ހަބަރު

ފެން ބޮޑުވެ، 1.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު: ޑިޒާސްޓާ

މިދިޔަ ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރާގައި ފެން ބޮޑުވެގެން ގެތަކަށާއި އެހެނިހެން ތަންތަނަށް ލިބުނު ގެއްލުން 1.2 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ.

ޑިސާސްޓާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ޕްރޮޖެކްޓް މެނޭޖާ ހިސާން ހަސަން މިއަދު ވިދާޅުވީ، ގެއްލުން ލިބުނު 214 ގެތަކުގެ ތެރެއިން 170 ތަނެއްގެ އެސެސްމެންޓް ހަދާ ނިމިފައިވާ ކަމަށާއި ބާކީ ހުރި ތަންތަނަަށް ނުވެދިފައިވަނީ މީހުން ގޭގައި ނޫޅޭތީ ކަމަށެވެ. އަދި އޭގެ ތެރެއިން ހަ ގެއަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެ ގެތަކަށް އެމްޑަބްލިއުއެސީ އާއި ސްޓެލްކޯގެ ފަރާތުން ފައިސާގެ އެހީ އާއި ރިލީފް އެހީ ފޯރުކޮށްދީފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"ލޮނަދޫގެއަށް ފެން ވަނީ، ޖަންޝަންގެ ފެން ހުރިހާ ތަނަކަށް ގޮސް ހިފާ ގެންގުޅޭ ތަކެއްޗާއި އަންނައުނަށް ވެސް ގެއްލުން ލިބުން، އެ ގެޔަށް ހައުސިން އިން އެ ގެއަށް ގޮސް ސާފުކޮށް، ކުނި ވަނީ އުކާލާފައި،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، ޑިސާސްޓާ އާއި ރެޑް ކްރެސަންޓާއި ހެލްތުގެ ޓީމެއް ޒިޔާރަތްކޮށް ސާފުކޮށް ސިއްހީ ކަމެއް ދިމާވެދާނެތީ އާއިލާއަށް އިންސްޓްރަކްޝަން ދީފައިވާ ކަމަށާއި ރިލީފް އެހީގެ ގޮތުގައި ގޮދަޑި އާއި ބާލިސް އަދި އަންނައުން ފޯރުކޮށް ދީފައިވާ ކަމަށެވެ. އަދި ބާކީ ހުރި ގެތަކަށްވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ދީފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"މިހާރު ޑެމޭޖް އެސެސްމެންޓް ހަދާ ނިމި އަޅުގަނޑުމެންގެ ސިސްްޓަމަށް ހުރިހާ ފޯމްސްތަކެއް އަޅާލީމަ މިހާރު ޓޯޓަލް ޑެމޭޖް ލޮސްއެއް ގޮތުގައި އެބަ ދައްކާ 1.2 މިލިއަންގެ ގެއްލުން ލިބިފައިވާ ކަމަށް،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، ސަރުކާރު ހުޅުވުމުން އެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާނެ ކަމަށެވެ. އަދި ހުރިހާ ފޯމެއް އެންޓާ ކުރުމުން 1.2 މިލިއަން ރުފިޔާއަށްވުރެ ލިބުނު ގެއްލުން ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހިސާން ވިދާޅުވީ، ކާރިސާތަކުގެ ލިބޭ ގެއްލުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލަކީ ބަދަލަށް ބަދަލު ދިނުމެއް ނޫން ކަމަށެވެ. ނަމަވެސް ރިލީފް ފަންޑުގެ ތެރެއިން ގެއްލުން އެސެސް ކުރުމަށް ފަހު ރަމްޒީ އެހީތެރިކަމެއް ފައިސާއިން ފޯރުކޮށްދޭ އުސޫލެއް ކަމެއް ކަމަށެވެ.

ފެން ބޮޑުވުމަކީ ކުއްލިއަކަށް ވާ ކަމެއް ނޫން ކަމަށާއި ފަރުދީ ގޮތުން ކުރެވިދާނެ ބައިވަރުކަންކަން ހުންނާނެ ކަމަށް ހިސާން ވިދާޅުވި އެވެ. ނަމަވެސް އެދުވަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެންބޮޑުވުމުން އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިގެން ނުދިޔައީ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.