އިދިކޮޅު މައި ޕާޓީ ޕީޕީއެމުން ކޮންމެ ރެއަކު އެޕާޓީގެ އޮފީސް ކުރިމަތީ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ ކުރީގެ ޑިރެކްޓަރު މުއާޒް ހަލީމް ވިދާޅުވީ، މާދަމާ ރެއިން ފެށިގެން ކޮންމެ ރެއަކުވެސް ޕީޕީއެމްގެ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ. އަދި ހަރަކާތްތައް އޮންނާނީ މާދަމާ ރޭ 8:30ގައި ކަމަށެވެ. އެހަރަކާތްތަކަކީ ސުލްހަވެރި އިހްތިޖާޖްތަކެއް ކަމަށްވެސް މުއާޒް ހަލީމް ވިދާޅުވި އެވެ.
"ކުރީގެ ރައީސް ޔާމީން ދެދުވަހުން އެއްދުވަހު ފުލުހަށް ގެންގޮސް ނުވަތަ ހައްޔަރުކޮށް ނުވަތަ ދެންވެސް ލީޑާސިޕްގެ އެކިއެކި ބޭފުޅުން އެކިއެކި ބޭފުޅުން ބޭނުންކޮށްގެން އެއްވެސް ތާކުންތާކު ނުޖެހޭ ކަންކަމުގައި ދަމާ ކުތާ ގެންގޮސް ބޮޑު ކަންތައް ގަނޑަކަށް ހަދައިގެން، ދިވެހި ރާއްޖޭގެ މައި ދޮރާއްޓާއި ފެންކުންފުންޏާއި ވިއްކާލި ބީދާއިން މިފަހަރު އެބޭފުޅުން އެކަން އެގޮތަށް ކުރައްވަން ނޫޅުއްވައްޗޭ، އެއީ ގޯހެއް، އަޅުގަނޑުމެން މަޑުން ނުތިބޭނަން، މިފަދަ ކަންބޮޑުވުންތަކެއް ހުރީމަ އެކަންބޮޑުވުންތަކާއެއްކޮށް އަޅުގަނޑުމެން ހަމަ ފަށާ ސިލްސިލާ ހަރަކާތްތަކެއް،" މުއާޒް ހަލީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އޮފީސް ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ހަރަކާތްތަކަކީ އެވަގުތަކު ރައްޔިތުންގެ ކަންބޮޑުވުން އޮތް ކޮންމެ ކަމަކަށް އަމާޒުކޮށް ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. މިވަގުތު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިނިވަން ކަމާއި އިސްތިގްލާލް ގެއްލިގެންދާ ދައުން ކަމަށްވެސް މުއާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އެބަހުރި ރައްޔިތުންނަށް ސަރުކާރަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ނެތިގެންދާނެ ހާލަތަކަށް މިވަނީ ސިގްނަލް ދެއްވާފަ، އެހެންވީމަ އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އެބަހުރި،" މުއާޒް ވިދާޅުވި އެވެ.
މީގެ ކުރިންވެސް ޕީޕީއެމުން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބްގެ ނަތީޖާ އޮޅުވާލާފައިވާކަމަށްބުނެ ޕީޕީއެމް އޮފީސް ކުރިމަތީގައި ސިލްސިލާކޮށް ކޮންމެ ރެއަކު މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެމުޒާހަރާތައް ފެއްޓެވިރޭ ކުރީގެ ރައީސް އަބުދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެމުޒާހަރާތައް ކުރިއަށް ގެންގޮސްފައިވަނީ މަދު މަޔަކާއެކު އެވެ.