ނަމަވެސް އެ ކޮމިޓީ ސިއްރުކުރުމާއި ކުރުމުން އާދަމް ޝަރީފު ހާޒިރު ކުރި ކަމެއް ޔަގީނެއް ނުވި އެވެ.

އިމްތިޔާޒު ތަކާބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ ރިޔާސަތުގައި މަޖިލީހުގެ މެމްބަރުންނާއި މެދު އަމަލުކޮށްފައިވަނީ އިމްތިޔާޒުގެ ގާނޫނާއި ހިލާފަށް ކަމަށާއި އެކަމުގައި ސިފައިން ބައިވެރިވި ކަމަށެވެ. މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި އެ މައްސަލައިގައި ކޮމިޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި ނިންމީ، ސިފައިންނާއި ފުލުހުން ވައްދައިގެން މަޖިލީހުގެ މެމްބަރުން މަޖިލިހުން ނެރުމާއި، މަޖިލީހުގައި ތަޅު އެޅުވުމަކީ މަޖިލީހުގެ މެމްބަރުންގެ ވާޖިބަށް ހުރަސް އެޅުންކަމަށް ބަލައި އެކަންކަމާއި މެދު ބައެއް ފަރާތްތަކާއި ސުވާލު ކުރުމަށް ކޮމިޓީއަށް ހާޒިރުކުރާށެވެ.

އިމްތިިޔާޒާއި ބެހޭ ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައިވާ ބައެއް ބޭފުޅުންނަކީ މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ މަސީހު މުހައްމަދާއި، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، ކުރީގެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދާއި، ޗީފް އޮފް ޑިފެންސްފޯސް ޖެނެރަލް އަހުމަދު ޝިޔާމްއާއި، މަޖިލީހުގެ ކުރީގެ އަމީންއާންމު އަހުމަދު މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.

ގުޅިފައިވާ ޕީޖީ ގްރޫޕްގެ ފަރާތުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، މެންބަރު އިމްތިޔާޒު ފަހުމީ، އިންތި އެވެ. އެ މައްސަލަތައް ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އިންތި ހުށަހެޅުއްވި މައްސަލައިގައި ވަނީ އެދިފަ އެވެ.