ދުނިޔެ

ކަޅު މީހުންގެ ތާރީހީ ފައްޅިއެއްގައި ހިންގި ބޮޑު ލޭ އޮހޮރުވުން: އެމެރިކާއަށް ޝޮކެއް

Jun 20, 2015
1

އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ތާރީހީ ފައްޅިއެެއްގެ ތެރޭގައި ހަމަލާދީ ނުވަ މީހަކު ބުރާސްފަތި ދުވަހު މަރާލައިފި އެވެ.

ބަޑިން ދިން އެ ހަމަލާގައި މަރުވީ ހަ އަންހެނަކާއި އެ ކްރިސްޓިއަން ފައްޅީގެ އިސް ފާދިރީ ހިމެނޭ ގޮތަށް ތިން ފިރިހެނެކެވެ. އޭގެ ތެރެއިން އެކަކު ފިޔަަަވައި އެހެން އެންމެން ވެސް ވަނީ ވަގުތުން މަރުވެފަ އެވެ. މި ހަމަލާ އިން ސަލާމަތްވީ އެ ވަގުތު ފައްޅީގައި ތިބި މީހުންގެ ތެރެއިން އެންމެ ތިން މީހެކެވެ.

މި ހަމަލާއާ ގުޅިގެން، ފިތުނަ އުފެއްދުމުގެ ކުށުގެ ތުހުމަކޮށް، އުމުރުން 21 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި ޑިލަން ރޫފް ހައްޔަރުކޮށްފައި ވަނީ ނޯތު ކެރޮލީނާގެ ޝެލްބީގައި ގާއިމްކޮށްފައި ހުރި ޓްރެފިކް ޗެކްޕޮއިންޓަކުންނެވެ.

ސައުތު ކެރޮލީނާ ސްޓޭޓުގެ ޗާލްސްޓަންގައި ހުންނަ ކްރިސްޓިއަން ފައްޅި ތެރޭގައި ޑިލަން ހަމަލާދީފައި ވަނީ އަޅުކަމުގެ ކަމެއް ހިނގަމުން ދަނިކޮށެވެ. ޑިލަން ބަޑިޖަހަން ފަށާފައި ވަނީ ފައްޅި ތެރޭގައި ގަޑިއެއްހާއިރު ހޭދަކުރުމަށް ފަހު ކަމަށްވެ އެވެ.

މި ފައްޅި ހާއްސަ ވަނީ މިއީ ކަޅު ނަސްލުގެ މީހުން ގަބޫލުކުރާ ކްރިސްޓިއަން ދީނުގެ މަޒުހަބަކަށް ހާއްސަ އެންމެ ގިނަ ދުވަސް ވީ ފައްޅި އަށް ވާތީ އެވެ. އަދި އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތުކުރެއްވި މާޓިން ލޫތާ ކިންގް އެ ފައްޅީގައި 1962 ވަނަ އަހަރު ހާއްސަ ތަގުރީރެއް ދެއްވާފައި ވުމަކީ ވެސް އެ ފައްޅި ހާއްސަވެ، އެމެރިކާގެ ތާރީހީ ގުޅިފައިވާ އެއް ސަބަބެވެ.

އިއްޔެގެ ހަމަލާ ރައީސް ބަރަކް އޮބާމާ ވަނީ ކުށްވެރިކުރައްވާފަ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ސަލާމަތްވި މީހުންނާއި ޗާލްސްޓަންގެ ކަޅު ނަސްލުގެ މީހުންނަށް "އަލުން ތެދުވަން" ހިތްވަރު ދެއްވާފައިވެ އެވެ.

ޗާލްސްޓަންގެ ފުލުހުން ތުހުމަތު ކުރަނީ މިއީ ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ. އެހެންވެ، މި ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ޑިލަންގެ މައްޗަށް ކޮށްފައި ވަނީ ވެސް ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމުގެ ކުށުގެ ތުހުމަތެވެ. މައި ސަރުކާރުން ވެސް ބުނީ ފިތުނަ އުފައްދަން ހިންގި ކުށެއްގެ ގޮތުގައި އެ މައްސަލަ މައި ސަރުކާރުން ވެސް ބަލާނެ ކަމަށެވެ.

ކަޅު ނަސްލުގެ މީހުންގެ ތާރީހީ ތަނަކަށް ހަމަލާ ދީފައި މި ވަނީ، އެ މީހުންނާ ދެކޮޅަށް ދޮން ނަސްލުގެ މީހުން ތަފާތު އެކި އަމަލުތައް ހިންގުން ޗާލްސްޓަންގައި އާއްމުވެފަައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން، މިދިޔަ މާޗު މަހު ޗާލަސްޓަންގެ ފުލުހުން އަތުގައި ހަތިޔާރެއް ނެތް ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެ ހާދިސާއާ ގުޅިގެން އެ ސިޓީގައި މުޒާހަރާ ވެސް ކުރި އެވެ.

ޗާލްސްޓަން ނޫނަސް، ދޮން ނަސްލުގެ ފުލުހުން ހަަމަލާދީ ކަޅު ނަސްލުގެ މީހުން މަރާ މަައްސަލަ އެމެރިކާގެ އެކި ހިސާބުތަކުގައި ވަނީ މި ފަހުން ބޮޑުވެފަ އެވެ. އޭގެ ތެރޭގައި، ކްލީވްލޭންޑުގައި 12 އަަހަރުގެ ކަޅު ނަސްލުގެ ކުޑަކުއްޖެއްގެ ގަޔަށް މިދިޔަ ނޮވެމްބަރު މަހު ބަޑި ޖެހި މައްސަލައެއް ހިމެނެ އެވެ. އަދި މިފަދަ ހާދިސާތައް ހިނގާފައިވާ ބޯލްޓިމޯ އާއި ފާގަސަންގައި ދާދި ފަހުން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގާފަ އެވެ.

ބާރުގެ ބޭނުންކޮށްގެން މުޒާހަރާތަކާއި އެއްވުންތައް ރޫޅާލުމުގެ އިތުރަށް، ކަޅު ނަސްލުގެ މީހުންނަށް ސީދާ އަމާޒުކޮށް ފުލުހުން ހިންގާ ހަރުކަށި އަމަލުތައް އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި އިތުރުވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ހަނގުރާމަވެރި ހަތިޔާރުގެ ގޮތުގައި ބެެލވިދާނެ ބައެއް އާލަތްތައް ސްޓޭޓްތަކުގެ ފުލުހުންނަށް ފޯރުކޮށްދިނުން މަނާކުރައްވާފަ އެވެ.

މިދިޔަ މަހު ކުރީކޮޅު އޮބާމާ އެޅުއްވި އެ ފިޔަވަޅުގެ ދަށުން، ސްޓޭޓްތަކުގެ ފުލުހުންނަށް ދިނުން މަނާ ތަކެތީގެ ތެރޭގައި ހިމެނެނީ ފުރޮޅުގެ ބަދަލުގައި ޓްރެކް ނިޒާމުގެ އެހީގައި ދުއްވާ އާމާޑް އުޅަނދު، ބަޑި ހަރުކޮށްފައި ހުންނަ މަތިންދާބޯޓާއި މަނަވަރާއި އެ ޒާތުގެ އުޅަނދުފަހަރު، 50 ކެލިބަ އަށް ވުރެ މަތީގެ ބަޑި އާއި ވަޒަން، ގްރެނޭޑް ލޯންޗަ އަދި ކެމަފްލާޖް ޔުނީފޯމެވެ. ނަމަވެސް، އާއްމު ބޭނުންތަކަށް ބޭނުންކުރާ މަތިންދާބޯޓާއި ހެލިކޮޕްޓަރާއި ޑްރޯން، ފުރޮޅު ހަރުކޮށްފައި ހުންނަ އާމާޑް އުޅަނދު، ކޮމާންޑްކުރަން ބޭނުންކުރާ އުޅަނދު އަދި ރަޔަޓް ގިޔަރާއި މުގުރު ފަދަ ތަކެތި އަދިވެސް ފޯރުކޮށްދެމުން ދާނެ އެވެ.