ހަބަރު

60 މިލިއަން ރުފިޔާގެ އެއާޕޯޓް 60 މިލިއަން ޑޮލަރަށް ނުނިމުނު

Dec 5, 2018
6

ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މުޅި ނ އަތޮޅުގެ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ނ. މާފަރުގައި ހަދާފައިވާ އިންޓަނޭޝަނަލް އެއާޕޯޓް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.

ނަމަވެސް، ސަރުކާރުގެ ގިނަ މަޝްރޫއުތަކެކޭ އެއްފަދައިން، އެ މަޝްރޫއުގެ ތެރޭގައި ވެސް އަޑި ނޭނގޭ އެތައް ކަމެއް ހިނގާފައިވާ ކަމުގެ ތުހުމަތުތައް މި ވަނީ ކުރެވެން ފަށައިފަ އެވެ.

އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން މި އެއާޕޯޓުގައި، އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ އެވެ. އެ ރަށުގައި އަޅަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭ އެކެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވަނީ، އެއާޕޯޓު އެޅުމުގެ އެއްވެސް ތަޖުރިބާއެއް ނެތް، ސިންގަޕޫރުގެ ޓަފް އޮފްޝޯ އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑާ އެވެ. މިއީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫއުވެސްމެ އެވެ.

އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ދިނީ އެއާޕޯޓެއްގެ އިތުރުން ވީވީއައިޕީ ޓާމިނަލަކާއި ސިޓީ ހޮޓަލަކާއެކުގަ އެވެ. ނަމަވެސް، އެ ދެ މަޝްރޫއު މިހާރު ވަނީ އުނިކޮށްފަ އެވެ. އެވަރުންވެސް، އެއާޕޯޓް އެޅުމުގެ އަގު 48 މިލިއަން ޑޮލަރު (740 މިލިއަން ރުފިޔާ) ހަރަދުވާކަމަށް "އަވަސް" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ މަޝްރޫއު އާގުޅޭގޮތުން ސުވާލު އުފެދެނީ އެ ހިސާބުންނެވެ.

އެމްޓީސީސީއަށް މާފަރު އެއާޕޯޓް ނުދިން!

ސިޓީ ހޮޓަލަކާއި ވީވީއައިޕީ ޓާމިނަލަކާ ނުލައި، އިންޓަނޭޝަނަލް އެއާޕޯޓަކަށް 48 މިލިއަން ޑޮލަރު މާ ބޮޑުތަނުން ބޮޑުކަމަށް ދާއިރާގެ ތަޖުރިބާހުރި ބޭފުޅުން ވިދާޅުވެ އެވެ. ފަހުގެ ތާރީހުތަކުގައި، ރާއްޖޭގައި އަޅާފައިވާ އެއާޕޯޓުތަކަށް ބަލައިލުމުން އެކަމަށް ބާރު ލިބެ އެވެ.

މިފަހުން، ށ. ފުނަދޫގައި އެމްޓީސީސީން އެއާޕޯޓެއް އަޅައިދިނީ 60 މިލިއަން ރުފިޔާ (3.9 މިލިއަން ޑޮލަރު) އަށެވެ. އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ، ފުނަދޫގެ ހުޅަނގު ފަރާތު މޫދުން 21 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައި، އެއާޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެއް އެޅުމަށެވެ.

ނަމަވެސް، ފުނަދޫގައި އަޅާފައިވަނީ ޑޮމެސްޓިކް އެއާޕޯޓެއް ކަމުން، ރަންވޭގެ ދިގުމިނަކީ ގާތްގަނޑަކަށް 1.2 ކިލޯމީޓަރެވެ. މާފަރުގައި އެޅި ރަންވޭގެ ސައިޒު އެއަށްވުރެ އެއް ކިލޯމީޓަރު ބޮޑު ނަމަވެސް، އެ ދެ މަޝްރޫއަށް ހިނގި ހަރަދުތަކުގައި ގަބޫލުކުރަންދަތި ބޮޑު ފަރަގެއް ހުރިކަން ފާހަގަވެ އެވެ.

"ރަންވޭގެ ސައިޒުތަކުގައި ހުރި ފަރަގުން އެހާ ބޮޑުތަން އިތުރުވާނެ އެއްވެސް ސަބަބެއް ހަމަ ނުވިސްނޭ، މިސާލަކަށް ރަންވޭ ބޮޑުވެގެން، މުޅި މަޝްރޫއު، ފުނަދޫއަށް ހިނގި ހަރަދު ދެގުނައަށް ބޮޑުކުރިޔަސް މި ދައްކަނީ 120 މިލިއަން ރުފިޔާގެ ވާހަކަ، ދެން 700 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ހަރަދުވާންޖެހޭ އެއްވެސް ހަމައެއް ނެތް،" ސަރުކާގެ ކުންފުންޏެއްގެ އިސް މަގާމެއް އަދާކުރެއްވި ބޭފުޅެއް ނަންހާމަ ނުކުރަން ޝަރުތުކޮށް "އަވަސް" އަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާރާއި ރައްޔިތުން ހިއްސާވާ ދިވެހި ކުންފުންޏަކަށް މި ފަދަ މަޝްރޫއު އެއް ހަވާލުނުކުރި ސަބަބެއް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަރަދު ބޮޑުވެ، ރައްޔިތުންގެ ހުވަފެން ފެނަށް!

ސިންގަޕޫރު ކުންފުނިން ހުށަހެޅި އަގުތައް އިންތިހާއަށް ބޮޑުކަމުން، މާފަރަށް ލިބެން އޮތް ޓާމިނަލް އާއި ސިޓީ ހޮޓާ ވެސް މިހާރު އެވަނީ ގެއްލިފަ އެވެ. އަދި އެތައް މިލިއަން ޑޮލަރެއް ދިވެހި ދައުލަތަށް ގެއްލުންވެފައިވާއިރު، އެ މަޝްރޫއުގައި ސަބް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރި ދިވެހި ކުންފުނިތަކަށް ފައިސާ ނުދޭ އެތައް މައްސަލައެއް މިހާރު ވަނީ ފެންމަތިވެފަ އެވެ.

އަދި އެ މަޝްރޫއާ ގުޅިގެން، ޓަފް ކުންފުނިން ނާޖާއިޒު ފައިދާތަކެއް ނަގަމުންދާ ކަމަށް ބުނެ، އޭސީސީން ވެސް އެއް މައްސަލަ ބަލަމުންދާ ކަމަށް ވަނީ އެނގިފަ އެވެ.

އަތުން އަތަށް، ބަދަލުވަމުން އައިސް، 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން، ނ. އަތޮޅުގެ ރައްޔިތުން ދެކެމުން އައި އެއާޕޯޓެއްގެ ހުވަފެން، އަޑި ނޭނގޭ އެތައް މައްސަލަތަކެއްގެ ތެރެއަށް ވެއްޓި މިވަނީ ހިޔަނި އެޅިފަ އެވެ.