އަހުމަދު މަހްލޫފު

މަހްލޫފް އެންމެފަހުން ފީފާގެ ރައީސްއާ ބައްދަލު ކޮށްފި!

އެފްއޭއެމް އާއި ޔޫތު، ސްޕޯޓްސް މިނިސްޓްރީއާ ދެމެދު އުފެދުނު ހިތްހަމަނުޖެހުންތަކުގެ ތެރެއިން، ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް، ފީފާގެ ރައީސް ޖިއާނީ އިފެންޓިނޯއާ ބައްދަލު ކުރައްވައިފި އެވެ.

އަރަބި އެމިރޭޓްސްގައި ރޭ ފެށި، އޭއެފްސީ އޭޝިއަން ކަޕް ހުޅުވުމާއި، އޭއެފްސީ ކޮންގްރެސްގެ ރަސްމިއްޔާތަށް މިނިސްޓަރު މަހްލޫގް އެމިރޭޓްސްއަށް ވަޑައިގެންނެވި އެވެ. މިނިސްޓަރު ވިދާޅުވީ، އޭނާ ވަޑައިގެންނެވީ، ލިބުނު ދައުވަތަކަށް ކަމަށެވެ. އިންފެންޓިނޯއާ މަހްލޫފް ބައްދަލު ކުރެއްވިއިރު އެދޭބެފުޅުންގެ އަރިހުގައި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލަފީވެސް ހުންނެވި އެވެ.

މިނިސްޓަރު ވަނީ މިދިޔަ މަހު ސަލްމާންއާ ދެ ފަހަރަށް ބައްދަލު ކުރައްވާފަ އެވެ. އޭއެފްސީގެ ރައީސްއާ ދެ ވަނަ ފަހަރަށް ބައްދަލު ކުރުމަށް ފަހު ސަލްމާނަށް، މިނިސްތަރު މުހާތަބު ކޮށްފައިވާ ގޮތުން އެ ދެބޭފުޅުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އުފެދިފައިކަން ހާމަވެގެން ދިޔަ އެވެ. އޭއެފްސީގެ ރައީސް އަށް މިނިސްޓަރު މުހާތަބު ކުރައްވާފައި ވަނީ "މައި ބްރަދާ" ނަމުންނެވެ.

ބެލެވޭ ގޮތުގައި، ފީފާގެ ރައީސް އިންފެންޓިނޯއާ ބައްދަލު ކުރުމަށް މިނިސްޓަރަށް ދައުވަތު ދެއްވީ، ސަލްމާން އެވެ. އިންފެންޓިނޯއާ ބައްދަލު ކުރުމަށް ފަހު މިނިސްޓަރު ވިދާޅުވީ ފީފާ އާއި އޭއެފްސީގެ އުސޫލުތަކުގެ ތެރެއިން ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އިންފެންޓިނޯއާ އަރުވާފައި ވާނެ ކަމަށެވެ.

އެފްއޭއެމް އާއި ޔޫތު، ސްޕޯޓްސް މިނިސްޓަރާ ދެމެދު ހުޅުގަނޑު ފަޅައިގެން ދިޔައީ، ރާއްޖޭގެ ކުލަބުތަކަށް އަންނަ އަހަރު އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ ބަލަން މަހްލޫފް ކޮމިޓީއެއް އެކުލަވާލުމުން، އެފްއޭއެމްގެ ފަރާތުން އެ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެނައި ހިސާބުންނެވެ.

ފެންނަ މަންޒަރަށް ބަލާއިރު، އޭއެފްސީގެ ރައީސް އާ ރާއްޖޭގެ ފުޓްބޯޅަ އިދާރާއާ ދެމެދު މިހާރު އޮތް ގުޅުން ކުޑަ އެވެ. އެއީ ސައުދީ އަރަބިއްޔާ އިސްވެ އުފެއްދި އޭޝިއާގެ ހުޅަނގާއި ދެކުނުގެ ފުޓްބޯޅަ ޖަމްއިއްޔާ 'ސުވާފް' ގައި ރާއްޖެ ބައިވެރި ވުމުންނެވެ. ސުވާފުގައި ބައިވެރިވި ގައުމުތަކަށް ފުރަތަމަ ސަލްމާން ރުހުން ދެއްވި އެވެ. އެހެންނަމަވެސް މައްސަލަ ގޯސްވީ އަންނަ އަހަރު ބާއްވާ އޭއެފްސީގެ އިންތިހާބުގައި ސަލްމާން އާ ވާދަ ކުރައްވާނެ ކަމަށް ސުވާފުގެ ރައީސް ސައުދީ އަރަބިއްޔާގެ އަދީލް ބިން އިއްޒަތު އިއުލާން ކުރުމުން، ސަލްމާން އަށް އަތުވެދާނެ ޗެލެންޖަކަށް ވުމުންނެވެ.

ސުވާފުގެ ހަރަކާތް ހުއްޓުނީ، އެ ފެޑްރޭޝަންގައި ބައިވެރިވި ދެކުނު އޭޝިއާގެ ބޮޑެތި ގައުމުތަކުން ފެޑްރޭޝަނުން ވަކިވާން އިއުލާން ކުރުމުންނެވެ. އިންޑިއާ އާއި ޕާކިސްތާނުން އެގޮތަށް ނިންމި ނަމަވެސް ރާއްޖެއިން ވަނީ ސުވާފުން ވަކި ނުވާ ކަމަށް އިއުލާން ކޮށްފަ އެވެ. އެހެންވެ އޭއެފްސީގެ ރައީސް އާ އެފްއޭއެމް އާ ދެމެދު ގުޅުން ރަނގަޅު ނޫން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.