ހަބަރު

ސިޓީ ކައުންސިލްތަކަށް އިތުރު ބާރުތަކެއް އަނެއްކާވެސް ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ހައުސިން މިނިސްޓްރީއަށް ނަގާފައިވާ ސިޓީ ކައުންސިލްގެ ޒިންމާތަކާއި ބާރުތަކާއި ހިދުމަތްތައް އެ ކައުންސިލްތަކަށް އަލުން އަނބުރާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ސިޓި ކައުންސިލްގެ މޭންޑޭޓުގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކެއް ރައީސް ޔާމީންގެ ސަރުކާރުން ވަނީ 2015 ވަނަ އަހަރު ހައުސިން މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، އިއުލާންކުރެއްވި 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ސިޓީ ކައުންސިލްތަކަށް ގެއްލިފައިވާ ޒިންމާތަކާއި ބާރުތައް އަލުން ދޭން ވަނީ ނިންމައިފަ އެވެ.

ރައީސް އޮފީހުން މިރޭ ހާމަކުރިގޮތުގައި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް، ރައީސް ސޯލިހް ވަނީ އެ ކައުންސިލްތަކަށް އަނބުރާ ދެއްވާފަ އެވެ. އެހެންކަމުން މި ނިންމުމާއެކު މާލެ ސިޓި ކައުންސިލުގެ ހިދުމަތްތައް އަނެއްކާވެސް ކުރިން އޮތް ގޮތަށް ލިބެން ފަށާނެ އެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ސިޓީ ކައުންސިލަށް އަނބުރާ ދިން ބާރުތަކުގެ ތެރޭގައި އިގްތިސާދީ ނުވަތަ އިޖުތިމާއީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުން އަދި މި އިންވެސްޓްމަންޓްތައް ކައުންސިލުގެ ނަމުގައި މިލްކުކުރުން ހިމެނެ އެވެ.

ކައުންސިލުގެ ބެލުމުގެ ދަށުން ހިދުމަތްދޭ ތަންތަނާއި ކައުންސިލުގެ އުޅަނދުފަހަރާއި މަގުތަކާއި ޕާކު ފަދަ އާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމާއި ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްއަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން ހިމެނެއެވެ.

ސިޓީ ކައުންސިލްގެ ބާރުތައް އެ ކައުންސިލަށް މިރޭ ލިބުމާއެކު މިހާރުން ފެށިގެން މާލެއިން ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓަރީކުރުމާއި އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓާނީ އެ ކައުންސިލުންނެވެ. އަދި އެކިއެކި ފަރާތްފަރާތުން ބިންބިމާ ގުޅޭ ރެކޯޑުތައް ބެލެހެއްޓުމާއި މިސްކިތްތައް ބެލެހެއްޓުންވެސް ކައުންސިލްގެ ދަށަށް ބަދަލުވެގެންދާއިރު، މިހާރެކޭވެސް އެއްގޮތަށް ވިހާ މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި އަދި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓުމާއި، މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހިދުމަތް ސިޓީ ކައުންސިލްތަކުން ދޭނެ އެވެ.