ހަބަރު

މުހިންމު ޖަލްސާއަށް ހާޒިރު ނުވި މެންބަރުން އުޒުރު ދައްކަނީ

މުހިންމު ބިލުތަކެއް ފާސް ކުރުމަށް ތާވަލުކޮށްފައިވާ ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހާޒިރު ވެވަޑައި ނުގަން ބައެއް މެންބަރުން މަޖިލީހަށް ނާދެވުނު ސަބަބުތައް ހާމަ ކުރަން ފަށައިފި އެވެ.

މަޖިލީހުގައި އިއްޔެ ތާވަލުކޮށްފައި ވަނީ މަރުތަކާއި ހިޔާނާތްތައް ތަހުގީގު ކުރާ ރިޔާސީ ދެ ކޮމިޝަނަށް ބާރުތައް ދޭ ބިލާއި ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ހަދާ ބިލް ފާސް ކުރުމެވެ. ނަމަވެސް އެ ޖަލްސާއަށް ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ ގިނަ މެންބަރުން ހާޒިރުވެފައި ނުވާތީ ވޯޓަކަށް ނޭހުނެވެ. އިއްޔެ ބޭއްވީ މި ދައުރުގެ ފަހު ޖަލްސާ އެވެ.

އެ މައްސަލާގައި މެންބަރުންގެ މެދުގައި ކަންބޮޑުވުންފާޅު ކުރަމުންދާ އިރު އެ ޖަލްސާއަށް ހާޒިރު ނުވި ބައެއް މެންބަރުން ވަނީ ޓްވިޓާގައި އުޒުރު ދައްކަން ފަށައިފަ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިދިޔަ މަހު ފަހު ދައުރު ނިމޭނެތީ އޭނާ ރާއްޖެއިން ބޭރަށް ފުރުމަށް އިއްޔެއަށް ޓިކެޓު ނަގާފައިވާ ކަމަށެވެ. އަދި އިއްޔެ ރާއްޖޭގައި ހުރި ނަމަ، މަޖިލީހަށް ހާޒިރުވެ ވޯޓު ދިނީސް ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ހުސެއިން ކުރެއްވި ޓްވީޓް

އެމްޑީޕީއަށް ނިސްބަތްވާ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އޭނާއަށް އިއްޔެ މަޖިލީހަށް ހާޒިރު ނުވެވުނީ އާއިލާއާއެކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ޖެހުމުގެ ސަބަބުން ކަމަށެވެ. އެނބުރި އައުމަށް އަންގާފައިވާ ނަމަ އެޕޮއިންޓްމަންޓު ކެންސަލްކޮށްފާ ވިޔަސް މަޖިލީހަށް ހާޒިރުވާނެ ކަމަށް އިންތި ވިދާޅުވި އެވެ.

އިންތިޔާޒް ކުރެއްވި ޓްވީޓް

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ވަނީ އޭނާ އިއްޔެ ހުރި ތަން ވެސް ހާމަ ކުރައްވާ ޓްވީޓެއްކޮށްފަ އެވެ. ސައުދު ވަނީ ސަރަހައްދީ މަޖިލިސްތަކާއެކު ބާއްވާ ބައްދަލުވުމެއްގައި ރާއްޖެ ތަމްސީލު ކުރުމަށް ވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވެސް ހުންނެވީ އިންޓަޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއްގައި ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ ޓްވީޓުކޮށްފަ އެވެ.

މުސްތަފާ ކުރެއްވި ޓްވީޓް

ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ރިޔާޒް ރަޝީދު ހުންނެވީ މާލޭގަ އެވެ. ނަމަވެސް އޭނާ ހުންނެވީ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރު ކުރުވި އިރު ޕީޕީއެމްގެ ސަޕޯޓަރުންނާއެކު އެތަނުގައި އަޑު ގަދަ ކުރުމަށެވެ. އިއްޔެގެ ޖަލްސާއަށް ހާޒިރުވީ 39 މެންބަރުންނެވެ. އަދި ޕީޕީއެމްގެ މެންބަރުންގެ ހަޅޭކުގެ އަޑާ ހެދި އިއްޔެގެ ޖަލްސާ ކުރިއަށް ވެސް ނުގެންދެވި ޖެހުނީ ހުއްޓާލާށެވެ.