ރާއްޖޭގެ އިގްތިސާދު ދާއިރާ ތަރައްގީ ކުރަން ޖަޕާނާއެކު ގުޅިގެން މަސައްކަތް ކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާކޮށްފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރު ތާރޯ ކޯނޯއާ ބައްދަލުވާ ވާހަކަދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ރާއްޖެ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ތަރައްގީ ކުރުމަށް ދެ ގައުމުން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
މީގެ ކުރިން ވެސް ޖަޕާނުން ރާއްޖޭގެ މަސްވެރިކަން ކުރިއަރުވުމަށާއި ތިމާވެއްޓާ ތައުލީމު ދާއިރާ އަދި 2004 ވަނަ އަހަރު ހިނގި ސުނާމީގެ ހާދިސާއިން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް އެ ގައުމުން ވެދިން އެހީ ފާހަގަކޮށް ވަނީ ޝުކުރު އަދާ ކޮށްފައެވެ. އެ ބައްދަލުވަުމުގައި މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގަތެވެ.
ދިވެހިި ސަރުކާރުގެ ފަރާތުން ޖަޕާނަށް އިއްޔެ ފެށި ދަތުރަކީ އެ ގައުމާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް މާލީ ދަތިކަމުން އަރައިގަތުމަށް އެހީ ހޯދުމުގެ ބޭނުމުގައި ކުރާ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.