ހަބަރު

ހާލުބޮޑުވި 2 މަސްވެރިން ދިއްދޫއަށް ގެންގޮސްފި

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ފަލުކާ ސާފުކުރަން ފައިބާއުޅެނިކޮށް ހާލުބޮޑުވި ދެމީހުން ދިއްދޫއަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 12 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އާރކް" ނަމަކަށް ކިޔާ ދޯނީގައި ތިބި ދެ މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހއ.ދިއްދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހާދިސާގެ މަޢުލޫމާތު މިއަދު އިރުއޮއްސި 18:40 ހާއިރު ލިބުމާއެކު ހޯރަފުށި ސީއެމްބިއުލަންސް މެޑިކަލް ޓީމަކާއެކު ދޯނި އޮތް ސަރަޙައްދަށް ވަނީ ފުރުވާލާފައިކަމަށާއި، އެ ހާދިސާގައި ހާލު ދެރަވެގެން ދިއްދޫއަށް ގެންގޮސްދީފައިވަނީ ދެ ދިވެހިން ކަމަށެވެ. އަދި އެ ދެ މީހުންވެސް އިތުރު ފަރުވާއަށް ދިއްދޫއަށް ގެންގޮސްދީފައިވަނީ ދޯނީގެ ފަލްކާ ސާފުކުރުމަށް ފޭބުމަށްފަހު ނޭވާއަށް އުނދަގޫވާތީ، ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުމުންކަމަށާއި، އެ ދެމީހުން ހޯރަފުއްޓަށް ގެންދިއުމަށް ކުރިން ހަމަޖެހިފައިވީނަމަވެސް ހއ.ދިއްދޫއަށް ގެންގޮސްފައިވަނީ ސީއެމްބިއުލަންސްގައި ހުންނެވި ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ ދެ މީހުންވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހއ. ދިއްދޫއަށް ގެންގޮސްދީފައިވަނީ މިރޭ 20:35 ހާއިރުކަމަށްވެސް އެމްއެންޑިއެފުން ވަނީ ބުނެފަ އެވެ.