ދުނިޔެ

މުޒާހަރާކުރަން މަރެއް: އީގަލް ޝަރީފުމެން އިމްރާނުމެން އަދި އެއްޗަކަށް ނުވޭ!

މިއީ ޕްރާމްޖީތު ސިންގް ޕުއްމާއޭ ކިޔުނު އިންޑިއާގެ ސިކުންގެ މީހެއްގެ ވާހަކަ އެވެ. އިންޑިއާ އަށް އޭނާ މަޝްހޫރުވެފައި ވަނީ "އެންމެ ރުޅިގަދަ މީހާ" ގެ ގޮތުގަ އެވެ. ސަބަބަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

ހަމަ ކޮންމެ ކަމެއްގައި ވެސް އަތުކުރި އޮޅާލައިގެން މުޒާހަރާ އަށް ނުކުމެ ހަޅޭފަޅޭ ޖަހައިގަންނާތީ އެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުޒާހަރާއެއް ކުރާ ނަމަ އެ މުޒާހަރާއެއްގެ އެންމެ ކުރީގައި ޕްރާމްޖީތު ސިންގް ހުންނާނެ ކަމުގެ ފުރުސަތަކީ އަބަދުވެސް 100 ޕަސެންޓެވެ.

ނިކަން ގަދަ އަށް މުޒާހަރާކުރާ މީހުން އަޅުގަނޑުމެން ވެސް ދެކެފީމު އެވެ. ނަމަވެސް މި ޕްރާމްޖީތެއްގެ ވާހަކަ ކިޔައި ނިމުމުން ނުވަތަ އޭނާ އުޅޭ ވައްތަރު ފޮޓޯތަކުން ފެނުމުން އަޅުގަނޑުމެންގެ ތެރޭގައި އަޑުގަދަކޮށްލައިގެން މޭ ފުއްޕާލައިގެން މި އުޅޭ ސިޔާސީ އެކްޓިވިސްޓުން ހަމަ އެއްޗަކަށް ވެސް ނުވާނެ އެވެ.

ރާއްޖޭގައި ޔަގީނަށް ވެސް ޕްރާމްޖީތާ އެންމެ ގާތުން ވާދަކުރަނީ މަޝްހޫރު އީގަލް ޝަރީފެވެ. ދެ ވަނަ އަށް ދާނީ އަދާލަތު ޕާޓީއާ އެކު ސިޔާސީ ކަނޑަކަށް ފެތިގެން އެ ދިޔަ ޝައިހް އިމްރާނެވެ. ތިން ވަނަ އަކީ މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ޕްރާމްޖީތު އިންޑިއާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ގޮތަށް ރާއްޖޭގައި ކިރިޔާ ވެސް މުޒާހަރާއެއް ޖެއްސެނީ ނުވަތަ މިހާތަނަށް ޖައްސާފައި ވަނީ މި ދެންނެވި ތިން ބޭފުޅުންނެވެ. އުމަރު ނަސީރު އެއް އިރެއްގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާއާ ދެކޮޅަށް ޖެއްސި މުޒާހަރާއެއް ހަނދާނަށް އާދޭ ހެއްޔެވެ؟

ޕްރާމްޖީތު ވެސް އެ ފެންވަރުގައި މުޒާހަރާކޮށްފައި އެބަހުއްޓެވެ. އެކަމަކު މިއީ އަދި އާދައިގެ މީހެއް ނޫނެވެ.

އުމުރުން 43 އަހަރުގެ ޕްރާމްޖީތު މުޒާހަރާގެ ހިޓަކަށް ވެފައިވާއިރު އޭނާ ބުނަނީ މުޒާހަރާގެ މައިދާނަށް ވަނީ ވަރަށް ވެސް ކުޑައިރުގައި ކަމަށާއި އުމުރުން 16 އަހަރުން ފެށިގެން ބޮޑެތި މުޒާހަރާތައް އިންތިޒާމްކޮށް ލީޑްކުރަން ފަށައިފި ކަމަށެވެ.

"އަހަރެން މިއީ އާދައިގެ މީހެއް. އާދައިގެ ރައްޔިތު މީހާ އަށް އަނިޔާ ލިބޭ މަންޒަރު ބަލަން ޖެހުނީމަ އަހަރެންގެ ގާތަށް އަންނާނީ ރުޅި،" ބީބީސީ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޕްރާމްޖީތު ބުނެފައި ވަނީ މިހެންނެވެ.

އެހެންވީމަ ޕްރާމްޖީތު އެންމެ ރުޅި އަންނަ ކަންކަމަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ފާއިތުވި އަހަރުތަކުގައި އޭނާ ވަނީ އެތައް ސަތޭކަ މުޒާހަރާއެއް ހިންގައިފަ އެވެ.

އެގޮތުން 2005 ވަނަ އަހަރު އޭނާ އިންޑިއާގެ ސަރުކާރާ ދެކޮޅަށް ނުކުތީ ފިޔާގެ އަޑު ބޮޑުކުރުމުންނެވެ. ޖެހިގެން އައި އަހަރު ޕްރާމްޖީތު ބޭއްވި ބޮޑު މުޒާހަރާ އަކީ ޓެރަރިޒަމާ ދެކޮޅަށް ބޭއްވި އެއްވުމެކެވެ. އެއަށް ފަހު 2008 ވަނަ އަހަރު އޭނާގެ އަޑު އެންމެ ގަދަވެގެން ދިޔައީ ޕެޓްރޯލާއި ޑީސަލް އާއި ގޭހުގެ އަގު އުފުލިގެން އިންޑިއާގެ ސަރުކާރާ ދެކޮޅަށް ޖެއްސި ވަރުގަދަ މުޒާހަރާއަކުންނެވެ.

ކޮންމެއަކަސް މި ލިސްޓް ވަރަށް ވެސް ދިގެވެ. ޕްރާމްޖީތު މުޒާހަރާއެއް ނުކުރާ ދުވަސްވަރެއް ނުވަތަ އަހަރެއް ވެސް ނުދެ އެވެ. މުސްލިމުންނާ ދެކޮޅަށް ބީޖޭޕީގެ ލީޑަރަކު ވާހަކަ ދައްކައިގެން 2009 ވަނަ އަހަރު ވެސް ވަރުގަދަ މުޒާހަރާއެއް ކުރި އެވެ.

ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބޭ މީހުން ޓީވީތަކުން ދައްކާތީ އެ މައްސަލައާ ދެކޮޅަށް ވެސް ނިކަން ވަރުގަދަ މުޒާހަރާއެއްކޮށް ބަރަހަނާ ފޮޓޯތަކެއް އަންދާލި އެވެ.

އޭނާގެ މި ހަރަކާތްތައް ހިންގަނީ ނެޝެނަލް އަކާލީ ދަލް ގްރޫޕް ނަމަކަށް ކިޔާ މުޒާހަރާ އަށް ހާއްސަ ޖަމިއްޔާއެއްގެ ދަށުންނެވެ. އޭނާ މި ގްރޫޕެއް އުފެއްދީ 1997 ވަނަ އަހަރު އެވެ.

އަޑު ގަދަ ހޫނު ގަދަ މި ސިލްސިލާތަކާ ގުޅިގެން ޕްރާމްޖީތަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތައް ވެސް ވަރަށް ގިނަ އެވެ. އެގޮތުން މިހާރު ވެސް އޭނާ އެހުރީ ހިތުގެ ދެ ސާޖަރީއެއް ހަދައިފަ އެވެ.

"އަހަރެންގެ އަންހެނުން މިހާރު ވަރަށް ކަންބޮޑުވާނެ އަހަރެންގެ ހެލްތާ މެދު. އަބަދުވެސް ބުނާނެ ތިހާ ރުޅިގަދަނުވެ ހުންނާށޭ ދެން،" ޕްރާމްޖީތު ބުންޏެވެ.

ދިއްލީގެ ސާދަރު ބާޒާރުގައި އާދައިގެ ކުޑަ ފިހާރަގަނޑެއް ހިންގާ ޕްރާމްޖީތު ބުނީ އޭނާ އެ ދުވަހެއްގައި މުޒާހަރާކުރަން ޖެހޭ މައްސަލަތައް ހޯދަނީ ނޫސްކިޔައިގެން ކަމަށެވެ. މުޒާހަރާކުރާ ވަރުގެ ކަމެއް ފެންނައިރަށް އޭނާ މީހުންތައް އެއްކޮށް މީޑިއާތަކަށް ވެސް ދައުވަތު ފޮނުވުމަށް ފަހު ވަގުތުން މުޒާހަރާ ފަށަނީ އެވެ. 

އާންމުކޮށް މި މުޒާހަރާތަކަށް ނުކުންނަނީ ކަނޑިއެއް ހިފައިގެން ނިކަން ގަދަ އަށް ހަޅޭލައްވަމުންނެވެ.

އޭނާ ބުނަނީ އެންމެ ރުޅި އަންނަނީ ޕާކިސްތާނު ދެކެ ކަމަށެވެ.

"ޕާކިސްތާނާ ދެކޮޅަށް އަހަރެން މުޒާހަރާކުރަނީ ހިތުގެ އެންމެ ފުންމިނުން. އެމީހުންނާ ދެކޮޅު މުޒާހަރާއެއްގައި އަހަރެންގެ އަޑު ވެސް އެންމެ ގަދަވާނީ."