އެފްއޭއެމް

އޭއެފްސީ ޖާގަ ގެއްލުނު ސަބަބު ހޯދަން ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިން

އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ނުލިބުނު ސަބަބު ބަލަން، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އިސްނެންގެވުމުގެ މަތިން ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިން ހިމަނައިގެން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ އެ ކޮމިޓީއަކީ، އޭއެފްސީ ކަޕުން ޖާގަ ނުލިބުނު ސަބަބުތައް ހޯދުމުގެ އިތުރަށް އިސްލާހް ކުރަން ޖެހޭ ކަންކަން ބެލުމަށްވެސް އުފައްދާ ފެކްޓް ފައިންޑިން ކޮމިޓީއެއް ކަމަށެވެ.

މި ކޮމިޓީގައި ހިމެނެނީ، އެފްއޭއެމްގެ ރައީސްކަން ވެސް ކުރި އަދި ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރި އަހްމަދު ޝާހިރާއި ކުރީގެ ކުޅުންތެރިޔާ އަދި ނިއު ރޭޑިއަންޓްގެ މެނޭޖަރު ކަން ކުރި މިހާރު މޯލްޑިވްސް ސޮކާ މޭޓްސްގެ ރައީސް ކާމިނީޕޫލް ހަސަން މަނިކާއި މެޗު ކޮމިޝަނާ އަދި އެފްއޭއެމްގައި ކުރިން އޮތް ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަން އަބްދުލް ހަމީދު އަބްދުލް ގަފޫރު 'އައްޑޯ' އާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ހިންގެވުމުގައި ކުރިން އިސްދައުރެއް އަދާ ކުރި 'ޕެރިސް' އަހްމަދު ނަސީމާއި ކުލަބު ވެލެންސިއާ ބޯޑުގައި ކުރިން ގިނަ ދުވަސްތަކެއް ވަންދެން ކުރި އަދި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެންބަރު އަހްމަދު މުހައްމަދު 'ދޮނާ' އެވެ.

މަހްލޫފް ވިދާޅުވީ، އެ ކޮމިޓީން މަސައްކަތް ކުރާނީ ކުލަބުތަކާއި އެފްއޭއެމް އާއި އޭއެފްސީއާ ގުޅިގެން ކަމަށެވެ. މަހްލޫފް އެކުލަވާލި ކޮމިޓީއާ މެދު ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ. އެ ކޮމިޓީިގައި އެފްއޭމްގެ ފަރާތުންވެސް ބޭފުޅަކު ހުރުމަށް ބައެއް ފަރާތްތަކުން ވަނީ ހިޔާލު ހުށަހަޅާފަ އެވެ.

މިނިސްޓަރު މަހްލޫފް އެކުލަވާލެއްވި ކޮމިޓީ

  • އަހްމަދު ޝާހިރު
  • ކާމިނީޕޫލް ހަސަން މަނިކު
  • އަބްދުލް ހަމީދު އަބްދުލް ގަފޫރު 'އައްޑޯ'
  • ޕެރިސް އަހްމަދު ނަސީމް
  • އަހްމަދު މުހައްމަދު 'ދޮނާ'

އަންނަ އޭއެފްސީ ކަޕުން ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ގެއްލުނީ، އޭއެފްސީ ކަޕުގެ ކުލަބު ލައިސެންސްގެ ކަންކަން ރާއްޖެއިން ފުރިހަމަ ކޮށްފައި ނުވުމުން ކަމަށެވެ. އެފްއޭއެމުން ބުނީ، ރާއްޖެއަށް ޖާގަ ގެއްލުނީ ކުލަބު ލައިސެންސަށް އެދި ކުލަބު ތަކުން ހުށަހަޅަން ޖެހޭ ޑޮކިޔުމެންޓްސް އެންމެ ފުރިހަމައަށް ހުށަހަޅާފައި ނުވުމުން ކަމަށެވެ.

މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު ވިދާޅުވީ، ކުލަބު ލައިސެންސަށް އެދި މާޒިޔާއިން ބަރާބަރަށް ހުށަހަޅާފައި ވާނެ ކަމަށާއި މާޒިޔާގެ ޑޮކިޔުމެންޓްސްތައް ފުރިހަމަ ނުވާންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ކުލަބު ލައިސެންސަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ، މިދިޔަ މަހު 31 ވަނަ ދުވަހެވެ. ކުލަބު ލައިސެންސަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި އެފްއޭއެމުން ހުށަހާޅާފައިވާތީ، އެކަމަށް އިތުރު ތިން ދުވަހުގެ މުއްދަތެއް ދިންކަން ބަޔާން ކޮށް އޭއެފްސީން އެފްއޭއެމްއަށް ފޮނުވާފައިވާ ސިޓީއެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރު ވިއެވެ. މިދިޔަ ހޯމަދުވަހު އޭއެފްސީން ފޮނުވި އެ ސިޓީގައިވާ ގޮތުގެ މަތިން އިތުރު ކޮށްދިން ތިން ދުވަހުގެ މުއްދަތުވެސް ވަނީ ނިމިގެން ގޮސްފަ އެވެ.

މިނިސްޓަރު މަހްލޫފް އެކަމަށް މި މަސައްކަތް ފެއްޓެވީ، ކުލަބުތަކަށް ފުރުސަތު ގެއްލުމުން އެކަމުގައި މިނިސްޓަރުގެ ހައިސިއްޔަތުން މަހްލޫފްގެ ދައުރު އަދާ ކުރައްވަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ގޮވާލާފައި ވަނިކޮށެވެ. މަހްލޫފް ވަނީ ކުލަބު ވެލެންސިއާ އަށް ފުޓްބޯޅަ ކުޅުއްވާފަ އެވެ.

އޭއެފްސީގެ ފޯމެޓަށް 2016 ގައި ގެނައި ބަދަލާ ގުޅިގެން، ރާއްޖޭގެ ލީގް ޗެމްޕިއަން ޓީމަށް ސީދާ ލިބެމުން އައި ޖާގަ އަންނަ އަހަރަށް ދީފައި ވަނީ ނޭޕާލްގެ ލީގް ޗެމްޕިއަން ޓީމަށެވެ. މީގެ 33 އަހަރު ކުރިން ރާއްޖޭގެ ކުލަބުތައް އޭއެފްސީގެ ކުލަބު މުބާރާތްތަކުގައި ވާދަ ކުރަން ފެށިފަހުން މިއީ ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ނުލިބުނު ފުރަތަމަ ފަހަރެވެ.