ބޮލީވުޑް

ސޮނާކްޝީ އޯޑަރު ކުރީ ހެޑްފޯނެއް، ލިބުނީ ދަގަނޑުކޮޅެއްް

ފަސޭހައިން އެއްޗެއް ގަނެލުމަށް މިހާރު ގިނަ މީހުން ބޭނުން ކުރާނީ އޮންލައިން ވިޔަފާރިކުރާ ވެބްސައިޓްތަކެވެ. އެކަމަކު އިންޓަނެޓް މެދުވެރިކޮށް ގަންނަ އެއްޗިއްސަކީ ޔަގީން ކަމެއް އޮންނަ އެއްޗަކަށް ނުވެ އެވެ. ބޮޑު އަގުގައި ގަންނަ އެއްޗާ މުޅިން ތަފާތު އެއްޗެއް ލިބިގެންނާއި އޯޑަރުކުރާ އެއްޗާ ސައިޒް ދިމާ ނުވާތީ އެކަމާ ރުޅިގަދަވެ މީހުން އަބަދުވެސް މައްސަލަ ޖައްސަ އެވެ. ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާ އަށްވެސް މިފަހަރު މިއޮތީ އެކަހަލަ ލަނޑެއް ލިބިފަ އެވެ.

އެމޭޒަން އިން އަގުބޮޑުކޮށް އޯޑަރުކުރި ބޯސްގެ ހެޑްފޯނުގެ ބަދަލުގައި ސޮނާކްޝީ އަށް ލިބުނީ މުޅިން ތަފާތު އެއްޗެކެވެ. ބޯސްގެ އެ ފޮށީގައި ބްރޭންޑުގެ ނަންވެސް ޖަހާފައި އޮތް އިރު ހެޑްފޯނުގެ ބަަދަލުގައި އެތެރޭގައި އޮތް 'ބަރު ދަގަނޑު ގަނޑު ވަނީ ހަލާކު ނުވާނެހެން ރީއްޗަށް ބަންދުވެސް ކޮށްފަ އެވެ. އަދި ހެޑްފޯނު ބޭނުން ކުރާނެ ގޮތުގެ މެނުއަލް ވެސް އެ ފޮށީގައި ވަނީ ހިމަނާފަ އެވެ. މި ދަގަނޑުކޮޅު ލިބުމުން ސޮނާކްޝީ ހިތްހަމަ ނުޖެހި އެ ފޮށީގެ ފޮޓޯ ނަގާ ވަނީ ޓްވީޓުކޮށްފަ އެވެ. އަދި އެމޭޒަން ފަދަަ އޮންލައިން ވިޔަފާރިކުރާ ބޮޑު ކުންފުންޏަކުން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ނުކުރުމަކީ ދެރަ ކަމެއް ކަމަށް އޭނާ ވަނީ ޓްވީޓު ކޮށްފަ އެވެ.

ސޮނާކްޝީ އަށް ލިބުނު ހެޑްފޯނު ފޮށީގެ ފޮޓޯ ޓްވީޓު ކުރުމުން އެމޭޒަން އިން ވަނީ އެ ޓްވީޓަށް ޖަވާބު ދީފަ އެވެ. އަދި ސޮނާކްޝީ އަށް މައާފަށް އެދެމުން އެ މައްސަަލަ ވީ އެންމެ އަވަހަކަށް ރަނގަޅު ކުރާނެ ކަމަށް އެމޭޒަން އިން ދިން ޖަވާބުގައި ބުނެ އެވެ.

ސޮނާކްޝީ ސިންހާ އަކީ ބޮލީވުޑްގައި ފަހުން ވިދާލި ނަމަކެވެ. ސަލްމާން ޚާން އާއެކު އެންމެ ފުރަތަމަ ކުޅުނު ދަބަންގު ފިލްމަށް ފަހު އޭނާ ދަނީ އެ ދާއިރާގައި ކުރި އަރަމުންނެވެ.