ގާސިމް އިބްރާހިމް

ރައީސް ސޯލިހުގެ ރޭގެ ވާހަކަފުޅަށް ގާސިމްގެ އައްސަރިބަހާއި ސާބަސް

Dec 11, 2018
7

ކޯލިޝަން ޕާޓީތަކާ އެކު ވަކިވަކިން ސޮއި ކުރި އެއްބަސްވުން ދަމަހައްޓަވާނެ ކަމަށާއި ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް އެގޮތަށް އަމަލު ކުރައްވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވާތީ އެ ވާހަކަތަކަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތައުރީފް ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީއަށް އާ މެންބަރުންތަކެއް ސޮއިކުރުމަށް މިއަދު ހަވީރު ކުނޫޒްގައި ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވީ، ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ރައީސް ސޯލިހު ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ އެކު ވެފައިވާ އެއްބަސްވުން އެމަނިކުފާނު ދަމަހައްޓަވާނެ ކަމަށް ވިދާޅުވި ކަމަށް އެ ބައްދަލުވުމުގައި ތިއްބެވި އެކި ފަރާތްތަކުން އެމަނިކުފާނަށް ހަބަރު ދެއްވި ކަމަށެވެ. އަދި އެވާހަކަތަކުން ދޭހަވެގެން ދަނީ އިންތިހާބުގެ ކުރިން ޕާޓީތަކާ އެކު ވެފައިވާ އެއްބަސްވުންތަކަށް، އެމަނިކުފާނު އަމަލު ކުރެއްވުމަށް ސާބިތުކަމާއެކީ ދެމި ހުންނެވި މިންވަރު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ރައީސްގެ އެ ވާހަކަތަކަކީ ސާބަސްދީ ހިތްވަރު ދޭން ޖެހޭ ވާހަކަފުޅެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވި އެވެ.

"އެމަނިކުފާނު ވެވަޑައިގެންފައި ހުރި ވައުދުތަކާ އެއްގޮތަށް ކަންތައްތައް ކުރެއްވުމަށްޓަކައި އެމަނިކުފާނު އެ ހުންނެވި ސާބިތު ކަމާއި ހިތްވަރާއި ކެރިވަޑައިގަތުމަށް އަޅުގަނޑު ހަމަ އައްސަރިބަހާއި ސާބަސް ދެން،" ރޭ މުލިއާގޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހުގެ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގެ މެންބަރުންނާ އެކު ރައީސް ސޯލިހު ބޭއްވެވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން އަޑުފެތުރިފައިވާ ގޮތުގައި، ރައީސް ސޯލިހު އެ ބައްދަލުވުމުގައި ވަނީ، އެމްޑީޕީ އިން 87 ދާއިރާއަށް ވާދަކުރަން ނިންމި ނިންމުން އަލުން މުރާޖައާ ކުރުމަށް ދަންނަވައިފަ އެވެ. އަދި ރައީސް ސޯލިހު ވަނީ އެމްޑީޕީއިން 87 ދާއިރާއަށް ވާދަކުރި ނަމަވެސް، އެ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ނުކުރެވޭނެ ކަމަށާއި ކޯލިޝަން ޕާޓީތަކާ އެކު އިންތިހާބަށް ނުކުމެވޭނެ ގޮތްތަކެއް ނިންމުމަށް ގައުމީ މަޖިލީހުގެ ދަންނަވާފައި ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ.

އެކަމާ ބެހޭ ގޮތުން އެމްޑީޕީއިން ވެސް އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް އަދި ބަހެއް ނުބުނެ އެވެ.

ގާސިމް ވިދާޅުވީ ރައީސް ސޯލިހުގެ ވާހަކަފުޅުތަކުން އެނގެނީ އެމަނިކުފާނު ކޯލިޝަން ދެމެހެއްޓުމަށް ވަމުން އަންނަ ގުރުބާނީ ކަމަށެވެ. އަދި އެހާ ސާފުކޮށް ރައީސް ސޯލިހު ސްޓޭންޑެއް ނެންގެވުމަކީ، އެމަނިކުފާނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން ޖެހޭވަރުގެ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.