ބޯހިޔާވަހިކަން

ކޮލަމް ފޮޅުވަތް - ރައްޔިތުންގެ މާޔޫސްކަމުން ނާޖާއިޒު ފައިދާ ނަގަން ނޫޅޭށެވެ.

Oct 9, 2018
13

މިދިޔަ އާދިއްތަ ދުވަހު މެންދުރު ކުއްލި ގޮތަކަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ހުޅުމާލެއިން 1،000 އަކަފޫޓްގެ 400 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމެވި ވާހަކަ އެވެ. އަދި ހަމަ އެ ދުވަހު ހަވީރު 4:00 އިން ފެށިގެން ހައުސިން މިނިސްޓްރީ އިން އެކަމަށް އެދި ފޯމުތައް ދޫކޮށް، މި ހަފްތާ ނިމުމުގެ ކުރިން ގުރުއަތުން އެ ގޯތިތައް ލިބޭނެ މީހުން ކަނޑައަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރެއިން ވެސް އެކަން ކުރެއްވި ސަބަބެއް ކަމަށް ވިދާޅުވީ، މި ސަރުކާރުން އެންމެ ފަހުވަގުތު ވެސް ރައްޔިތުންނާ މެދު
ވިސްނާވަރެވެ. ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ ބޯހިޔާވަހިކަން ފުއްދައި ދެއްވަން ހުންނެވި ބޮޑު ޝައުގުވެރިކަމެވެ.

އެ ގޯތިތައް ދޫކޮށްލަން ސަރުކާރުން ނިންމީ ހިލޭ ކަހަލަ ގޮތަކަށެވެ. އަކަފޫޓެއް ގާތްގަނޑަކަށް 400 ރުފިޔާގެ މަގުން ގޯއްޗެއްގެ އަގަކީ، 400،000 ރުފިޔާ އެވެ. ޑައުންޕޭމަންޓަށް 25،000 ރުފިޔާ ދެއްކުމަށް ފަހު ބާކީ ބައި 10 އަހަރަށް ބަހާލައިގެން ދެއްކެ އެވެ. ޔަގީނުން ވެސް މިއީ، ރައްޔިތުންނަށް ވަރަށް ލުއި ފަސޭހަ އަގުތަކެކެވެ. ބޯހިޔާވަހިކަމަށް ސަލާން ޖެހުމުގައި މުޅި އުމުރު ދުއްވާލަން ޖެހިފައި ތިބި އެތައް ނިކަމެތި ރައްޔިތަކަށް އުފާވެރި ކަމުގެ ކޮޅެއްވެސް ނެތް ހަބަރެކެވެ. އެކަމަކު ސުވާލަކީ، މި ދަނޑިވަޅުގައި އަވަސް އަރުވާލައިގެން އެކަން ކުރަން ސަރުކާރުން ދިމާކުރީ ކީއްވެ ހެއްޔެވެ؟ ބޯހިޔާވަހި ކަމަށް ރައްޔިތުން ސަލާން ޖަހައި އާދޭސް ކުރަމުން އަންނަކަން އެއީ ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. ބޯހިޔާވަހިކަމެއް ނުލިބި މި މާލޭގައި އެތައް ބަޔަކު އަންނަނީ ގަނަތެޅެމުން އެވެ. އެކަމަކު ސުވާލަކީ މި ހުރިހާ ދުވަސްވީއިރު އެކަން ނުކޮށް ކުއްލިއަކަށް މިދަނޑިވަޅުގައި އަހުހެޔޮކޮށް ގޯތިތަކެއް ދޫކުރަން ސަރުކާރުން ނިންމީ ކޮން ނިޔަތެއްގައި ހެއްޔެވެ؟

މި ސަރުކާރަށް ބާކީ މަހެއްހާ ދުވަސް އޮތް އިރު، ކުއްލިއަކަށް އަވަސް އަރުވާލައިގެން ގޯތިތަކެއް ދޫކުރަން ދިމާކުރުމަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ ޖަޒުބާތުތަކާ ކުޅެލަން ސަރުކާރުން ކުރި ކަމެއް ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ. އެކަން އިއުލާން ކުރުމާ އެކު އެތައް ސަތޭކަ ރައްޔިތުންނެއް ފޯމު ނަގަން ހައުސިން މިނިސްޓްރީގެ ބޭރުގައި ކިޔޫ ހެދި އެވެ. ފޯމު ނުލިބިގެން ޒުވާބުކޮށް ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާ ހިސާބަށް ކަންކަން ދިޔަ އެވެ. ބޯހިޔާވަހި ކަމަކީ އެތައް އާއިލާއެއްގެ އުންމީދާ ގުޅިފައި އޮތް ކަމެކެވެ. ކޮންމެ ސަރުކާރަކުން ކޮންމެ ފަދަ ހައުސިން ސްކީމެއް އިއުލާން ކުރިޔަސް ރައްޔިތުން ދިގު ކިޔޫތަކުގައި ޖެހިގެން ވެސް ފްލެޓް ހޯދަން ފޯމް ލަނީ އެހެންވެ އެވެ. އެއީ ކޮންމެހެން އާންމު ރައްޔިތުންނަށް ފަސޭހަ ވެގެން ކުރާ ކަމެއް ނޫނެވެ. އަތްވާއި ވާރޭގައި ކޮޅަށް ތިބެވެސް އެކަން ކުރަނީ ބޯހިޔާވަހިކަމެއް ލިބޭނެ ކަމުގެ ކުޑަ ނަމަވެސް އުންމީދެއް އޮތީމަ އެވެ. ހައުސިން މިނިސްޓަރު މުއިއްޒަށް އެކަން ރަނގަޅަށް އެނގި ހުރެވެސް، 400 ގޯއްޗަށް އާދޭސް ކުރަން ރައްޔިތުން މިނިސްޓްރީއަށް އެއްކުރުމަކީ އެ ނިކަމެތި ރައްޔިތުންގެ މާޔޫސްކަމާއި ޖަޒްބާތުތަކާ ކުޅެލުމެވެ. ރައްޔިތުންގެ އާދޭސްތަކުގެ ނާޖާއިޒު ފައިދާ ނެންގެވުމެވެ. ސިޔާސީ މަގުސަދަށް ނިކަމެތި ރައްޔިތުންގެ ޖަޒުބާތުތައް ބޭނުންކޮށްލުމެވެ. މިއީ އެންމެ ވިޔާނުދާ ރަހުމެއް ނެތް ޒާތުގެ ޕޮލިޓިކްސް އެވެ. މިއީ ލަދެއް ހަޔާތެއް ނެތް، އެތިކްސް އާއި ނޯމް އިން ބޭރުވެފައިވާ ހައްދެއް ނެތް ޕޮލިޓިކްސް އެކެވެ.

މައްސަލައަކަށް ވަނީ މާ ހެޔޮ އަގެއްގައި ގޯތި ވިއްކަން އުޅޭތީއެއް ނޫނެވެ. ހެޔޮ އަގުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަން ޖެހެ އެވެ. އަދި އެކަން ކުރެވެން ޖެހޭނީ ދެ ފުށް ފެންނަ އިންސާފުވެރި ނިޒާމެއްގެ ތެރެއިން އެވެ. މައްސަލައަކަށް ވަނީ، ފަސް އަހަރުގެ ދައުރު ނިމެން ވީމާ ނިކަމެތި ރައްޔިތުން ބޯހިޔާވަހިކަމަށް ސަލާންޖަހާކަން ކުއްލި އަކަށް ހައުސިން މިނިސްޓަރަށް އެނގިވަޑައިގަތީމަ އެވެ. އެކަމަކު އެކަން ކުރަން މިފަހަރު ވެސް ދިމާކުރެއްވީ އިންސާފުގެ އުސޫލުން ބޭރުން އެވެ. ގޯތި ދޫކުރުމުގެ އިންސާފުވެރިކަން ކަށަވަރު ކުރެވޭނެ މެކޭނިޒަމްއެއް ނެތި، ހިތުހުރި ބަޔަކަށް 400 ގޯތި ބަހާލެވޭނެ އުސޫލުން ކަންކަން ހުރީ ތަރުތީބުކޮށްފަ އެވެ. އެކަން ކުރަން އުޅުނީ ވީހާވެސް އަވަސް އަރުވާލައިގެން އެވެ. ދެ ފުށްފެންނާނެ ގޮތެއް ހެދިފައެއް ނެތެވެ.

މީގެ ކުރިން ވެސް ސަރުކާރުން އަމަލު ކުރީ އެހެން އެވެ. ކުރީގެ އެމްޑީޕީ ސަރުކާރައި ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އަޅަން ފަށައި ހުޅުމާލޭގައި ހަދާ ނިމުނު ފްލެޓްތައް ދިނީ އެއްވެސް ކަހަލަ ދެ ފުއްފެންނަ އުސޫލެއް ނެތި، "މިނިސްޓަރުގެ ލިސްޓަކަށް" ކަމަށް ޝައްކު ކުރެވެ އެވެ. އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީއިން ނިންމިއަސް ފްލެޓް ލިބި އެތަންތަނުގައި ދިރިއުޅޭ މީހުންނާއި ޕޮއިންޓް ލިބުނު އުސޫލަށް ބަލައިލީމާ އެއީ އިންސާފުގެ މަގުން ހިނގި ކަމެކޭ ބުނަން އަދިވެސް ދައްޗެވެ. އެކަމަކު ރައްޔިތުންގެ ޖަޒުބާތުތަކަށް އެފަހަރު މިނިސްޓަރު މުއިއްޒު ދެއްވީ ބީރު ކަންފަތެވެ. ރައްޔިތުންނާއި ނޫސްވެރިން އާދޭސް ކޮށް ކަލާކޮށްޓަކާ ގޮވީމާ ވެސް ފްލެޓް ލިބުނު މީހުންނަށް މާކްސް ދިން އުސޫލާއި ލިބުނު މާކްސްގެ ތަފްސީލް ހާމަކުރައްވަން މިނިސްޓަރު ދުލެއް ނުދެއްވި އެވެ. އެ މައުލޫމާތު އޮތީ ބޮޑު ފޮށީގައި ރައްކާ ކޮށްފަ އެވެ. ބަހަނާއަކަށް ދެއްކީ އެއީ ބައެއްގެ ޒާތީ މައުލޫމާތު ކަމަށެވެ.

ރައްޔިތުންގެ ޖަޒުބާތުތަކާ ގުޅިފައި އޮތް، ބޯހިޔާވަހިކަމުގެ ކަންތައްތަކުގައި ސަރުކާރުން މިހާ އޮޅުންބޮޅުންކޮށް އަމަލުކޮށްފައި އޮތް އިރު، މާ ހެޔޮ އަގުގައި ބޯ ހިޔާވަހިކަން ރައްޔިތުންނަށް ހޯދަައިދޭން ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ކަމަށް ބުނެވޭނެ ޖާގަ އެއްގޮތަކަށް ވެސް ނެތެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކީ އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ އަގު ބޮޑުވެ އާންމުން ޝަކުވާ ކުރުމުން ވެސް ސަރުކާރަށް ގެއްލުންވާ ކަމަށް ބުނެ، އެތަންތަނުގެ އަގު ސޯޝަލް ހައުސިން ސްކީމްގެ އަގުތަކަށް ފައްތަން ސަރުކާރުން އެއްބަސް ނުވުމެވެ. ފަސޭހަ ލުއި ޓާމްސްތަކެއް ފަހިކޮށް ދިނުމުގެ ބަދަލުގައި، ގިނަ ފްލެޓްތައް މުއްސަދިންނަށް ބޮޑު އަގުގައި ނީލަމުގެ އުސޫލުން ވިއްކާ ހުސްކުރީ އެވެ. އެކަމަކު ސަރުކާރުން ބޭނުން ނަމަ، އެ ފްލެޓްތައް ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްލެވޭނެ އެވެ. އެކަމުން ދައުލަތަށް ގެއްލޭ ފައިސާއަކީ ރަނގަޅު އިންވެސްޓްމަންޓަކަށް ހެދެން އޮތެވެ. ނިކަމެތި ރައްޔިތުންގެ އާދޭސްތަކުގައި ކޮޅުފައިން ޖަހައި ބޯހިޔާވަހިކަމާ މެދު އިންތިހާއަށް އިހުމާލުވެފައި އޮތް އިރު، ރައްޔިތުންނަށް ހެޔޮ އެދޭ ބަޔެއް ކަމަށް ދެއްކުމުގެ އެއްވެސް މާނައެއް ނެތެވެ. ތިކުރައްވަން އުޅޭ ކަމަކީ ރައްޔިތުންގެ ޖަޒުބާތުތަކާ ކުޅެލައިގެން ސިޔާސީ ފައިދާނެގެނުން ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

ހުޅުމާލެއިން 400 އެއްހާ ގޯތި ދޫކުރުމަކީ އަދި ބޯހިޔާވަހި ކަމަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ ގޮތެއް އޮތް ކަމެއް ވެސް ނޫނެވެ. އެތަންތަން އިމާރާތް ކޮށްގެން ނޫން ގޮތަކަށް، އެ ތަންތަން ދޫކުރި މަގުސަދު ހާސިލެއް ނުވާނެ އެވެ. ސުވާލަކީ އެ ތަންތަން އިމާރާތްކޮށް ގެއަޅައިގެން ދިރިއުޅެވޭ ފެންވަރުގެ ތިބީ ކިތައް މީހުން ހެއްޔެވެ؟ ހުޅުމާލޭގެ ފުރަތަމަ ފޭސްގައިވެސް ދޫކުރި އެތައް ގޯތިތަކެއް އަދިވެސް ހުރީ ރަނގަޅަށް ނުހެދި އެވެ. މި ބިންތައް ހެޔޮ އަގުގައި ވިއްކުމަކީ އަނެއްކާ ވެސް މުއްސަދިންތަކެއް އިތުރަށް މުއްސަދި ކުރަން ހުޅުވާލެވޭ ދޮރަކަށް ވުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކަށް ވަނީ، އެ ތަންތަން ވިއްކައިގެން ވިޔަފާރި ކުރަން ބަޔަކު ދިމާކޮށްފާނެތީ އެވެ. ނޫނީ އެ ބިންތައް ދިގު މުއްދަތަށް ކުއްޔަށް ދޫކޮށް އެތަންތަނުން ވިޔަފާރީގެ ފައިދާ ނެގުމުގެ ފުރުސަތު ވެސް އޮތީ އެވެ. މި ހުރިހާ ސަބަބުތަކާ ހުރެ 400 ގޯތި ދޫކުރުމުގައި ސަރުކާރުގެ ނިޔަތް ވަރަށް ވެސް ބޮޑަށް އެބަ ސާފުކޮށްދެ އެވެ.

ސަރުކާރު ބަދަލުވުމުގެ މި މަރުހަލާގެ ތެރޭގައި ގޯއްޗާއި ފްލެޓް ނުވިއްކުމާއި އާ ކޮންޓްރެކްޓްތައް ނުހެދުމަށް އަދި މުވައްޒަފުން ނުނެގުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާއަކުން އޮތީ ސަރުކާރަށް އަންގައިފަ އެވެ. އެއީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގެ ރޫހާ މުޅިން ހިލާފު ދުރު ކަންކަމެވެ. އެތައް ލައްކަ ރައްޔިތުންނެއް އާ ބަސްބުނި އާ ސަރުކާރެއްގެ ސިޔާސަތުތަކަށް ފުރުސަތު ދިނުމަކީ ގާނޫނުތަކުގެ ރޫހެވެ. އަދި އެއީ ބުއްދީގެ ހަމައިން ވިސްނާއިރު އެންމެ ރީތި އުސޫލެވެ. މިދަނޑިވަޅުގައި ކޮންމެހެން ރައްޔިތުންގެ ޖަޒުބާތުތަކާ ކުޅެލައިގެން ސިޔާސީ މަންފާ ނަގަން އުޅުމަކީ ވަރަށް ވެސް ހުތުރު އަމަލެކެވެ. ރައްޔިތުންގެ ބޭނުންތަކަކީ ސިޔާސީ މީހުން ކްރިޑިޓް ނަގައި ހަތިޔާރަކަށް ހަދައިގެން ނުވާނެ އެވެ. ސިޔާސީ ގޮތުން ކުރި ހޯދުމަށް ރައްޔިތުންގެ ޖަޒުބާތުތައް ބޭނުން ކުރުމަކީ ދަށު ދަރަޖައިގެ ސިޔާސީވުމެކެވެ. ތިއީ ރައްޔިތުންނަށް ހެޔޮ އެދުމެއް ނޫނެވެ. ތިއީ ރައްޔިތުންގެ ނިކަމެތިކަން ވަކި ބަޔެއްގެ ސިޔާސީ ކުރިއެރުމަށް ބޭނުން ކުރުމެވެ. ރައްޔިތުންނަށް ހެޔޮކަމެއް ކޮށްދިނުމުގެ މަންޒަރު ދައްކައިގެން، ސިޔާސީ ފައިދާއެއް ނެގުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.