ބޮލީވުޑް

އާލިއާ ބަޓްގެ ކޮނޑުހުޅަށް އަނިޔާވެއްޖެ

Jun 23, 2015

ކަރަން ޖޯހަރްގެ އަމިއްލަ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކުރާ ފިލްމު "ކަޕޫރު އެންޑް ސަންސް"ގެ ޝޫޓިންގެ ތެރެއިން ބަތަލާ އާލިއާ ބަޓްގެ ކޮނޑަށް އަނިޔާވެއްޖެ އެވެ.

ޝަކުން ބަޓްރާ ޑައިރެކްޓަރު ކުރާ މިފިލްމުގެ ޝޫޓިންގެ ތެރޭގައި އަނިޔާވެފައިވަނީ އާލިއާގެ ކަނާތު ކޮނޑު ހުޅަށެވެ.

މިހާރު ޓެމިލް ނާޑޫގެ ކޫނޫރްގައި މިފިލްމުގެ ޝޫޓިން ކުރިއަށްދާއިރު، އާލިއާ ވަނީ އޭނާގެ ކޮނޑު ހުޅަށް ލިބުނު އަނިޔާ ރަނގަޅު ވާން ދެފަހްތާއެއް ހާ ދުވަސް ނަގާނެކަމަށް ޓްވިޓާގައި ލިޔެފަ އެވެ.އަދި އޭނާ އަށް ހެޔޮދުއާކުރި ހުރިހާ ފަރާތަކަށް ޝުކުރުއަދާކޮށް، ފިލްމުގެ ޝޫޓިން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް މިފަދަ އަނިޔާއެއް ލިބުމުން އެކަމާ ހާސްނުވާކަމަށް ބުނެފަ އެވެ.

މީގެއިތުރުން އާލިއާގެ މަންމަ ސޯނީ ރަޒްދާން ވެސް ޓްވިޓާގައި އާލިއާ އަށް އަވަސް ޝިފާއަކަށް އެދުނު ހުރިހާ އެންމެނަށް ޝުކުރުއަދާކޮށްފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ފަށާފައިވާ މިފިލްމުގެ ލީޑްރޯލުން އާލިއާގެ އިތުރުން ފެނިގެންދާނީ އޭނާ ލޯބިވެރިޔާ ކަމަށް ބުނާ ސިދާތް މަލްހޯތުރާ އާއި ޕާކިންތާނުގެ އެކްޓަރު ފަވަދް ޚާން އެވެ.

ތިނެސްކަން ލޯބީގެ ވާހަކައެއްގެ އިތުރުން ޒަމާނީ ދިރިއުޅުން ދައްކުވައިދޭ މިފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ އާލިއާ އާއި ސިދާތްގެ ޑެބިއު ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" ޕްރޮޑިއުސްކޮށް ޑައިރެކްޓް ވެސް ކޮށްފަ އެވެ.

އެންމެފަހުން އާލިއާ ފެނިގެންގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް ފިލްމު "ހަމްޓީ ޝަރްމާ ކީ ދުލްހަންޔާ" އިން ވަރުން ދަވަން އާއިއެކު އެވެ.ދެން އެންމެ އަވަހަށް ފެނިގެންދާނީ ޑައިރެކްޓަރު ވިކާސް ބަލްގެ "”ޝާންދާރް" އިން ޝާހިދް ކަޕޫރު އާއިއެކު އެވެ.

މިފިލްމުވެސް ޕްރޮޑިއުސްކޮށްފައިވަނީ ކަރަން ޖޯހަރު އާއި ފެންޓަމް ފިލްމްސް އިންނެވެ.