ހަބަރު

މަހަކު އެއްފަހަރު ޓޫރިޒަމް މިނިސްޓްރީގެ ޑިޕާޓްމެންޓްތައް ރަށްރަށާ ހަމައަށް

މަހަކު އެއްފަހަރު ރަސްމީކޮށް މިނިސްޓްރީގެ ޑިޕާޓްމެންޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ރާއްޖޭގެ ރަށްރަށް ޒިޔާރަތްކޮށް އެ ރަށްރަށުގައި ޓޫރިޒަމަށް ހުރި މައްސަލަތައް ބަލައި ދެނެގަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީން ނިންމާފައިވަނީ ކޮންމެ މަހަކު އެއް ފަހަރު ނޫސްވެރިންނާއި ބައްދަލުކޮށް ނޫސްވެރިންނަށް ސުވާލުތައް ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކަމަށެވެ. އަދި މިނިސްޓްރީގެ މަސައްކަތްތައް ކޮންމެ މަހަކު އެއްފަހަރު ރަށްރަށާއި ހަމައަށް ގެންގޮސް ދިނުމަށްވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަހަކު މަދުވެގެން އެއްފަހަރު ރަސްމީކޮށް އަޅުގަނޑުމެންގެ މިނިސްޓްރީގެ މަސައްކަތް ރާއްޖޭގެ ރަށްރަށާއި ހަމައަށް ގެންނާނަން، އޭގެ ބޭނުމަކީ ޓެކްނިކަލީ ރާއްޖޭގެ ރައްޔިތުން މިނިސްޓްރީން ބޭނުންވާ ހިދުމަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރަކީ ލާމަރުކަޒީ ބާރުވެރިކަމުގެ ތެރެއިން ވައުދުތައް ވެގެން އައި ސަރުކާރެއް ކަމަށާއި ރަށްރަށު މީހުން މާލެ ދިއުމުގެ ބަދަލުގައި ބާރުތައް ރަށްރަށާއި ހަމައަށް ދިއުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ ބޮޑު އެއް ވިސްނުން ކަމަށެވެ.

"ރަސްދޫއަށް މިއައީ ޓޫރިޒަމް މިނިސްޓްރީގެ ހިދުމަތް ހޯދަން ރަށްރަށު މީހުން މިނިސްޓްރީއަށް ދިޔާމަ އެހިދުމަތް ލިބިގަންނަންހުރި ހުރިހާ ޑިޕާޓްމެންޓެއްގެ ޓެކްނިކަލް ސްޓާފުންގެ ހިދުމަތް ލިބޭނެ، ހޯދަން ބޭނުންވާ މައުލޫމާތެއް، ސުވާލެއް ރަސްދޫގައި ހިމެނޭ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އަމާޒަކީ ރާއްޖޭގެ ހުރިހާ ގެސްޓް ހައުސް ވިޔަފާރިކުރާ ރަށްތަކަށާއި ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކާއި ހަމައަށް ދިއުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އަދި މިނިސްޓްރީ ހިންގާނީ ހުރިހާ ފަރާތްތަކަށް ހިދުމަތްދޭ، ހުރިހާ އެންމެންގެ ވުޒާރާއެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިއްޔެ ރަސްދޫއަށް ވަޑައިގެންފައިވަނީ ހުރިހާ ގެސްޓް ހައުސް ތަކަކަށް ބާއްވާ ސިމްޕޯސިއަށް އިއުލާން ކުރެއްވުމަށެވެ. އަދި މިނިސްޓަރާއެކު އެމިނިސްޓްރީގެ ގިނަ އަދަދެއްގެ މުއައްޒަފުންވެސް މި ދަތުރުގައި
ބައިވެރިވެވަޑައިގެންފައި ވެއެވެ.