ހަބަރު

ޕީޕީއެމުން އިތުރު 13 ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފި

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ޕްރައިމަރީއަކާ ނުލައި އިތުރު 13 ދާއިރާއެއްގެ ޓިކެޓް ޕީޕީއެމުން މިއަދު ހަވާލުކޮށްފި އެވެ.

އިތުރު ތޭރަ ދާއިރާއަކުން ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލު ކޮށްފައިވަނީ މިއަދު އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިއަދު އިއުލާންކުރި ދާއިރާތަކާއެކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމުން ވާދަކުރަން ނިންމާފައިވާ ދާއިރާތަކުގެ އަދަދު 54 އަކަށް އަރާނެ އެވެ.

ޓިކެޓް ހަވާލުކުރި ބޭފުޅުން

- ދިއްދޫ ދާއިރާ މުހައްމަދު ހަސަން
- އިހަވަންދޫ ދާއިރާ އަހުމަދު ނަސީރު
- ކުޅުދުއްފުށި ދެކުނު ދާއިރާ އަބްދުއްރަހްމާން އިސްމާއީލް
- ކޮމަންޑޫ ދާއިރާ އިބްރާހިމް ރަޝީދް
- ކަނޑިތީމު ދާއިރާ މުހައްމަދު އާރިފް
- ތުޅާދޫ ދާއިރާ މުހައްމަދު އަތީފް
- ދާންދޫ ދާއިރާ މުހައްމަދު މުއީން
- އިސްދޫ ދާއިރާ އިސްމާއީލް ޝަފީއު
- މަރަދޫ ދާއިރާ ޝެރީނާ އަބްދުއްސަމަދް
- އައްޑޫ މީދޫ ދާއިރާ އަހުމަދު އަސްލަމް
- މާފަންނު އުތުރު ދާއިރާ މުހައްމަދު ލައްމާން
- މާފަންނު ހުޅަނގު ދާއިރާ ރީލާ އަލީ
- ހިތަދޫ އުތުރު ދާއިރާ މުހައްމަދު ޖިނާން ޖަލީލް

މެންބަރުންނަށް ޓިކެޓް ހަވާލުކުރެއްވުމަށްފަހު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ޕްރައިމަރީއަކާ ނުލައި މިއަދު ޓިކެޓް ހަވާލުކޮށްފައިވާ ބޭފުޅުންނަކީ އިންތިހާބުގައި ކާމިޔާބު ލިބިދާނެކަމަށް އުންމީދުކުރެވޭ ދާއިރާތަކުން، އިންތިހާބު ކާމިޔާބު ކުރުމުގެ ގާބިލުކަން ހުރިކަމަށް ޕީޕީއެމުން ދެކޭ ކެންޑިޑޭޓުން ކަމަށެވެ. އެހެންކަމުން އެ ކެންޑިޑޭޓުންނަށް ދާއިރާތަކުން ތާއީދުކޮށްދިނުމަށް ވަނީ އެދިވަޑައިގަންނަވާފަ އެވެ.

ޕީޕީއެމުން އާ ޕާޓީއެއް އުފައްދަން މަޝްވަރާކުރަމުން އަންނަ ދަނޑިވަޅެއްގައި މަޖިލިސް އިންތިހާބު ބޯމަތިވަމުން އަންނައިރު، އާ ޕާޓީއެއް އުފެއްދުމަކުން މެންބަރުންގެ މަސައްކަތަށް އެއްވެސް އުނިކަމެއް އަދި ހުރަހެއް ނާންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ވަނީ އާ ޕާޓީއެއް އުފެއްދުމާއެކު ޕީޕީއެމުން މިހާރު ޓިކެޓް ދީފައިވާ ހުރިހާ ބޭފުޅުން ވެސް، އަދި ޕާޓީއަށާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އާ ޕާޓީއަށް ވަނުމަށް ވެސް އެދިވަޑައިގަންނަވާފަ އެވެ.