ހަބަރު

ހުރާގައި ކުޑަކުއްޖަކާ ބެހުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މިދިޔަ މަހު 16 ވަނަ ދުވަހު ކ. ހުރާގައި ކުޑަ ކުއްޖަކާ ބެހުނު މައްސަލައިގަ ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ހުރާގައި ކުޑަކުއްޖަކާ ބެހުނު ކަމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ބުންޏެވެ.

އެކަމާ ގުޅިިގެން މީގެ ކުރިން "އަވަސް" އަށް މައުލޫމާތު ދެމުން ކުއްޖާގެ އާއިލީ ގާތް މީހަކު ބުނީ، މި މަހުގެ 16 ވަނަ ދުވަހު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އަންހެން ކުއްޖާއާ ބެހިފައިވަނީ އެރަށު މީހަކާ އިނދެގެން ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ ފިރިހެނެއް ކަމަށެވެ. އެ ކުއްޖާއަކީ އުމުރުން 12 އަހަރުގެ ކުއްޖެއް ކަމަށާއި ކިވަމުންދަނީ ގްރޭޑް ހައެއްގައި ކަމަށެވެ.

އޭނާ ބުނީ، އެ މައްސަލަ ފުލުހަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ކަމަށާއި އޭގެ ދެ ދުވަސް ފަހުން ޕޮލިހުން އައިސް އެ މައްސަލައިގެ ރިޕޯޓް ނެގި ކަމަށެވެ. އަދި އެ ކުއްޖާ ޑޮކްޓަރަށް ދައްކާފައި ރިޕޯޓް ލިބުމުން ނޫނީ އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

އެ މައްސަލާގެ ތަހުގީގު އަދިވެސް ނުނިމޭތީ، އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށް ވެސް ފުލުހުން ބުންޏެވެ.