ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ހިޔާނާތާއި އެހެނިހެން ނޭދެވެ ކަންކަން ހާމަ ކުރާ ފަރާތްތަކަށް ހިމާޔަތްދޭ ބިލު ނުވަތަ ވިސްލްބްލޯގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
ސަރުކާރު ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ ހުށަހެޅުއްވި ވިސްލްބްލޯ ބިލު ބަލައިގެންފައި ވަނީ 42 މެންބަރުންގެ ވޯޓާއެކުގަ އެވެ. އެ ބިލު މިހާރު ވަނީ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.
އެ ބިލުގައިވާ ގޮތުން ހިޔާނާތުގެ މައްސަލަތަކާއި ސަރުކާރުގެ ތެރޭގައި ހިނގާ އެހެނިގެން ނޭދެވޭ ކަންކަން ހާމަ ކުރާ ފަރާތްތައް ހުއްޓުވަން އުޅުން ނުވަތަ އެ ފަރާތްތަކަށް ބަދަލު ހިފާ މީހުންނަށް ޖަލު ހުކުމް އަންނަނެ އެވެ. އެގޮތުން ހިޔާނާތް ފަޅާ އަރުވާ ފަރާތްތައް ވަޒީފާއިން ވަކި ކުރުމާއި ޒިންމާތަކުން އެކަހެރި ކުރުން ނުވަތަ އިނާޔަތްތައް ނުދިނުމާއި މަސައްކަތު ގަޑި މަދު ކުރުން ފަދަ ނޫނީ އިންޒާރު ދީ ބިރު ދެއްކުން ފަދަ ކަމެއް ކުރާނަމަ އެ ފަރާތްތަކަށް އަދަބު ލިބޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ވިސްލްބްލޯ ކުރުމުގެ ގޮތުން ގާނޫނާ ގަވައިދާ އެއްގޮތްވާ ގޮތަށް ކުރާ ކަމެއްގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް އެ ފަރާތަކަށް ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ފަރާތެއްގެ ވަނަވަރު ސިއްރު ކުރަން ޖެހޭނެ ކަމަށާއި އެ މައުލޫމާތު ހާމަ ކުރުމަކީ މަނާ ކަމެއް ގޮތުގައި ކަނޑައަޅަން ވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ހިޔާނަތް ފަޅާ އަރުވާލާ ފަރާތްތަކަށް ހިމާޔަތްދޭ ބިލަށް ގިނަ މެންބަރުން ތާއީދު ކުރާ ނަމަވެސް އެ ބިލާ މެދު ބައެއް ޕީޕީއެމް މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރި އެވެ.