މާފުށީ ޖަލުގައި ގައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭ ގޮތަށް ހާއްސަ ކޮށްފައިވާ ކޯޓް ރޫމްގެ އަދަދު ފަހަކަށް އިތުރުކޮށް އަލަށް ހެދި ދެ ކޯޓް ރޫމްވެސް މިއަދު ބޭނުން ކުރަން ފަށައިފި އެވެ.
މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅުއެވެ.
ކޯޓް ރޫމްތައް އިތުރުކޮށް ބޭނުން ކުރަން ފެށީ އެމްސީއެސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީއަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހި އަދި ކޮވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވާ ހާލަތުގައި ޝަރީއަތް ބޭއްވުމުގައި އަދި އެ މީހުން ކޯޓުތަކަށް އުފުލުމުގައި ދިމާވާ ދަތިތައް ކުޑަކުރުން ކަމަށް ކަރެކްޝަނުން ބުންޏެވެ. މިގޮތުން މި ކޯޓް ރޫމްތައް ބޭނުން ކުރަން ފެށުމުން ކްރިމިނަލް ކޯޓުގެ ބެކްލޮގް ކުރިން އަންދާޒާ ކޮށްފައިވާ މުއްދަތަށް ވުރެ އަވަހަށް ކްލިއާ ކުރުމަށް މަގު ފަހިވެގެން ދާނެއެވެ.
މި ކޯޓް ރޫމްތަކުގެ ސަބަބުން ދުވާލަކަށް 25 ގައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެއެވެ. އަދި އެ މީހުންގެ އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު މިހާރަށް ވުރެ އިތުރު ވެގެންދާނެއެވެ.