ހަބަރު

އެންމެ ރަށެއް ވެސް ބާކީ ނުކުރާނަން: ރައީސް

Dec 10, 2018
5

އެންމެ ރަށެއްވެސް ބާކީ ނުކުރާނެ ކަމަށާއި، ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، އއ. ފެރިދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ދަތުރުފުޅު ކުރެއްވި ތިންވަނަ ރަށެވެ. މީގެކުރިން ކ. ދިއްފުއްޓާއި އއ. އުކުޅަހަށް ވަޑައިގެންނެވި އެވެ. ރައީސް ވަނީ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ނިންމަވާފަ އެވެ. އަންނަ ބުދަ ދުވަހު ގއ. ގެމަނަފުއްޓަށް ވެސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ.

ފެރިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް ޒިންމާކަމަށާއި، ރައްޔިތުންނަށް އިންސާފު ލިބޭނެ މަގު ފަހިކޮށްދިނުން އެއީ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. އަދި، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސް ކަމަށްވުމާއިއެކު، މި ރަށުގެ ހީވާގި މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރަން. ހަމައެފަދައިން މިއަދަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ކަމަށްވާތީ، މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދަންނަވަން." ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރާއިރު، ފާއިތުވި އަހަރުތަކުގައި ކަން ހިނގާފައިވާ ގޮތާއިމެދު ވިސްނާލަންޖެހޭ ކަމަށެވެ. އެފަދަ ދުވަސްތަކަކަށް މި ރާއްޖެ އަނބުރާ ނުދާނެ ފަދަ ގޮތަކަށް ދައުލަތުގެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކިތަންމެ ކުޑަ ރަށަކަށް ވިޔަސް، އެ ރަށެއްގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ލިބިދިނުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒު، ތިޔަ ބޭފުޅުން އަޅުގަނޑުމެންނާ ހަވާލުކުރި އެ ޒިންމާ، މާތް ﷲގެ ވާގިފުޅާއެކު، ފުރިހަމަ ގޮތުގައި އަދާކުރުމުގައި މި ސަރުކާރު ދެމިއޮންނާނެ، ރައްޔިތުން މި ސަރުކާރު އުފެއްދީ އެ ޒިންމާއާ އެކު،" ރައީސް ވިދާޅުވި އެވެ.