ރައްޔިތުންގެ މަޖިލިސް

ބޮޑު އަގުލަބިއްޔަތަކުން އޭޖީ އާއި ހުރިހާ ވަޒީރުންނަށް ރުހުންދީފި

Dec 4, 2018
6

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮސްފި އެވެ.

އެގޮތަށް ފާސްކުރީ މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ނަމާ އެކު، ކެބިނެޓްގެ 20 ބޭފުޅަކަށް ރުހުން ދީފައިވަނީ އެވަގުތު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެވެ. ކޮންމެ ވަޒީރަކަށް ވެސް ރުހުން ދޭން ވޯޓަށް އެހީ ވަކި ވަކިން އެވެ.

ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ފާސްކޮށް ވިލިފުށި ދާއިރާގެ މެންބަރު މިއަދު ހުށަހެޅުއްވި ގޮތަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީން ފާސްކޮށްފައި ވަނީ ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށެވެ.

މިއަދު މަޖިލީހުގެ ފްލޯގައި ނެގި ވޯޓްގައި މަޖިލީހަށް އެވަގުތު ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން، 70 މެންބަރުން ވަނީ ގިނަ ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓް ދެއްވައިފަ އެވެ. އެގޮތުން 70 ވޯޓް ލިބިގެން ރުހުން ލިބުނު ވަޒީރުންނަކީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ޓެކޮނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު، ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާޙިމް ހަސަން، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި ޓްރާންސްޕޯޓް މިިނިސްޓަރު އައިޝަތު ނަހުލާ އަށެވެ.

ބާކީ ތިބި މިނިސްޓަރުންނަށް 72 ވޯޓް އަދި 71 ވޯޓް ލިބިފައި ވެއެވެ. 71 ވޯޓް ލިބިވަޑައިގެންނެވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އާއި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުﷲ ޒާހިރަށެވެ. އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓް ވެސް ދެއްވި އެވެ. އަދި 72 ވޯޓް ލިބިވަޑައިގެންނެވީ، ހައުސިން މިނިސްޓަރު އާތިފާ ޝަކޫރާއި ޔޫތް މިނިސްޓަރު މަހްލޫފް، ފިޝަރީޒް މިިނިސްޓަރު ޒަހާ ވަހީދު އަދި އެންވަޔަރުމަންޓް މިނިސްޓަރު ހުސެން ރަޝީދަށެވެ.

ދައުލަތުގެ ބަންޑާރަ ނައިބު، އެޓާނީ ޖެނެރަލް ކަމަށް އިބްރާހިމް ރިފްއަތަށްވެސް 72 ވޯޓް ލިބިވަޑައިގެންނެވި އެވެ.

އެންމެ ދަށުން ވޯޓް ލިބިވަޑައިގެންނެވީ، ޖެންޑާ ސިދާތާ ޝަރީފަށެވެ. އޭނާ އަށް 67 ވޯޓް ލިބިފައިވާއިރު، ދެ މެންބަރަކު ވަނީ އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވާފަ އެވެ. މީގެ އިތުރުން ހެރިޓޭޖް އެންޑް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން އަދި ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ އަށް ރުހުން ލިބުނީ، 68 ވޯޓް އެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ލިބިވަޑައިގެންނެވީ 69 ވޯޓެވެ.

ކެބިނެޓް ބަހާލާފައިވަނީ ޕާޓީތަކުގެ މެދުގަ އެވެ. އެގޮތުން އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދީފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދިނީ 25 ޕަސެންޓެވެ. ރައީސް މައުމޫނަށް 20 ޕަސެންޓް ދީފައިވާއިރު އަދާލަތު ޕާޓީއަށް ދިނީ 15 ޕަސެންޓެވެ. ރައީސް ސޯލިހުގެ ކެބިނެޓް ފައިނަލް ކުރެއްވީ ހަތަރު ލީޑަރުންނާއެކު ބައްދަލުވުމަށްފަހު އެވެ.

ނަންތައް ދިރާސާކުރި މަޖިލީހުގެ ކޮމިޓީއިން ވަނީ، ވަޒީރުންގެ އެއްވެސް މައްސަލައެއް އޭސީސީއިން ބަލަމުންދޭތޯ އާއި މަސްލަހަތު ފުށުއަރާ އެއްވެސް ވިޔަރާފިއެއްގައި ހިއްސާވޭތޯ ބަލައިފަ އެވެ.

އެ ކަންކަން ބެލިއިރު ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައެއް އޭސީސީގައި އޮތެވެ. އަދި ބައެއް ވަޒީރުން ވިޔަފާރިތަކުގައި ހިއްސާވާތީ އެ ހިއްސާތައް 14 ދުވަހުގެ ތެރޭގައި ދޫކޮށްލުމަށް އެންގުމަށް ވެސް ކޮމިޓީއިން ފާސްކޮށްފައިވެ އެވެ.