ބޮލީވުޑް

މަދޫރީ ސިޔާސީ ދާއިރާއަށް ނުކުންނަ ވާހަކަ ދޮގުކޮށްފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ ލޯކް ސަބާ އިންތިހާބުގައި މަދޫރީ ޑިކްސިޓް ބައިވެރިވާނެ ކަމަށް އަޑު ފެތުރިފައިވަނިކޮށް އެއީ ދޮގު ހަބަރެއް ކަމަށް އޭނާގެ ތަރުޖަމާނު ޔަގީންކޮށްދީފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވާދަ ކުރުމަށް ބޮލީވުޑްގެ ތަރި މަދޫރީގެ ނަަން ޝޯޓު ލިސްޓު ކުރީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ން ލޯކް ސަބާގެ ގޮނޑިއަށެވެ. މި ހަބަރުތަކަކީ ދޮގެއް ކަމަށް ޔަގީން ކޮށްދެމުން އިންޑިއާގެ ނޫސް އައިއޭއެންސްއަށް ވަނީ އޭނާގެ ސްޕޯކްސް ޕާސަން ސްޓޭޓްމަންޓެއް ދީފަ އެވެ. އެ ހަބަރަކީ ދޮގު ހަބަރެއް ކަމާއި އެއީ ހަދަހަދައިގެން ދައްކާ ވާހަކަ އެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

ބީޖޭޕީއަކީ އިންޑިއާގައި މިހާރު ވެރިކަން ކުރަމުންދާ ޕާޓީ އެވެ. މި ޕާޓީގެ އޮފިޝަލް ޓްވިޓާގައި އެ ޕާޓީގެ ރައީސް އަމިތު ޝާހު އާއި މަދޫރީ އަދި އޭނާގެ ފިރިމީހާ ޑރ. ޑިކްސިޓް ބައްދަލުކުރި ފޮޓޯ ވަނީ ޓްވީޓު ކޮށްފަ އެވެ.

އެ ބައްދަލުވުމަކީ އެ ޕާޓީއިން ހިންގާ ކެމްޕޭން ޕްރޮގްރާމެއް (ސަމްޕަކް ފޯ ސަމާތަން)ގެ ބައްދަލުވުމެއް ކަމަށް އެ ޓްވީޓުގައި ބުނެފައިވެ އެވެ. އެހެންނަމަވެސް، މަދޫރީ އާއި އޭނާގެ ފިރިމީހާ ބީޖޭޕީގެ ރައީސްއާ ބައްދަލުކުރުމުން އޭނާ ސިޔާސީ ދާއިރާއަށް ވަނީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. މި ޕްރޮގުރާމުގައި އެ ޕާޓީއިން ވަނީ އިންޑިއާގެ އެކި މީހުންނާ ބައްދަލުކޮށްފަ އެވެ.

ބީޖޭޕީ އިން ކޮށްފައިިވާ ޓްވީޓު

މަދޫރީ ޑިކްސިޓްއަކީ ހިންދީ ސިނަމާގައި ދެގޮތެއްނުވާ ބަތަލާއެވެ. އޭނާގެ ފަރި ނެށުންތަކާއި ހުނަރުވެރި އެކްޓިންއަށް އަދިވެސް ސާބަސް ދެމުންދާއިރު، ދާއިރާއަށް ނިކުތީ 80ގެ އަހަރުތަކުގެ ތެރޭގަ އެވެ. ހުއްޓުމެއް ނެތި މި ދާއިރާގައި މަަސައްކަތް ކުރަމުންދާއިރު ދެން އެންމެ އަވަހަށް ފެންނާނީ އަންނަ ފެބްރުއަރީ މަހުގެ 22 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އިންނެވެ.

ބޮލީވުޑްގެ އިތުރުން މަދޫރީ ވަނީ އިޖުތިމާއީ ކެމްޕޭންތަކާއި ޕްރޮގުރާމްތަކުގައި މަސައްކަތްކޮށްފަ އެވެ. އިޖުތިމާއީ ފޯރަމް ތަކާއި، އިންސާނީ އެހީ ހޯދައިދިނުމާއި، ތިމާވެށި ހިމާޔަތް ކުރުމުގެ އެކި އެކި ކެމްޕެއިންތަކުގައި އޭނާ ވަނީ އިސްކޮށް ބައިވެރިވެފަ އެވެ. މިކަހަލަ މަސައްކަތްތަކުގައި އުޅެމުން ސިޔާސީ ދާއިރާއަށް ނިކުތުމަކީ ރަނގަޅު ފާލެއް ކަމަށްވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި އެ ހަބަރާ ގުޅިގެން ބުނެފައިވެ އެވެ.