ހަބަރު

ތަރައްގީގެ އާ މަޝްރޫއުތަކެއް ހިންގަން ޖަޕާނާއެކު މަޝްވަރާކޮށްފި

ތަރައްގީގެ އާ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގުމަށް ޖަޕާނު ސަރުކާރާއެކު މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައްކޮށްފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޖަޕާނަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިން އެންވަޔަރަމަންޓް މިނިސްޓަރު ޔޮޝިއަކީ ހަރަޑާއާ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޖަޕާނުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވައިފަ އެވެ. އަދި ރާއްޖެއާ އޮންނަ ގާތް ގުޅުމާއި ވެދޭ އެހީތަކަށް ޝާހިދު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކުރިޔަށް އޮތްތަނުގައި ވެސް ރާއްޖެއަށް އެހީވުމަށް މަޝްވަރާ ކުރައްވަމުން ދެ މިނިސްޓަރުން ވަނީ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެނުގެ ނިޒާމް ގާއިމް ކުރުމާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ހިންގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.