ހަބަރު

މިއަދު ވެސް އެހީގެ ގޮތުގައި ހަތް ލައްކަ ރުފިޔާ

Dec 6, 2018
6

މާލެއަށް އިއްޔެ ވެހުނު ވާރެއާ ގުޅިގެން ބޮޑުވި ފެންގަނޑާއެކު ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމަށް މިއަދު އެކަނި ވެސް ހަތް ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

މިއަދު އެންމެ ފުރަތަމަ ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފައިވަނީ ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއަށްފަހު ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް، މަޓީއިން ވަނީ ހަތަރު ލައްކަ ރުފިޔާ އެހީގެ ގޮތުގައި ހަދިޔާކޮށްފަ އެވެ.

ރޭ ދިރާގުން ވެސް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.

އިއްޔެ މެންދުރުން ފެށިގެން ހުއްޓާ ނުލާ މާލެއަށް ވެހުނު ބޯވާރޭގައި ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވެ ގެތަކަށް ފެނުގެ އަސަރުކުރި އެވެ. އަދި ދެ ގެއަކުން މީހުން ހުސްކުރަން ޖެހުނެވެ. ކަލާފާނު ސްކޫލްގައި ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރެއް ވެސް ގާއިމްކޮށް ވަގުތީ ހިޔާ ގާއިމްކޮށް ދިނެވެ.

ވާރޭގައި 160 ގެއަކަށް ގެއްލުންވި ކަމަށް ރިކޯޑްތަކުން ދައްކާއިރު އެ ގެތަކުގެ އެސެސްމެންޓް މިހާރު ޑިޒާސްޓާ މެނޭޖްމެންޓުން ދަނީ ހަދަމުންނެވެ.

އެ މެނޭޖްމެންޓުން ބުނާ ގޮތުގައި މިހާރު ވަގުތީ ހިޔާގައި ތިބީ އެންމެ އާއިލާއެކެވެ. އެ އާއިލާ ގެއަށް ބަދަލު ނުކުރެވި ވަނީ އެ ގޭގެ ނަރުދަމާއަށް ދިމާވެފައިވާ މައްސަލައަކުން ކަމަށާއި އެކަން ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

މިއަދު މާލެއަށް މޫސުން ރަނގަޅުއިރު، ބޮޑުވި ފެންގަނޑު ވެސް ވަނީ ހިނދިފަ އެވެ.