ހަބަރު

ވަގުތުން ހުއްޓުވަންޖެހޭ ސައިޓެއްނެތް: ޕްލޭނިން

ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތީ ކަންކަން ހުރި މިންވަރު ބެލުމަށް އިއްޔެއިން ފެށިގެން ޒިޔާރަތްކުރި ސައިޓްތަކުގެ ތެރެއިން ވަގުތުން ހުއްޓުވަންޖެހޭ ކޮންސްޓްރަކްޝަން ސައިޓެއްނެތް ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފި އެވެ.

"ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޝަން 2018" ގެ ނަމުގައި އިއްޔެއިން ފެށިގެން މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތާއި ރައްކާތެރިކަންހުރި މިންވަރު ބެލުމަށްޓަކައި ޕްލޭނިން މިނިސްޓްރީއާ ސިޓީ ކައުންސިލާއި އެމްއެންޑީއެފް އަދި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން އެސައިޓްތައް ބެލުމަށް ޓީމްތަކެއްދަނީ ހަރަކާތްތެރިވަމުންނެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަލީ ވިދާޅުވީ، އެސައިޓްތަކުގައި ސަލާމަތީ ކަންކަން ބަލާނީ އެސްޕާޓުންނާއެކު ކަމަށާއި ލިސްޓުތަކެއް ހެދުމަށްފަހު އެބޭފުޅުން އެސައިޓްތަކަށް ގޮސް ކޮންޓްރެކްޓަރުންނާއި ބައްދަލުކުރާނެ ކަމަށެވެ. އަދި އެ ސައިޓްތަކަށް ވަދެ ބަލައި ގޯސް މައްސަލަތަކެއް ހުރި ކަމަށް ފާހަގަވާނަމަ އެތަނެއްގެ މަސައްކަތް ޓާސްކް ފޯސްއިން ވަގުތުން ހުއްޓުވާނެ ކަމަށްވެސް މުހައްމަދު އަލީ ވިދާޅުވި އެވެ.

"އަދި ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ސައިޓެއް ދިމައެއްނުވޭ، ނަމަވެސް އެބަހުރި ސާވޭއަށް ފާހަގަ ކުރެވިފަ ގަވާއިދާ ހިލާފަށް ކަންކަން ކޮށްފައިހުރި،" މުހައްމަދު އަލީ ވިދާޅުވި އެވެ.

މުހައްމަދު އަލީ ވިދާޅުވީ، މިހާރު ހުރި ސަލާމަތީ ކަންކަމުގެ ގަވާއިދުތައް އަލުން ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަންކަން ކުރިއަށް ގެންދަނީ ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލާއެކު ކަމަށެވެ. ބަދަލު ގެންނަން ޖެހޭ ކަންކަން ހުރިނަމަ ނުވަތަ އެގާނޫނަށް ބަދަލު ގެންނަންޖެހޭ ކަންކަން ފާހަގަވާނަމަ އެކަންކަން ބަދަލު ކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭނެ ކަމަށްވެސް މުހައްމަދު އަލީ ވިދާޅުވި އެވެ.

ޕްރެސްގައި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މާލޭގެ 161 ސައިޓްގައި މިހާރުވެސް މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާރު އެސައިޓްތައް ބަލަމުންދާ އިންސްޕެޓަރުންނަށް ވަރަށް ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިއަދު 6:30 އާއި ހަމައަށް ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާއި ސައިޓްތައް އިނގިގެންދާނެ ކަމަށްވެސް ޝިފާ ވިދާޅުވި އެވެ.

"މިހާރުން މިހާރަށް ފާހަގަ ކުރެވޭ މައްސަލަތަކުގެ ތެރޭގައި މިހާރުވެސް ސޭފްޓީނެޓް ހަލާކުވެފައިހުރި ތަންތަނުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ސޭފްޓީ ނެޓް ހަރުކޮށްފައިނެތްކަން، އޭގެ އިތުރުން ސައިން ބޯޑްތައްވެސް ކުރީއްސުރެ ދެވިފައިހުރި ހައުސިން މިނިސްޓްރީގެ ބޯޑްތައް މަސައްކަތް ކުރުމަށް މިހާރުވެސް ބޭނުން ކުރަމުން އެބަގެންދޭ، ސައިން ބޯޑް ތަކަކީ މަތީގައި އެލުވާފައި ހުރި ބޯޑްތަކެއް ކަމަށް ވާތީވެ، އާންމު ރައްޔިތުންނަށްވެސް އެކަން ފާހަގަ ނުކުރެވިދާކަންވެސް ހިތާމަ ކުރަން، އެކަންވެސް އެބަޖެހޭ ހުއްޓުވަން،" ޝިފާ ވިދާޅުވި އެވެ.

ޝިފާ އިތުރަށް ވިދާޅުވީ، ސައިޓްތަކަށް އެއްޗެހި އުފުލުމުގައިވެސް އެކަށީގެންވާ މިންވަރަށް ސަލާމަތީ ކަންކަން ނުބަލާ ކަމަށެވެ. އެކަންކަންވެސް ބަލައި ފިޔަވަޅު އެލޭނެ ކަމަށެވެ. އަދި ހަދާ ނިންމާފައި ހުރި ގެތަކުގެ ތެރެއިންވެސް ރައްޔިތުންގެ ފަރާތުން މައްސަލައެއް ހުށަހަޅައިފިނަމަ އެކަންކަން ބަލާނެ ކަމަށްވެސް ޝިފާ ވިދާޅުވި އެވެ.