ހަބަރު

ފެން އެޅުނު އުޅަނދުތައް މަރާމާތު ކުރަން ދިގު ކިޔޫތަކެއް

Dec 6, 2018

މާލެ އަށް އިއްޔެ ބޯކޮށް ވާރޭވެހި "ހަލާކުވި" އެއްގަމު އުޅަނދު ފަހަރު ސާވިސް ކުރަން ގަރާޖުތަކުގައި ދިގު ކިޔޫ ތަކެއް ދަމާލައިފި އެވެ.

މާލެ އަށް ރެކޯޑު އަދަދަކަށް ފެން ބޮޑުވުމާއެކު އެއްގަމު ގިނަ އުޅަނދު ފަހަރު ތަކަކަށް ވަނީ ފެން އެޅި ހަލާކުވެފަ އެވެ. ބައެއް ގަރާޖު ތަކުން ވަނީ މި ސައިކަލްތަކަށް ހިލޭ ސާވިސް ކޮށްދިނުމުގެ ހިދުމަތް ދެމުންނެވެ.

ފެން އެޅި ހަލާކުވި ސައިކަލްތަކަށް ހިލޭ ސާވިސް ދެމުން ގެންދާ ލިޓަސްގެ އޮފިޝަލަކު ވިދާޅުވީ މިހާރުވެސް ގަރާޖުގެ ތެރޭގައި 40 ސައިކަލް އަށް ސާވިސް ދެމުންދާ ކަމަށެވެ.

"ވަރަށް ގިނަ ބަޔަކު އައިސް އެބަތިބި، އަޅުގަނޑުމެންނަށް ވާ ވަރަކުން ކޮށްދެމުން މި ދަނީ،" ލިޓަސްގެ މާކެޓިން މޭނަޖަރު، އާސިފު ރަޝީދު ވިދާޅުވި އެވެ.

ޕްލަގާއި އަޑީ ތެލަށް ބޮޑު ޑިމާންޑެއް!

ފެން އެޅި ހަލާކުވި ގިނަ އުޅަނދު ފަހަރު އަލުން ދުއްވާނަމަ ޕްލަގާއި އަޑީ ތެޔޮ ބަދަލު ކުރަން ޖެހެ އެވެ.

ލިޓަސްގެ އޮފިޝަލަކު ވިދާޅުވީ ކޫލެންޓާއި ޕްލަގް ބަދަލު ކުރަން ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ސާފުކޮށްދެން ޕްލަގް. އަދި ކަސްޓަމަރު ބޭނުންނަމަ ބަދަލުކޮށް ދޭނެ. އެކަމަކު ޕްލަގާއި އަޑީ ތެލަށް އަގު ނަގާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ލިޓަސްގެ އޮފިޝަލް ވިދާޅުވީ ގިނަ ސައިކަލްތަކުގެ ސައިލެންސަރަށް ފެން އެޅިފައިވާ ކަމަށެވެ. އެހެންވެ، ފެން ހުސް ކުރުމަށްފަހު ދުއްވާލާފައި އައިސް އަޑީ ތެޔޮ ބަދަލު ކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެން ގަރާޖެއް ކަމަށްވާ މާޑް ގަރާޖުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ގިނަ އަދަދެއްގެ ކާރާއި ޕިކަޕު ވެސް ސާވިސް ކުރަން އައިސްފައިވާ ކަމަށެވެ. އަދި ޕްލަގާއި އަޑީ ތެލަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ވެހިކަލް ގެންނަލެއް ގިނަ ކަމުން ކިޔޫ ހަދާފައި މިއޮތީ. ނުވެގެން މިދަނީ. ޖާގަ ކުޑަވީމަ ވަރަށް ދަތި،" އޮފިޝަލް ވިދާޅުވި އެވެ.

މާލެއަށް މިއިން ދުވަހަކު ނުވެހޭ ވަރަށް ވާރޭ ވެހުމާ ގުޅިގެން އިއްޔެ ގިނަ އަދަދެއްގެ ވެހިކަލް ތަކަށް ބޮޑެތި ގެއްލުން ތަކެއް ވި އެވެ. ބައެއް ސައިކަލްތައް ފެންގަނޑު ތެރެއަށް ވެޓިފައިވެސް ހުއްޓެވެ.