ހަބަރު

ހޯރަ އިއްބެ ދޫކޮށްލީ އިންސާނިއްޔަތަށްޓަކައި: އެމްޑީޕީ

އިބްރާހީމް ރަޝީދު، ހޯރަ އިއްބެގެ މައްޗަށްކޮށްފައިވާ ހުކުމްގެ އަދަބު ލުޔިކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމަކީ އިންސާނިއްޔަތައްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލި އެމްޑީޕީގެ އެކްޓިވިސްޓް ހޯރަ އިއްބެގެ ހުކުމް ލުއިކޮށްދީ މިނިވަންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހޯރަ އިއްބެ 2012 ޑިސެމްބަރުގައި ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ކޮޓަރިއެއްގައި ތިއްބަ އެވެ. އެ އަންހެން ކުއްޖައާ ހޯރަ އިއްބެ ފަހުން ކައިވެނިކޮށް އެ ކައިވެންޏަށް ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެފައިވަނީ، އިއްބެގެ ހުކުމް މާފުކޮށްދޭން ރައީސް ނިންމެވީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން އިއްބެގެ ޖަލު ހުކުމަށް ލުޔެއް ދިނުމަށް ނިންމާފައިވާތީ އެ ނިންމުމަށް ރިއާޔަތްކޮށް ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައިވަނީ، 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަދަލުވުމަށްފަހު، އޭރު އުފެދުނު ސަރުކާރުން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް އަމާޒުކޮށްގެން ޖިނާއީ އަދުލުގެ ނިޒާމް ނަހަމަގޮތުގައި ބޭނުންކޮށްގެން ހިންގި ޝަރީއަތްތަކުގެ ތެރޭގައި އިބްރާހީމް ރަޝީދުގެ ޝަރީއަތް ހިމެނޭ ކަމަށެވެ. އަދި، ހޯރަ އިއްބެގެ މައްޗަށް ޝަރީއަތް ހިންގައި ހުކުމްކުރެވިފައިވަނީ ޝަރީއަތަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވައިގެންކަމަށް ދެކޭކަމަށްވެސް އެމްޑީޕީއިން ބުންޏެވެ.

އޭނާ ހައްޔަރުކުރުމުގައި އާއި ޝާރީއަތުގައި ހިނގައި ދިޔަ އިޖުރާއީ ގޯސްތަކަށް ކޯޓުން ރިއާޔަތްނުކޮށް ދޫކޮށްލައިފައިވަނީވެސް ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށެވެ. އަދި އިބްރާހީމް ރަޝީދުގެ މައްސަލައާ ގުޅިގެން އޭނާގެ އާއިލާއިންވެސް އެކަން އެގޮތަށް ފާހަގަ ކޮށްފައިވާ ކަަމަށްވެސް އެމްޑީޕީއިން ބުންޏެވެ.

"އިސްވެ ދެންނެވުނު ކަންކަމަށާއި އިބްރާހީމް ރަޝީދުގެ ހާލަތަށާއި އެނާގެ އާއިލާ އާއި ތުއްތު ދަރިފުޅުގެ ހާލަތަށާއި އަދި މުޅި މިމައްސަލައިގައި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރައްވައި، އިބްރާހީމް ރަޝީދުގެ މައްޗަށްކޮށްފައިވާ ހުކުމްގެ އަދަބު ލުޔިކޮށްދެއްވަން ރައީސް ސޯލިހް ނިންމެވި ނިންމެވުމަކީ އިންސާނިއްޔަތައްޓަކައި ނިންމެވި ނިންމެވުމެއް،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީ އިން އިތުރަށް ބުނީ، ކުޑަކުއްޖަކު އެއްވެސް މީހެއްގެ ޖިންސީ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެކުދިންނަށް ދިރުއުޅުމުގައި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ނުހަނު ބޮޑުތި މަސައްކަތްތަކެއް ކުރަންހުރިކަން ކަމަށާއި އެމައްސަކަތް ކުރުމުގައި އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަންދޭ ކަމަށްވެސް އެމްޑީޕީ އިން ބުންޏެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށާއި ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ މީހުންނަށް މާފު ނުދެވޭނެ އެވެ. ނަމަވެސް އިއްބެގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށެވެ.

ދެހާސް ސޯޅަވަނަ އަހަރު ކްލެމެންސީ ބޯޑުން ވަނީ އިއްބެގެ ޖަލު ހުކުމްގެ ތެރެއިން ތިން މަސް ފިޔަވައިި އަނެއް ބައި ލުއިކޮށްދޭން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އަރުވާފަ އެވެ. ނަމަވެސް ރައީސް އޮފީހުން އޭރު ނިންމާފައިވަނީ އިއްބެގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ މާފު ދިނުމުގެ ގާނޫނުގެ ދަށުން ލުއިކޮށް ދެވޭނެ ކުށެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި އެއީ ހައި ރިސްކް ކުށެއް ކަމަށްވާތީ އިއްބެއަށް މާފު ދޭން ނުފެންނަ ކަމަށެވެ.

އެހެން އޮތްވާ، މި ސަރުކާރުން އިއްބެ ދޫކޮށްލުމާއެކު ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑުވެ، ޓްވިޓާގައި ރައްޔިތުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އެކަމާ ގުޅިގެން އިއްބެގެ އަންހެނުން ޒުއްރިއްޔާ އަބްދުއްޝުކޫރު ވަނީ ބަޔާނެއް ނެރެފަ އެވެ. އޭނާ ބުނި ގޮތުގައި އިއްބެގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެކެވެ. ޒުއްރިއްޔާ ބުނީ އިސްލާމީ ޝަރީއަތުން އެމީހުންނާ މެދު ދޭންވީ އަދަބެއް ދޭންވީ ކަމަށާއި ނަމަވެސް އިއްބެއާ މެދު ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ.