ރިޕޯޓް

100 މިލިއަން ރުފިޔާއިން މިންޖުނުވި ހާލަތު

"ބުދަ ދުވަހު ހަނދާން ކޮށްލަދިނީ މީގެ 20-25 އަކަށް އަހަރު ދުވަހުގެ ހަނދާން، އޭރު މާލޭގެ މަަގުތައް ހަދާފައި ހުއްޓަސް އެހާ ރަނގަޅު ފެން ހިންދާ ނިޒާމެއް ނުހުރެ، އެހެންވީމަ ކިރިޔާވެސް ބޯކޮށް ވާރޭ ވެހިލާއިރަށް މަގުތައް އޮންނާނީ ފެނު އަޑީގައި، މިއަދު ސިސްޓަމްތައް ހުރެވެސް މާލެ އޮތީ އަޑީގައި، ތަރައްގީވޭ، އެކަމަކު ތަރައްގީއެއް ނުފެނުނު، މިއަދުވެސް އުޅުނީ އެދުވަހު އުޅެން ޖެހުނު ގޮތަށް، ފައިކުރި ކަކުލާ ހަމައަށް އޮޅައިގެން، ފެން ހިންދާ ނިޒާމް ގާއިމް ކުރަން ކުރި ހަރަދެއް ނުފެނުނު،" ދެބައި އުމުރުގެ ފިރިހެނަކު އޭނާގެ އިހްސާސްތައް "އަވަސް"އާ ހިއްސާ ކުރަމުން ބުންޏެވެ.

ބުދަ ދުވަހު ހެނދުނު ގާތްގަނޑަކަށް 11:45 އެހާއިރު ވެހެންފެށި ވާރޭ ހަވީރު 5:00އާ ހަމައަށް ވެހުނެވެ. އެ ދުވަހު މާލެއަށް 223.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. އެއީ ރިކޯޑް އަދަދެކެވެ. މުޅި މާލެ ކުއްލި ހާލަތަކަށް ވެއްޓި އެންމެން އަވަދިނެތި އުޅެން ޖެހުނީ ފެނުން ސަލާމަތް ނުވެވިގެން އެވެ. މަގުތައް ފެނުން ފުރާލި އެވެ. މަގުތައް އޮތީ ފެނުގެ
އަޑީގައި އެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ގިނައިން ދެއްކި އެއް ވާހަކަ އަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައި މާލޭގެ މަގުތައް ފެންބޮޑުވާ މައްސަލަ ހައްލު ކުރެވޭނެ ވާހަކަ އެވެ. އެކަމަށް ބޮޑު ހަރަދެއްވެސް ކުރި އެވެ. މިދިޔަ ސަރުކާރުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ފެން ހިންދާ ނިޒާމް ގާއިމް ކުރުމަށް ކުރި އެވެ. އެކަމަކީ މިދިޔަ ސަރުކާރުން ވަރަށް ބޮޑު މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

އެމަސައްކަތް ހައުސިން މިނިސްޓްރީން ހަވާލުކޮށްގެން ކުރިއަށް ގެންދިޔައީ އެމްޑަބްލިއުއެސްސީއާ އެވެ. ގިނަ ފިޔަވަހުތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެމަސައްކަތްތައް ނިންމާފައިވަނީ އެކުންފުނިންނެވެ. މަޝްރޫއެއް ގާތްގަނޑަކަށް ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔައިރު، ފެން ބޮޑުވުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އޭރު އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

ފެން ހިންދުމަށް ހެދި މަޝްރޫއުތައްވެސް ނިމިއްޖެ އެވެ. 100 މިލިއަން ރުފިޔާވެސް ހަރަދުކޮށް ރައްޔިތުންގެ ރުފިޔާ އެކަމަށް ބޭނުން ކޮށްފި އެވެ. ނަމަވެސް ބަދަލު ނުވީ ހާލަތެވެ. ބުދަ ދުވަހުވެސް ފެނިގެން ދިޔައީ މީގެ 20 ވަރަކަށް އަހަރު ކުރިން މާލޭގެ މަގުތަކުން ފެނުނު ހާލަތެވެ. މަގުތައް އޮތީ ފެނު އަޑީގަ އެވެ. ފައި ކުރި އޮޅައިގެން އަތަށް ބޫޓް ލައިގެން ގެއަށްދާން ޖެހުނީ އެވެ. އެއީ ހަމަ މީގެ 20 އަކަށް އަހަރު ކުރީގެވެސް ހާލަތެވެ. ވާރޭ ތިއްކެއް ޖަހާލީ މާލޭގެ މަގުތައް ފެނުން ފުރައިލަ އެވެ،.

މިދިޔަ އޮކޯޓަބަރު މަހުވެސް ވަރަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވި އެވެ. އެކަމާ ގުޅިގެން އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސްޓޯމް ވޯޓާ ސިސްޓަމްގެ ވަރަށް ގިނަ ޕަމްޕް ސްޓޭޝަންތަކުގެ ޕެނަލް ބޯޑްތަކަށް ގެއްލުންދީ ހަލާކޮށްލާފައިވާ ކަމަށެވެ. އަދި ބައެއް ޕަމްޕް ސްޓޭޝަންތަކުގެ ކަރަންޓް ސަޕްލައި ކަނޑާލާފައިވާ ކަމަށްވެސް
މުއިއްޒު ވިދާޅުވި އެވެ.

އެދުވަހު އިތުރު ޓްވީޓެއް ކުރައްވައި މުއިއްޒު ވިދާޅުވީ، ސްޓޯމް ވޯޓާ ސިސްޓަމް ޑިޒައިން ކުރެވިފައިވަނީ ވާރޭ ހުއްޓާލާތާ ތިން ގަޑިއިރު ތެރޭ ފެންގަނޑު އެއްކޮށް ހިނދޭ ގޮތަށް ކަމަށެވެ.

ނަމަވެސް އިއްޔެ ފެނިގެން ދިޔައީ އެހެން މަންޒަރެކެވެ. ސިސްޓަމްތައް ހަމަ އަސްލުގައިވެސް ހަލާކުވެގެން ފެން ނުހިނދެނީ ހެއްޔެވެ. ނޫނީ އެސިސްޓަމްތައް ގާއިމް ކުރުމުގައި މިދިޔަ ސަރުކާރުން އިހްމާލުވީ ހެއްޔެވެ؟ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމްގެ ދަށުން ބެހެއްޓި ޕަމްޕްތައް ހުރީ ހަލާކުވެފައި ކަމަށް ސިފައިން ވެސް ވަނީ ހާމަކޮށްފަ އެވެ. ސުވާލަކީ 100 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިހަށް ދުވަހަކު ހިންގި ބޮޑު މަޝްރޫއެއްގައި ބެހެއްޓި ޕަމްޕްތަކެއް މިހާ އަވަހަށް ހަލާކުވީ ކީއްވެ ހެއްޔެވެ؟ މިއީ ޖަވާބު ހޯދަން ޖެހޭ ސުވާލެކެވެ. އެ މަޝްރޫއު ހިންގީ މަގުސަދު ހާސިލް ނުވާހާ ފެންވަރުދަށްކޮށް ހެއްޔެވެ؟

މިކަމުގައި އެހެން މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ. އެއީ މާލޭގައި ހަދާފައިވާ ރިންގްރޯޑް ޕްރޮޖެކްޓްގެ މަސައްކަތެވެ. ރިލީފް ކަންކަމުގައި އިސްކޮށް އުޅުއްވި، ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ، މެކޭނިކަލް ޕަމްޕްތައް ބޭނުންކޮށްގެން ވެސް ފެންގަނޑު އަވަހަށް ހިންދާލަން އުނދަގޫތަކެއްވީ، ރިންގް ރޯޑް ހެދުމުގައި އެ މަގު މާބޮޑަށް އުސްކޮށް ހަދާފައި ހުރުމުން ފެންގަނޑު ރަށު ތެރެއަށް ފައިބާތީ ކަމަށެވެ. އެއީ އެ މަގު ހެދިއިރު އޭރުގެ ހައުސިން މިނިސްޓްރީއިން ވިސްނާފައި ނެތުމުން ދިމާވި ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވި ގޮތުގައި މިއީ "އަމާ ބުނީތީ ފަރަށްދާ ގޮތަށް ތަރައްގީ" ގެނައުމުގެ ނަތީޖާ އެވެ.

"މިކަންތައް އެންމެ ބޮޑުވާ ގޮތަކީ އެ ހައްދަވާފައި ހުރިއިރު، އެތާގައި ހުރީ މެކޭނިކަލް ޕަންޕު ލައްވާފައި. އެކޮޅު [މާލޭގެ ބޭރުމަގު] އުސް. އެހެންވީމަ ހުރިހާ ފެނެއް ރަށު ތެރެއަށް މި ހިފަނީ. އެ ވާހަކަ އެމްއެންޑީއެފާއި ނެެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުގެ ބޭފުޅުން ވެސް ކުރިން ވެސް ހިއްސާ ކުރެއްވި. މިއަދު ފެނިގެން ދަނީ ދެބައިކުޅަ އެއްބައި ތަރައްގީ، ހަދަންޖެހޭ ގޮތަށް ނޫން ގޮތަށް ހެދުނީމަ ދެން އެ ދިމާވާ ދަތިތައް މި ފެނިގެން ދަނީ. މިއީ ވަރަށް ހިތާމަ ހުރި ކަމެއް،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ބައެއް މަސައްކަތްތައް އަވަސް އަރުވާލައިގެން ކުރުމުގެ ނަތީޖާއަކަށްވީ މާލެ ފެންބޮޑުވެ ބަޔަކަށް ގެއްލުންތަކެއް ވުމެވެ. ބުދަދުވަހުގެ ފެންބޮޑުވުމުގައި، ދެ އާއިލާއެއްގެ 20 މީހުން ތިބިގެތަކުން ނެރެ ވަގުތީ ހިޔާވަހިކަމަށް ގެންނަން ޖެހުނެވެ. އަދި 160 އަށް ވުރެ ގިނަ ގެތަކަށް ވަނީ ފެނުގެ އަސަރުކޮށްފަ އެވެ. އެންމެ ބޮޑަށް ފެނުގެ އަސަރު ކުރީ، މާފަންނު ކޮޅު އައިޖީއެމްއެޗް ސަރަހައްދުގައި ހުރި ގެތަކަށެވެ.

ފެން ހިންދާ ނިޒާމަށް އެހާބޮޑު ހޭދައެއް ކުރިއިރު، އޭގެ ނަތީޖާ ފެންނަން ނެތުމުން އުފެދޭ ސުވާލުތައް ބޮޑެވެ. ރައްޔިތުންގެ ހިތުގައި ހުރި ޝަކުވާތައް ވެސް ބޮޑެވެ. ފެނުގައި ހަލާކުވެގެން ދިޔައީ ކިހާ ސާމާނެއްކަމެއް ނުބުނެވުނު ކަމުގައިވީ ނަމަވެސް ރައްޔިތުންނަށް ކުޑަ ވަގުތުކޮޅެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. ހާލުގައި އުޅެން ޖެހިއްޖެ އެވެ. ޖުމްލަ 100 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްގެ ނަތީޖާ ވަރަށްވެސް ހިއްޗެވެ.