ދުނިޔެ

އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ދިން ހަމަލާތައް ނާކާމިޔާބުކޮށްލައިފި

Jun 22, 2015

އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ތާލިބާނުން ދިން ވަރުގަދަ ހަމަލާތައް ނާކާމިޔާބުކޮށްލައި އެ ހަމަލާތަކުގައި ބައިވެރިވި ހަ ހަނގުރާމަވެރިން މަރާލައިފި އެވެ.

މިއަދު މެންދުރު ވާން އުޅެނިކޮށް ވެރިރަށް ކާބުލްގައި މި ހަމަލާތައް ދޭން ފަށާފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ބޭރުގައި ކާރު ބޮމެއް ގޮއްވާލުމަށް ފަހު، އެ އިމާރާތުގެ ޗެމްބަރެއްގެ ތެރެއަށް ވަދެގަނެގެންނެވެ. ފުލުހުން ވަނީ ވަގުތުން ރައްދުގައި ހަމަލާ ދޭން ފަށައި އެ ސަރަހައްދުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ތާލިބާނުން ބުނި ގޮތުގައި މި ހަމަލާ ދިނީ އަފްގާނިސްތާން ސަރުކާރުގެ އާ ދިފާއީ ވަޒީރަށް ރުހުން ދިނުމުގެ މައްސަލަ އަށް ހުރަސް އެޅުމަށެވެ. އެ ހަމަލާ ދިންއިރު، މަޖިލީހުގެ ރިޔާސަތުން ދިޔައީ އާ ޑިފެންސް މިނިސްޓަރު މައްސޫމް ސްޓެނެޒައީ މެންބަރުންނަށް ތައާރަފް ކޮށްދެމުންނެވެ.

އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ސިއްދީގް ސިއްދީގީ ވިދާޅުވި ގޮތުގައި ހަމަލާތަކުގައި ބައިވެރިވި ތާލިބާންގެ ހަ ހަނގުރާމަވެރިން ވެސް މިހާރު ވަނީ މަރާލާފަ އެވެ. މި ހަމަލާތަކުގައި 18 ވަރަކަށް މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބުނު ނަމަވެސް އެއްވެސް މަޖިލިސް މެމްބަރަކަށް ހާނިއްކަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަލާ ދިން ވަގުތު މަޖިލީހުގެ ޖަލްސާ ޓީވީން ވަގުތުން ދުރަށް ދައްކަމުން ވެސް ދިޔަ އެވެ. ހަމަލާތައް ދޭން ފެށުމާ އެކު މަޖިލިސް ކުރާ ގޭގެ ބިއްލޫރިތައް ތަޅައިގެން ދާ ތަނާއި މަޖިލީހުގެ މެމްބަރުން އެކި ކޮޅުކޮޅަށް ދުވާ ތަން ޓީވީން ވަގުތުން ދެއްކި މަންޒަރުތަކުން ފެނުނެވެ. އަދި ސޯޝަލް މީޑިއާގައި އާއްމުކުރި ހަމަލާތަކުގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެނުނު ގޮތުގައި އެ އިމާރާތުން ދުން އަރަމުން ދިޔައިރު، މީހުން ދިޔައީ ރައްކާތެރިކަން ހޯދުމަށް ކޮޅުކޮޅު މައްޗަށް ދުވަމުންނެވެ.

އަފްގާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ތާލިބާނުން ދޭ ހަމަލާތައް، ބޭރުގެ ފައުޖުތައް މިދިޔަ އަހަރު ފޭބި ފަހުން ވަނީ ވަރުގަދަކޮށްފަ އެވެ. އެ ގޮތުން، ދެކުނު ބިތުގައި އޮންނަ ހިމަންދު ޕްރޮވިންސްގެ މަރުޖާ އަވަށުގެ މަގެއްގެ މަތީގައި ދިން ބޮމުގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ 12 މީހަކު ވަނީ މިދިޔަ އާދިއްތަ ދުވަހު މަރާލާފަ އެވެ.

އެއާ އެކު، ތާލިބާން ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިޔަ އަފްގާނިސްތާނުގެ މުހިއްމު އަވަށެއް ހިފުމަށް އަސްކަރިއްޔާ އިން ވަނީ ވަރުގަދަ އޮޕަރޭޝަނެއް މިދިޔަ އާދިއްތަ ދުވަހު ފަށާފަ އެވެ. ތާލިބާން ހަނގުރާމަވެރިން މިދިޔަ ހަފުތާގައި ހިފާފައިވާ އުތުރުގެ ޗަންދުރަ އަވަށް އޮންނަނީ ކުންދުޒް ސިޓީއާ ވަރަށް ކައިރީގަ އެވެ. ވެރިރަށް ކާބުލް އަށް ދެވޭ މުހިއްމު މަގެއް ކުންދުޒް ސިޓީ ހުރަސްކޮށް އޮވެ އެވެ. އެހެންވެ، ތާލިބާންގެ ބާރުގެ ދަށަށް ޗަންދުރަ އަވަށް ދިއުމަކީ ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގެއްލުމެކެވެ.

ތާލިބާނުން ދޭ ހަމަލާތައް ވަރުގަދަކޮށް، ބައެއް ހިސާބުތަކަށް ވެރިވެގަނެފައި ވިޔަސް، އަފްގާނިސްތާނުގައި ސުލްހަ ގާއިމްކުރުމަށް އެ ގައުމުގެ އާ ސަރުކާރާއި ތާލިބާނުން ވެސް ވަނީ ދާދި ފަހުން އަލުން މަސައްކަތް ފަށާފަ އެވެ. އެ ގޮތުން، ސަރުކާރުގެ އޮފިޝަލުންތަކަކާއި ތާލިބާނުންގެ ވަފުދެއް މިދިޔަ މަހު ގަތަރުގައި ނުރަސްމީ ވާހަކަތައް ބާއްވާފައިވެ އެވެ.

އެކަމަކު، އެ މަޝްވަރާތައް ކުރިއަށްދާ ގޮތާ ބެހޭ މާ ބޮޑު ތަފްސީލެއް އެއްވެސް ފަރާތަކުން ދީފައެއް ނުވެ އެވެ.