ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލުކޮށްލުމުން ބޭސްފަރުވާއަށް ބޭރަށް ފުރާވަޑައިގެންފި އެވެ.
ޖިންސީ ގޯނާކުރުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ އޭނާގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭކަން ޑޮކްޓަރުން ކަށަވަރުކޮށްދިނުމުން ކަމަށް ކޯޓުން ބުންޏެވެ. އެމަނިކުފާނާއި ޖާމިނުވާނެ ފަރާތެއް ވެސް ހުށަހަޅާފައިވާތީ ޕާސްޕޯޓު ދޫކުރީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ޖިންސީ ކުށުގެ ގާނޫނުގެ ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެކެވެ.
އެހެންނަމަވެސް އަލީ ވަހީދު ވަނީ މި ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާ އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.