ހަބަރު

ދެ ކޮމިޝަނަށް ބާރުދޭ ބިލް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

Dec 4, 2018
2

ސަރުކާރުގެ ފަރާތުން، ހުށަހަޅާފައިވާ "ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ރައީސް ސޯލިހު މިހާރު އުފައްދަވާފައިވާ ދެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދޭން ހުށަހެޅި މި ބިލް ބަލައިގަންނަން، ފާސްކުރީ، 42 މެންބަރުންގެ ވޯޓުން އެވެ. އެ ބިލް ބަލައިނުގަންނަން ވޯޓް ދެއްވީ، ފަސް މެންބަރުން އެވެ. އެ ބިލް ބަލައިގަންނަން ފާސްވުމާ އެކު މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެ ބިލްގެ ދިރާސާކުރެއްވުމަށް ފޮނުއްވާށެވެ.

އެ ބިލް ބަލައިގަންނަން ވޯޓަށް އެހުމާ އެކު މަޖިލީހުގައި ތިއްބެވި ޕީޕީއެމް މެންބަރުން ވަނީ އެ ބިލާ ދެކޮޅު ހެދުމުގެ ގޮތުން ދުންމާރި އާއި ކަށިގަނޑު ފުންމާ މަޖިލީހުގެ ތެރޭގައި ބިލާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. އެ ޕާޓީގެ މެންބަރުން އިއްޔެ ވެސް އެ ބިލާ ދެކޮޅަށް އިހުތިޖާޖް ކުރެއްވި އެވެ. ޕީޕިއެމް އިން ބުނަނީ އެ ބިލްގެ މަގުސަދަކީ، ސިޔާސީ ވަކި ބަޔަކު ހައްޔަރުކޮށް އެ މީހުން ޖަލަށް ލުން ކަމަށެވެ.

އިހުތިޖާޖުތަކާ ގުޅިގެން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދުގެ މަޖިލިސް ނިންމާލައްވަމުން ވިދާޅުވީ ޕާޓީތަކުގެ ހުރި ކަންބޮޑުވުންތަކަށް ބިލް ދިރާސާ ކުރާއިރު ކޮމިޓީއިން އެޑްރެސް ކުރާނެ ކަމަށާއި ޕާޓީތަކުގެ ކަންބޮޑުވުންތައް ހައްލުނުކޮށް ބިލް ފާސްނުކުރާނެ ކަމަށެވެ.

މަތީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން ހިންގާ ކޮރަޕްޝަންގެ މައްްސަލަތަކާއި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމުގެ މަސައްކަތަށް ރައީސް އުފައްދަވާފައި ވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އެވެ. އަދި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދަވާފައި ވަނީ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން" އެވެ.

މިހާރު ހުށަހަޅާފައިވާ ބިލް ފާސްވެއްޖެ ނަމަ އެދެ ކޮމިޝަނަކީ އަމިއްލައަށް ދައުވާ އުފުލުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ތަހުގީގީ ދެ މުއައްސަސާއަށް ބަދަލުވެގެން ދާނެ އެވެ. އަދި ޝައްކު ކުރެވޭ ތަންތަން ބެލުމާއި ތުހުމަތުވާ މީހުން ހައްޔަރުކުރުން ފަދަ ކަންކަމަށް ކޯޓް އަމުރަށް އެދުމާއި އެކައުންޓް ފްރީޒް ކުރުން ފަދަ ކަންކަމަށް އެދުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ. މީގެ އިތުރުން، އެ ކޮމިޝަނުން ފޮނުވާ މައްސަލަތައް ޝަރީއަތަށް ފޮނުވާނެތޯ ނިންމުމަށް އެސިސްޓެންޓް ޕީޖީއެއްގެ ބެލުމުގެ ދަށުން ހާއްސަ ޕްރޮސިކިއުޝަން ސެކްޝަނެއް ޕީޖީ އެކުލަވާލައްވަން ޖެހެ އެވެ. އަދި އެތަނުން މައްސަލަތަކާ މެދު 15 ދުވަހުގެ ތެރޭގައި ގޮތް ނިންމަން ޖެހެ އެވެ. އަދި ޝަރީއަތަށް ފޮނުވާ މައްސަލަތައް 60 ދުވަހުގެ ތެރޭގައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިންމަން ޖެހެ އެވެ.