މަރްދާނީގެ ފުރަތަމަ ފިލްމަށް ލިބުނު ތަރުހީބާއެކު، މި ފިލްމުގެ ސީކުއެލްއެއް ވަރަށް އަވަހަށް ފެންނާނެ ކަމަށް ފިލްމުގެ ލީޑް ބަތަލާ ރާނީ މުކަރުޖީ ބުނެފި އެވެ.
މަރްދާނީގެ ދެވަނަ ފިލްމެއް ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާއިރު، މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަރްދާނީގެ ފުރަތަމަ ޕްރޮޑިއުސަރު އަދި ރާނީ މުކަރުޖީގެ ފިރިމީހާ އަދިތްޔާ ޗޯޕްރާ ބުނެފައިވަނީ މަރްދާނީ އެކަކަކީ ވެސް އޭނާގެ ހިތާ ވަރަށް ގާތް ފިލްމެއް ކަމަށެވެ. އަދި މަރްދާނީ ދޭއްގެ ސްކްރިޕްޓު ބެލުމަށްފަހު، ޝޫޓިން ފަށަން މިހާރު ކެތްމަދުވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
މަރްދާނީ އަކީ 2014 ވަނަ އަހަރު ނެރުނު ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާގެ ފަގީރު އަވަށެއްގައި ކުދިން ވަގަށް ނަގާ އެ ކުދިން ވިއްކުމުގެ ބޮޑު ވިޔަފާރިއެއް ކުރާ މާފިޔާ ގޭންގްއަކާ ފުލުސް އޮފިސަރެއް (ރާނީ މުކަރުޖީ)ގެ ހަމަލާތަކެވެ. ކުޑަކުދިން ވަގަށް ނަގާ ވިއްކުމަކީ އިންޑިއާގެ ފަގީރު އަވަށްތަކުގައި އަބަދުވެސް ދިމާވަމުން އަންނަ މައްސަލަ އެކެވެ.
ޔަޝް ރާޖް ފިލްމްސް އިން މަރްދާނީ ދޭއް އުފެއްދުމުގެ ހަބަރު ޓްވިޓާގައި ހިއްސާ ކުރަމުން ބުނެފައިވަނީ ރާނީ މުކަރުޖީ އެންމެ ފަހުން ކުޅުން ބްކޮލްބަސްޓާ ފިލްމު ހިޗްކީ އަށްފަހު މި ފިލްމަށް އިންތިޒާރު ކުރެވޭ ކަމަށެވެ. އަދި މި ފިލްމުގައި ވިލަން އެއްގެ ރޯލުން ފެންނާނީ ކޮން އެކްޓަރެއްކަން ބަލާލުމަށް ބޭނުންވާ ކަމަށެވެ.
މަރްދާނީ ފިލްމުގެ ދެވަނަ ބައި އަންނަ އަހަރު ފަހު ކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.