ބޮލީވުޑް

މިކާއަށް ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތު

ބޮލީވުޑްގެ ޕޮޕް ލަވަކިޔުންތެރިޔާ މިކާ ސިންގް ބްރެޒިލްގެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ. ނަމަވެސް އޭނާގެ ތަރުޖަމާނު ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ދުބާއީ އެއާޕޯޓުން މިކާ ސިންގް ހައްޔަރުކުރީ 17 އަހަރުގެ ބްރެލިޒިއަން މޮޑެލް އަކަށް ޖިންސީ ފުރައްސާރަ ކުރި ތުހުމަތުގަ އެވެ. އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި، މި މައްސަލާގައި އޭނާ ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޖަލަށް ގެންގޮސް ސުވާލުކޮށްފަ އެވެ. އަދި ސުވާލު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ބްރެޒިލްްގެ އެ އަންހެން ކުއްޖާއަށް ބޮލީވުޑްއިން ފިލްމެއް ކުޅުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް ބުނެ އެކި ފަހަރު މަތިން ފޮޓޯ ފޮނުވުމަށް އެދިފައިވާ ކަމަށް އެ އަންހެން ކުއްޖާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން މިކާ ސިންގްގެ ސްޕޯކްސް ޕާސަން އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މިކާ ސިންގްއަށް ކޮށްފައިވަނީ ދޮގު ތުހުމަތެއް ކަމަށެވެ. އަދި މި މައްސަލައިގެ ތެދު ވަރަށް އަވަހަށް ހާމަވާނެ ކަމަށްވެސް މިކާގެ ސްޕޯކްސްޕާސަން ބުންޏެވެ.

މިކާގެ ބޭބެ ޑަލޭރު ސިންގް ބުނީ މިކާ ދުބާއީ އަށް ދިޔައީ ހަމަ އެހެން ފަންނާނުންނެކޭ އެއްފަދައިން ކޮންސާޓެއްގައި ކަމަށެވެ. އަދި މިކާއާ ނުވަތަ މިކާގެ ގްރޫޕުން މީހަކާ އަދި ގުޅިފައި ނުވިޔަސް، މިކާ އެފަދަ ކަމެއް ނުކުރާނެކަން ޔަގީން ކުރާ ކަމަށް ބުނެ އެވެ.

މިކާ ސިންގްއަށް މިފަދަ ތުހުމަތެއް ކުރެވުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ބޮލީވުޑްގެ ތަރި ރާކީ ސާވަންތުގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީގައި އޭނާއަށް ގަދަކަމުން ގިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރި އެވެ. އަދި މިކާގެ ކޮންސާޓް އެއްގައި ޑޮކްޓަރެއްގެ ގައިގައި ޖެހި މައްސަލަ ވެސް މީގެކުރިން ވަނީ ކޯޓަށް ގެންގޮސް ބަލާފަ އެވެ.

މިކާ ސިންގްއަކީ ބޮލީވުޑްގައި މަޝްހޫރު ގިނަ ލަވަތަކެއްގައި ޕްލޭބެކް ސިންގާއެއްގެ ގޮތުގައި ލަވަ ކިޔާދީފައިވާ ފަންނާނެކެވެ. އިންޑިއާގެ ޗާޓުތަކުގެ އެންމެ ކުރީގައި މިކާގެ ޕޮޕް ލަވަތައް ހިމެނެ އެވެ. މިކާގެ ބޭބެ މަގުބޫލު ވެފައިވަނީ ޕަންޖާބުގެ ބަންގްރާ ލަވަތައް ކިޔުމުގަ އެވެ. މި ދެ ބެއިންނަކީވެސް މި ދާއިރާއަށް ތަފާތު މޮޅެތި ލަވަތަކެއް ގެނެސްދީފައިވާ ބައެކެވެ.