ހަބަރު

ވިއްސާރައިގައި ގެއްލުންވި 127 ގެއަކަށް ފައިސާގެ އެހީދޭން ފަށައިފި

މިމަހު ފަސްވަނަ ދުވަހު މާލެއަށް ވެހުނު ބޯ ވާރޭގައި ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކަށް ސަރުކާރުން ފައިސާގެ އެހީދޭން ފަށައިފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ގެއްލުންވި ގެތަކަށް ފައިސާގެ އެހީ ބަހަން ފަށާފައިވަނީ މިއަދު މެންދުރުން ފެށިގެންނެވެ. އެގޮތުން މިހާތަނަށް ވަނީ 24 ގެއަކަށް ފައިސާގެ އެހީ ހަވާލުކޮށްފަ އެވެ. އެ ސެންޓަރުން ބުނީ، ފައިސާގެ އެހީއިން އެ ހާދިސާގައި ލިބުނު ގެއްލުމުގެ 94 ޕަސެންޓް ކަވަރުވާނެ ކަމަށެވެ.

އެހީގެ ގޮތުގައި ހެޔޮ އެދޭ ފަރާތްތަކުން ވަނީ، 1.3 މިލިއަން ރުފިޔާ ދީފަ އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑިޒާސްޓާ މެނޭޖްމަންޓްގެ ޕްރޮޖެކްޓް މެނޭޖާ ހިސާން ހަސަން ވިދާޅުވީ، ފެންބޮޑު ވުމުގެ ސަބަބުން 209 ގެއަކަށް އެކި ވަރުގެ ގެއްލުން ވަނީ ވެފަ އެވެ. އެގޮތުން އެ ހުރިހާ ގެއެއްގެ ގެއްލުންތައް ބެލުމަށްފަހު އޭގެ ތެރެއިން އެހީ ދިނުމަށް 127 ގެއެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެ ގެތަކަށް އެހީ ހަވާލުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށް ވެސް ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، މިހާތަނަށް 24 ގެއަކަށް ފައިސާ ހަވާލުކޮށްފައިވާއިރު، އެ ފައިސާ ހަވާލުކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ގެއެއްގައި އެއް އާއިލާއަށްވުރެ ގިނަ މީހުން އެކި ކޮޓަރިތަކުގައި ތިބޭއިރު، އެސެސްމަންޓް ހަދަނީ މުޅި ގެއަށް ވީ ގެއްލުމަށް ކަމަށް ވުމުން ފައިސާ ދެނީ ބޮލަކަށް ވަކި ވަރެއް ބަހައިގެނެއް ނޫނެވެ. މިހާރު ފައިސާ ހަވާލުކުރަމުން ގެންދަނީ، ކޮންމެ ގެއަކަށް ވެސް ދޭ ފައިސާގެ އެހީއަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައި އެފައިސާ ހޭދަކުރާ ގޮތުގެ ޒިންމާ އެމީހަކު ނަގަން ޖެހޭ ގޮތަށް ޑިޒާސްޓާ މެނޭޖްމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު އެވެ.

"ގެއަކަށް ގެއްލުން ވެގެން އެގޭގައި ދިރިއުޅޭ ފަރާތްތައް ބަލާއިރުގަ ގެއެއްގައި އެބަ އުޅޭ އެކި އެކި ގޭ ބިސީތައް. އެކި ކޮޓަރި ތަކުގަ މީހުން އެބަ އުޅޭ. އެކަމަކު ގޭގެ އެސެސްމަންޓް ހަދާއިރުގަ އެ އެސެސްމަންޓް މި ހަދަނީ އެގެއަށް. އެކަމަކު ބިސީތަކުގައި އުޅޭ ވަކި ވަކި މީހުންނަސް އެ ފައިސާ ބަހާ ކަހަލަ ގޮތަކަށް ނޫން މި އޮންނަނީކީ. އެހެންވީމަ މި ފައިސާ ހަވާލުކުރާ ފަރާތް ކަށަވަރުކުރުމުގެ ގޮތުން އަޅުގަނޑުމެން އިތުރު ޕްރޮސެސްއެއް އެބަޖެހޭ ކުރިއަށް ގެންދަން،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފައިސާ ހަވާލުކުރާ ފަރާތް ކަށަވަރު ކުރަންޖެހޭ ސަބަބަކީ އެގޭގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ އާއިލާއަކުން އެއްބަސްވާ ފަރާތްތަކަށް ފައިސާ ހަވާލުކުރާއިރު، އެމީހެއްގެ އަތަށް ދޭ ފައިސާއިން އެ ގެއަކަށް ވެފައި ހުރި ގެއްލުންތައް ރަނގަޅުކޮށް ދިރިއުޅުން އާންމު ހާލަތަކަށް ގެންނަން ކުރަންޖެހޭ ކަންކަމުގެ ޒިންމާ ފައިސާއާ ހަވާލުވާ ފަރާތުން ނަގަންޖެހޭތީ ކަމަށް ވެސް ވިދާޅުވި އެވެ.

އެހީ ފަންޑަށް ލިބުނު ފައިސާގެ ތަފްސީލް

ޔުނިވަސަލް އެންޓަޕްރައިސަސް ގެ ފަރާތުން 300،000 ރުފިޔާ
މޯލްޑިވެސް އެސޯސިއޭޝަން އޮފް ޓޫރިޒަމްގެ ފަރާތުން 250،000 ރުފިޔާ
ސީޖީޓީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން 400،000 ރުފިޔާ
ޓީޖެޓީގެ ފަރާތުން 10،000 ރުފިޔާ
އެމްއެސް ފައިނެސް ކަރެންސީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން 50،000 ރުފިޔާ
ހެޕީ މާކެޓް ގެ ފަރާތުން 1،50000 ރުފިޔާ
ދިރާގުގެ ފަރާތުން 200،000 ރުފިޔާ

މި ފައިސާގެ ތެރެއިން މިހާރު އެހީދޭން ނިންމާފައިވާ 127 ގެތަކުގެ ތެރެއިން ވަރަށް ބޮޑު ގެއްލުންތަކެއް ވެފައި ހުރުމުން އެންމެ ބޮޑު އެހީއެއް ދޭން ކަނޑައަޅާފައިވާ ގެއަށް 45000 ރ ލިބޭނެ އެވެ. އެހެން ގެތަކަށް ވެސް ޑެމޭޖް އެސެސްމަންޓަށް ބިނާކޮށް ގެއްލުމުގެ 20 ޕަސެންޓާ އެކު ފަންޑަށް ލިބުނު ފައިސާގެ 74 ޕަސެންޓް ގެއްލުން ލިބުނު ގެތަކުގެ ނިސްބަތުން ބަހާނެ އެވެ. އެހެންކަމުން ޑެމޭޖް އެސެސްމަންޓުން ގެއްލުން ލިބުނު ފަރާތްތަކުގެ ގެއްލުމުގެ 94 ފަސެންޓް އެ ފަރާތްތަކަށް ލިބޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިސާ ބެހުމުގެ މަސައްކަތް މެދު ނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ފައިސާއާ ހަވާލުވުމަށް ކޮންމެ ގެއަކަށް ވެސް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުން ގުޅާނެ ކަމަށާއި، ގުޅާލުމުން އެހީ ހޯދަން ވަޑައިގެންނެވުމަށް ވެސް ވަނީ އެދިވަޑައިގަންނަވާފަ އެވެ.