ނިމިދިޔަ ރިޔާސީ އިންތިހާބް އަމާންކަމާއި އޮމާންކަމާއެކު ގެންދިއުމުގައި ސިފައިން ކުރެއްވި މަސައްކަތްތަށް ރައްޔިތުން ފަހުރުވެރިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
ޝަމާލް، މަގާމާއި ހަވާލުވެލެއްވުމަށްފަހު ފުރަތަމަ ފަހަރަށް ސިފައިންނާއި ބައްދަލުކުރައްވާ ރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ޑިމޮކްރަސީގެ ހަޔާތުގައި ދިވެހި ދައުލަތާއި ރައްޔިތުންނާއެކު ދިވެހި ސިފައިންވެސް ދަނީ ވަރަށް ގިނަ ތަޖުރިބާތަކެއް ކުރަމުން ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނަ ތަޖްރިބާތަކަކީ ފަހުރުވެރިވެ ޝަރަފްވެރިވާފަދަ ތަޖްރިބާތަކެއް ކަމަށްވެސް ޝަމާލް ވިދާޅުވި އެވެ.
"އޭގެ ތެރޭގައި އެންމެ ފަހުން މި ބޭއްވުނު ރިޔާސީ އިންތިހާބުގައި ރީތިކޮށް އެކަން، ސްމޫތްލީ ފަހިވެގެންދިޔަ ހިނދު، އެއްވެސް ކަހަލަ ނުކިއްސަރު ކަމެއް ނައިސް އަމަން އަމާންކަން ގާއިމްވެ ދިޔަ ދިޔުމުގައި ސިފައިން ކުރި ދައުރަށްޓަކައި މިއަދު ރައްޔިތުން ފަހުރުވެރިވޭ،" ޝަމާލް ވިދާޅުވި އެވެ.
ޝަމާލް ވިދާޅުވީ، ސިފައިންނަކީ އަސްކަރީ އަހުލާގާއި ފަންނީ ގާބިލުކަން ހުރި ބަދަހި ލަޝްކަރެއްގެ ގޮތުގައި ދެމިތިބުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ސިފައިން ކޮށްގެންތިބި ހުވައާ އެއްގޮތަށް ގާނޫނުން ސިފައިންނަށް ލާޒިމުކޮށްފައިވާ އެންމެހާ ކަންކަން ކުރުމުގައި ދެމިތިބެންޖެހޭ ކަމަށްވެސް ޝަމާލް ވިދާޅުވި އެވެ.
ޝަމާލް އިތުރަށް ވިދާޅުވީ، ރައްޔިތުންނާ އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކޮށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ގައުމަށް ހިދުމަތް ކުރުމުގައި ސިފައިންނަކީ ރައްޔިތުން ފަހުރުވެރިވެ ޝަރަފުވެރިވާ ބައެއް
ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއާ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.