ބޮލީވުޑް

ފިލްމު ޒީރޯގެ ކްލައިމެކްސް ޝޫޓު ކުރީ ނާސާގައި!

ބޮލީވުޑްގެ ރަސްގެފާނު، ޝާހްރުކް ޚާން ދެން އެންމެ އަވަހަށް ފެންނާނީ ފިލްމު ޒީރޯ އިންނެވެ. ލޯބީގެ ފިލްމުތަކުން ބެލުންތެރިންގެ ހިތް ފަތަހަ ކުރަމުން އައި ޝާހުގެ މި ފިލްމު ވާނީ، އޭނާގެ ފިލްމީ ހަޔާތުގެ އެންމެ ތަފާތު ފިލްމަށެވެ. ޑްވާފެއްގެ ރޯލުން ޝާހު ފެންނައިރު މި ފިލްމުގެ ކްލައިމެކްސް ޝޫޓު ކޮށްފައި ވަނީ ނާސާގަ އެވެ.

ޝާހްރުކް ޚާން އާއެކު، އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކެއިފް އެކުގައި ފެންނަ މި ފިލްމު ރިލީޒް ކުރަން މިހާރު އޮތީ އެންމެ ދެ ދުވަހެވެ. މިއީ މި އަހަރަށް އުއްމީދު ކުރެވުނު އެންމެ ބޮޑު އެއް ފިލުމެވެ. ފިލްމުގެ ޓްރެއިލާގައި ބައުއާ ސިންގް (ޝާހު) ރޮކެޓެއްގައި އުދުއްސައިގަންނަ މަންޒަރު ދައްކަ އެވެ. އަދި އެ މަންޒަރު ނެގުމަށް ފިލްމުގެ ޓީމުން ވަނީ ދުނިޔޭގެ ޖައްވީ އިދާރާ ނާސާގެ އަލަބާމާ ސަރަހައްދުގެ އިދާރާގައި 45 ދުވަސް ހޭދަކޮށްފަ އެވެ. އިންޑިއާ ރިޕޯޓުތައް ބުނާގޮތުގައި ނާސާގެ އެތެރޭގައި ޝޫޓު ނުކުރި އަސް އެތަނުން ލިބެން ހުރި ވަސީލަތްތަކަށް ބެލުމަށްފަހު ރޮކެޓުގެ މޮޑެލްތަކެއް ވަނީ ބޭނުންކޮށްފަ އެވެ.

ފިލްމު ޒީރޯގެ އޮފިޝަލް ޓްރެއިލާ

ޝާހުރުކް ޚާން ވަނީ މީގެ ކުރިން ވެސް ނާސާގައި ފިލްމެއްގެ މަންޒަރުތަކެއް ނަގާފަ އެވެ. އަޝުތޯޝް ގޮވާރިކާ އުފައްދާފައި 2004 ވަނަ އަހަރު ނެރުނު ސުޕަހިޓް ފިލްމު ސްވަދޭސްގައި އޭނާ ފެނިގެން ދިޔައީ ނާސާގައި މަސައްކަތް ކުރާ މީހެއްގެ ރޯލުންނެވެ.