ހޮލީވުޑް

އެލާޑިންގެ މި ފޮޓޯތަކަކުންވެސް ކެތްމަދުވެއްޖެ!

ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު ޑިޒްނީއިން އުފެއްދި އެލާޑިން ކާޓޫނުގެ ރީމޭކް އެލާޑިން ފިލްމުގެ އެކްސްކްލޫސިވް ފޮޓޯތަކެއް ރިލީޒް ކޮށްފި އެވެ. މިއީ މި އެލާޑިން ކާޓޫނަށް ލޯބި ކުރި ފަރާތްތަކުން ބަލާލަން ކޮންމެހެން ވެސް މަޖުބޫރު ފިލްމެއްކަން މި ފޮޓޯތަކުން ޔަގީންކޮށްދެ އެވެ.

އެމެރިކާގެ މެގަޒިން އެއް ކަމަށްވާ އެންޓަޓެއިންމަންޓު ވީކްލީއިން ނެރުނު މި ފޮޓޯތަކަކީ ފިލްމުގެ ޓްރެއިލާއަށްފަހު، ފިލްމުން ތަންކޮޅެއް ފެންނާނެ ފުރަތަމަ ފޮޓޯތަކެވެ. ފިލްމުގެ މައިގަނޑު ހުރިހާ ކެރެކްޓާތަކެއް ފޮޓޯތަކުގައި ފެނުނުއިރު ހީވަނީ ހަމަ ކުރީގެ ކާޓޫނުން މަންޒަރުތަކެއް ނަގާ އެޗްޑީ ކޮށްލި ހެންނެވެ! އެއްވެސް ތަފާތެއް ނެތެވެ.

ފިލްމުގައި އެލާޑިންގެ ރޯލުން ފެންނަ މީނާ މަސްއޫދު ފޮޓޯތައް ޕޯސްޓުކޮށްފައިވާ ޓްވީޓު

މި ފޮޓޯތަކުގައި، ރަނުން ޖަރީކޮށްފައިވާ ހެދުން އަޅައިގެން ޝާހީ ގަނޑުވަރުގައި ޖޭސްމިން ހުއްޓިގެން ހުންނަ ވަގުތާއި، އަވަށްގަނޑުގައި އެލާޑިން އާ ދިމާވެ އެ ސަރަހައްދުން ފިލަން އުޅޭ މަންޒަރު ވެސް ކާޓޫނާ ވަރަށް ވައްތަރެވެ. އެލާޑިންއާއެކު އުޅޭ ކުޑަ ރާމާމަކުނުގެ ބޮލުގައި އަޅާފައި އޮންނަ ކުޑަ ތާކިހަލާއި ޖެކެޓުގެ ކުދި ކުދި ތަފްސީލުތައް ވެސް ހުރީ ހަމަ ކާޓޫނުގައި ދައްކުވައިދޭ ގޮތަށެވެ.

އޮކްޓޯބަރު މަހު ރިލީޒްކޮށްފައިވާ އެލާޑިން ފިލްމުގެ ޓްރެއިލާ

އެލާޑިންއަކީ އަރަބި ގައުމެއްގައި ހިނގައިދިޔަ ހިޔާލީ ވާހަކައަކަށް ވާހަކަ ބިނާކޮށް ޑިޒްނީ އިން ނުވަދިހައިގެ އަހަރުތަކުގައި އުފައްދާފައިވާ ކާޓޫނަކަށްވިޔަސް ފާޑުކިޔާ ބައެއް މީހުން ދެކޭ ގޮތުގައި މިއީ އިންޑިއާގެ އާގްރާގައި ހުރި މަޝްހޫރު ތާޖު މަހަލްގެ ވާހަކައެވެ. ތާޖުމަހަލްގެ ގަނޑުވަރުގެ ބައެއް ތަންތަނާއި އެލާޑިން ކާޓޫނުގެ ޖޭސްމިންގެ ގަނޑުވަރު ވައްތަރުކަމަށް ބައެއް ކްރިޓިކުން ހިޔާލު ފާޅު ކުރެ އެވެ. އެހެންނަމަވެސް، އެލާޑިން ކާޓޫނުގެ އެންމެ މަޝްހޫރު 'އެރޭބިއަން ނައިޓްސް' ލަވައިން މިކަމަށް ޖަވާބު ދެ އެވެ.

އެލާޑިން ކާޓޫނަށްފަހު 26 އަހަރުފަހުން ޑިޒްނީއިން ލައިވް އެކްޝަން ފިލްމު ގެނެސްދޭއިރު، އެލާޑިންގެ ރޯލުން ފެންނާނީ މުޅިން އަލަށް ފިލްމަކުން ފެނިގެންދާނެ މިސްރުގެ އެކްޓަރު މީނާ މަސްއޫދު އެވެ. އަދި ޕްރިންސަސް ޖޭޒްމިން ގެ ރޯލުގައި ނައޯމީ ސްކޮޓް އެވެ. އަދި އެންމެން ހެއްވާލި ޖީނީގެ ރޯލުން ފެނިގެންދާނީ އެކްޓަރު އަދި ރެޕާ ވިލް ސްމިތު އެވެ. އަދި ނުބައިބައި ޖަފަރގެ ރޯލުން ފެނިގެންދާނީ ތޫނިސްގެ އެކްޓަރު މަރްވާން ކެންޒަރީ އެވެ. އެކްޓަރުން ހޮވާފައިވަނީވެސް ކާޓޫނުގެ އަސްލު ނުގެއްލޭ ގޮތަށެވެ.