ހޮލީވުޑް

އެވެންޖާސްގެ ނިމުމުގެ ފުރަތަމަ ފެނިލުމުން، ކެތްމަދުކޮށްލައިފި

މާވެލް ސްޓޫޑިއޯސްއިން ގެނެސްދެމުން އަންނަ ސުޕަހީރޯ ފިލްމު ސީރީޒް "އެވެންޖާސް"ގެ ހަތަރު ވަނަ ފިލްމުގެ ޓްރެއިލާއާއެކު، އެންމެންގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. މިއީ "އެވެންޖާސް"ގެ އެންމެ ފަހު ބައެވެ. މި ފިލްމުގެ ޓްރެއިލާއަށް އެކަނިވެސް އެތައް ބަޔަކު ވަނީ އިންތިޒާރުކުރި އެވެ. އަދި މި ޓްރެއިލާ ރިލީޒްކުރުމާއެކު މުޅި ސޯޝަލް މީޑިއާއަށް މާވެލްގެ ކުޑަ އީދެއް ވަނީ އައިސްފަ އެވެ.

އެވެންޖާސް ހަތަރެއް، އެެންޑް ގޭމްގެ ޓްރެއިލާ

މާވެލް ސްޓޫޑިއޯސްއިން އުފައްދާ އެވެންޖާސްގެ ޓްރެއިލާގައި ނޭވާ ހިފަހައްޓާލަންޖެހޭ މަންޒަރުތަކެއް ފެނިގެން ދެ އެވެ. އެންމެ ފަހުން ގެނެސްދިން އެވެންޖާސް އިންފިނިޓީ ވޯގައި ފެނުނީ ވިލަން ތޭނޯސް އޭނާގެ މަގުސަދު ހާސިލްކުރާ ތަނެވެ. އެއާއެކު ފިލްމުގައި ހިމެނޭ މުހިއްމު ކެރެކްޓަރުންތަކެއް ވީ ނުވީ އެއް ނޭނގި ގެއްލުނެވެ. އަދި އެވެންޖާސް އެންޑް ގޭމް ޓްރެއިލާގައި ސަލާމަތުން ތިބި ކެރެކްޓަރުންތައް އަނެއްކާވެސް ތޭނޯސް ބަލި ކުރުމަށް ކުރާ މަސައްކަތް ފެނިގެންދެ އެވެ. މި ޓްރެއިލާގެ އެންމެ ޝައުގުވެރި ތަންކޮޅަކީ ޓްރެއިލާ ނިމޭ ތަނެވެ. މާވެލްގެ ސުޕަހީރޯ އޭންޓް މޭންގެ މަންޒަރެއް ފެންނަ އިރު، ބައެއް ފޭން ތިއަރީތައް ބުނާ ގޮތުގައިި ޔުނިވާސް ސަލާމަތް ކޮށްދޭނީ ޓްރެއިލާގެ އެންމެ ފަހު މަންޒަރުގައި ފެންނަ އޭންޓް މޭން އެވެ.

އެވެންޖާސްގެ ހަތަރެއްގެ ޝޫޓިން މިދިޔަ އަހަރު ފަށާފައިވާއިރު، މާވެލްއިން ވަނީ މި ފިލްމުގެ އެއްވެސް ތަފްސީލެއް ލީކު ނުވޭތޯ ވަރަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެވެންޖާސް ހަތަރެއްގެ ޓައިޓަލް ވަނީ ފިލްމު ޝޫޓު ކުރަން ފެށިތާ ދުވަސްކޮޅެއް ތެރޭ ލީކުވެފަ އެވެ.

ޒުވާނުންގެ ތެރޭގައި މަޝްހޫރު މި ފިލްމަކީ އެންތަނީ ރުސޯ އަދި ޖޯއީ ރުސޯ ޑައިރެކްޓްކޮށް އުފައްދާ ފިލްމެކެވެ. އަދި މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި ތިނެއްގައެވެ. ފިލްމުގެ ޑައިރެކްޓަރުުން މި ޓްރެއިލާ ރިލީޒް ކުރަމުން ޓްވިޓާ މެދުވެރިކޮށް ފޭނުންނަށް ވަނީ ލޯބި މެސެޖެއް ވެސް ދީފަ އެވެ.