ބޮލީވުޑް

ހަނގުރާމައިގެ ލަޝްކަރުގެ ރާނީއަކަށް ކަންގަނާ!

ފިލްމު "ފެޝަން" އިން މޮޅު ގޮތްގޮތަށް މޮޑެލް ކުރުން ދެއްކުވި ކަންގަނާ ދެން އެންމެ އަވަހަށް ފެންނާނީ ވަރަށް ތަފާތު ރޯލަކުންނެވެ. ހަނގުރާމައި މައިދާނުގައި ކަންގަނާ ފެންނަ މިއީ ފުރަތަމަ ފަހަރެވެ. މިއީ އާދައިގެ ހަނގުރާމަ އަކަށްވެސް ނުވާނެ އެވެ. ކަންގަނާ ފެންނާނީ ހަނގުރާމައިގެ ލަޝްކަރުގެ ރާނީގެ ރޯލުންނެވެ.

މަނީކަރްނިކާގެ ފުރަތަމަ ޓީޒާ ރިލީޒް ކުރުމާއެކު މިއީ ކަންގަނާގެ ތަފާތު ގޮތަކަށް ފެންނާނެ ފިލްމެއް ކަން މިހާރުވެސް ވަނީ ޔަގީންވެފަ އެވެ.

ފުރިހަމަ ޓްރެއިލާއެއް މިހާރު ރިލީޒް ކޮށްފައިވާއިރު، ކަންގަނާ ހަނގުރާމަމަތީ ދުނިދަނޑި އާއި ކަނޑީގެ ހަމަލާތައް ދޭ މަންޒަރު ޓްރެއިލާގައި ފެނެ އެވެ. އިނގިރޭސިންގެ އަތްމަތިން އިންޑިއާ ސަލާމަތް ކުރަން ރާނީ ލަކްސްމީ ބާއީ (ކަންގަނާ) ޖެހިލުމެއްނެތި ކުރާ ހަނގުރާމަ މި ފިލްމުގައި ދައްކުވައިދެ އެވެ. އަދި އެ ހަނގުރާމަ ކުރަނީ ކުރިމަގުގައި އިނގިރޭސިންގެ އަޅުވެތިކަމަށް ވެއްޓުމުގެ ބިރު ހީވެފައިވާތީ ކަމަށް ފިލްމުގެ ޓީޒާގެ މެސެޖުން ބުނެދެ އެވެ.

ގައުމުގެ ހިމާޔަތުގައި، ހަނގުރާމައިގެ ތެރެއަށް ކަންގަނާ ނިކުމެ އުޅޭ މަންޒަރަކީ އޭނާގެ އެހެން ފިލްމުތަކާ ހިލާފަށް ވަރުގަދަ ތަފާތު މަންޒަރުތަކެކެވެ. ކަންގަނާ ހަތަރު ގޮތަކަށް މި ފިލްމުން ފެނިގެންދާނެ އެވެ. އެއީ ރަސްދަރިކަނބަލެއްގެ ރޯލާއި ރާނީއެއްގެ ރޯލާއި މަންމައެއް އަދި ހަނގުރާމަވެރިއެއްގެ ރޯލުންނެވެ.

ތިން މިނެޓުގެ ދިގު ޓްރެއިލާއަށްފަހު އެކަނިވެސް ކަންގަނާގެ މޮޅު ހުނަރަށް ތައުރީފުތައް އޮހެން ވަނީ ފަށައިފި އެވެ. ޒީ ސްޓޫޑިއޯސްގެ ދަށުން ކަމަލް ޖައިން ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމު ޑައިރެކްޓަރަކީ ކްރިޝްނާ ޖަގަރްލަމަޑް އެވެ. މި ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ތައްޔާރު ކޮށްފައި ވަނީ "ބާހުބަލީ" އަދި "ބާގް މިލްކާ ބާގް"ގެ ލިޔުންތެރިންނެވެ.

މިއީ އެންމެ ހަރަދު ބޮޑުކޮށް އުފައްދާ އެއް ފިލުމެވެ. ފިލްމުގެ ރާނީ ކަންގަނާއަށް، ބޮލީވުޑްގައި ފިލްމަކަށް އެންމެ ހަރަދުކުރި ބަތަލާގެ ޝަރަފު ވެސް ވަނީ ލިބިފަ އެވެ. "މަނީކަރްނިކާ" ސިނަމާ ތަކުގައި އަޅުވާނީ އަންނަ އަހަރު، ޖެނުއަރީ މަހު 25 އިން ފެށިގެންނެވެ.