ބޮލީވުޑް

ޓައިގާ ޝްރޮފްގެ ބާޣީ ތިނެއް، 2020 ގައި

ޖެކީ ޝްރޮފްގެ ދަރި ޓައިގާ ޝްރޮފް އަންނަނީ ބޮލީވުޑްގެ އެކްޝަން ފިލްމުތަކުގައި މަޑުމަޑުން އޭނާގެ ނަން ހަރު ކުރަމުންނެވެ. ފިލްމު "ހީރޯޕަންތީ" އިން މަގުބޫލުކަން ހޯދި ޓައިގާ "ބާޣީ" އެކެއް އަދި ދޭކަށްފަހު ތިނެއް ވެސް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ޔަގީންކޮށްދީފި އެވެ.

"ބާޣީ" އެކަކާއި ދޭކަށް ލިބުނު ތަރުހީބަށްފަހު މާޗް 6، 2020 ގައި ނެރޭ "ބާޣީ" ތިނެއްގައި ވެސް ފެންނާނީ ޓައިގާ އެވެ. ޓައިގާގެ އޮފިޝަލް ޓްވިޓާގައި އެންޖީއީ މޫވީސްގެ ބާގީ ތިނެއްގައި ޓައިގާ އެނބުރި އަންނާނެ ކަމަށް ބުނެފައިވެ އެވެ. "ރައުންޑް ތްރީ އިޒް އޮން" ޖެހުމަށްފަހު ޓައިގާ ކުރި މި ޓްވީޓުން ފޭނުން މި ޖެހުނީ ދިގު އިންތިޒާރެއް ކުރާށެވެ.

ހަބަރުތައް ފެތުރިފައިވާގޮތުގައި "ބާޣީ" ތިނެއްގައި، ޓައިގާ އާއެކު ފެންނާނީ ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން ކަމަށް ބެލެވެ އެވެ. އަދި "ބާޣީ" ތިނެއްގެ ބަތަލާގެ ރޯލު އޭނާއަށް ހުށަހެޅި ކަމަށް ވެސް ބުނެ އެވެ. މި ފިލްމުގެ ފުރިހަމަ ކާސްޓުން އަދި އިއުލާން ނުކުރިއަސް ފިލްމުގެ ލީޑް ޓައިގާއަކަށް ބަދަލެއް އަންނާނެ ހެނެއް ހިޔެއް ނުވެ އެވެ.

ނަޑިއާޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓުގެ ކުޑައިގެ ދަށުން ސާޖިދް ނަޑިއާޑްވަލާ ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމުގެ ކޯ ޕްރޮޑިއުސަރުންނަކީ ފޮކްސް ސްޓާ ސްޓޫޑިއޯޒް އެވެ. ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަހްމަދު ޚާން އެވެ.