ހަބަރު

ޖަލުތައް އޮޑިޓް ކުރުމަށް 7 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފި

ޖަލުތަކުގެ ހާލަތު ބަލައި، އޮޑިޓެއް ހެދުމަށްޓަކައި 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެއް ހޯމް މިނިސްޓްރީން އެކުލަވާލައިފި އެވެ.

ހޯމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ޖަލުތަކުގެ އޮޑިޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށެވެ. އަދި އެ އޯޑިޓްގެ ބޭނުމަކީ ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރިކަންކަން ފާހަގަކޮށް، ރިޕޯޓެއް އެކުލަވާލާ އެ ރިޕޯޓަށް ރިއާޔަތްކޮށް، ޖަލުތަކުގެ ކަންކަން އިސްލާހުކޮށް، ގައިދީންގެ ހައްގުތަށް ކަށަވަރު ކުރުމާއެކު، ގައިދީންނަށް އިންސާނީ ހައްގުތަށް ލިބިދޭކަން ކަށަވަރު ކުރުން ކަމަށެވެ.

އެ މަސައްކަތް ކުރުމަށް އެކުލަވާފައިވާ ކޮމިޝަނަށް އައްޔަންކޮށްފައިވާ މެމްބަރުންނަކީ ޑރ. އަބުދުﷲ އިސްނީން ހިލްމީއާއި، އައްޝައިޙް އަހުމަދު އަބުދުލްކަރީމާއި، ޝަހިންދާ އިސްމާއިލާއި، އަހުމަދު މުހައްމަދު ފުޅާއި، ޒުލައިހާ ދާއޫދުގެ އިތުރުން، ޝާދިޔާ އާދަމާއި، އައިމިނަތު ނާހީން އަހުމަދެވެ.

ޖަލުތަކުގެ ހާލަތު ބެލުމަށް ކޮމިޝަނެއް އެލުލަވާލާފައިވާ އިރު، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށާއި، ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތަށްވެސް ބެލުމަށް ވަނީ ކޮމިޝަނެއް އުފައްދަވާފައެވެ.