ވިއްސާރަވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ހަ ސަރަހައްދެއްގައި ހޮޅި އެޅުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ހޮޅި އަޅަން ނިންމައި އެކަމުގައި އާންމުންގެ ހިޔާލަށް ހުޅުވާލާފަ އެވެ.
މިމަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ މި ސަރަހައްދުތަކުގައި ހެދޭ ފެން މޫދަށް ބޭރުކުރުމަށް ހޮޅިތަކެއް އަޅައިގެންނެވެ.
މި މަޝްރޫއުގެ ދަށުން އަޅާ ހޮޅިއަކީ މިހާރު މާލޭ މަގު ހެދުމުގެ ޕްރޮޖެކްޓްގައި ބޭނުންކުރެވޭ ހޮޅިއަށްވުރެ ފަލަ ހޮޅިތަކެއްކަން ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
މަޝްރޫއަށް ތިނެއް ނުވަތަ ހަތަރު މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މުއްދަތުގައި މި ސަރަހައްދުގެ މަގުތައް ބޭނުންކުރާ މީހުންނަށް ދަތިތަކެއް ދިމާވެދާނެކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.
ސާވޭއަކީ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލްރިސޯސް ގްރޫޕް (ލަމަޔާ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެއްކަމަށް އެ މިނިސްޓްރީން ބުނެ އެވެ.