އަލީ ވަހީދު

އަލީ ވަހީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރި ނަމަވެސް އެ މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމި ނިންމުން ބަދަލުކޮށް މައްސަލަ ބަލައިގަތުމަށް ފަނޑިޔާރުން މަޖިލީހުން ނިންމައިފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ގައުމުން ބޭރަށް، ތުރުކީއަށް ވަޑައިގެންފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރުނު އަމުރު ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެނެވެ.

އެ އަމުރުގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ. އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ. މި އަމުރު ނެރެފައިވަނީ ގާޒީ ހަސަން ސައީދެވެ.

ނަމަވެސް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓްގެ ވާހަކަތައް ދޮގުކޮށް އަމުރު ބާތިލުކުރުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެފައެވެ.

އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު ކްރިމިނަލް ކޯޓުން އަމުރު ނެރުތާ 48 ގަޑިއިރު ވަނީ ހަމަވެފައެވެ. އެހެން ކަމުން މައްސަލަ ބަލައިނުގަނެ ބޭރުކޮށްލިއެވެ.

އެ ނިންމުން އިސްތިއުނާފު ކުރުމުން ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމުން ބަދަލުކޮށް މައްސަލަ ބަލަައިގަތުމަށް ނިންމާފައެވެ. އެހެން ކަމުން ޕީޖީ އޮފީހުން ވަނީ މައްސަލަ އަލުން ހުށައަޅާފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް ފޮނުވި އަމުރުގައި ޖަހާފައިވަނީ މި މަހުގެ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ނުވަވަނަ ދުވަހުއެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އަޑުއެހުން ބާއްވާ އަމުރު އިއުލާނުކުރީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށާ އަމުރު ޕީޖީ އޮފީހަށް ލިބުނީ 11 ވަަނަ ދުވަހު ކަަމަށެވެ. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާ ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށެވެ. އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރެފައިވާ ކަމަށެވެ.

އަލީ ވަހީދު ފުރައިގެން ގޮސްފައިވާއިރު އޭނާގެ މައްޗަށް ގިނަ ދަައުވާތަކެއް ވަނީ އުފުލާފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ދަނީ ބަލަމުންނެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓްގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައ ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް އެ ކޯޓްގެ ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާމެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.

އެ އަމުރު ނެރުމުގައި އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުވާ ލިބޭ ފަރާތަށް ނާޖައިޒު މަންފާ ހޯދާ ދިންކަމަށް ބެލެވޭ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.