ހަބަރު

ލީޑަރުންގެ ބައްދަލުވުމާ ދިމާކޮށް މުޒާހަރާކޮށްފި

މަހުޖަނުންގެ ނުފޫޒުން ރައްޔިތުން މަޖިލިސް ސަލާމަތް ކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ސަރުކާރު ކޯލިޝަންގެ ހަތަރު ލީޑަރުންގެ ކުރިމަތީގައި މުޒާހަރާ ކޮށްފި އެވެ.

އެފަރާތްތަކުން މުޒާހަރާ ކޮށްފައިވަނީ ރައީސް ސޯލިހް، ކޯލިޝަންގެ ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް ރައީސް ގާސިމް އިބްރާހީމާއި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲއާ ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރެއްވުމަށްފަހު ޖެންގެ ލޮބީގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދެވި ވަގުތުގައި އެވެ.

ގާތްގަނޑަކަށް 10 ވަރަކަށް ބޭފުޅުންނާއެކު އެބޭފުޅުން ކުރިއަށް ގެންދިޔައީ ހިމޭން އިހްތިޖާޖެކެވެ. އެއިހްތިޖާޖްގައި އެމީހުން ތިބީ ބޯޑްތަކަކާއި ފޮތިގަނޑުތަކެއް ހިފައިގެންނެވެ. ހަތަރު ލީޑަރުންގެ ކުރިމަތީ އެ ބޯޑްތަކާއި ފޮތިގަނޑު ހިފައިގެން ތިބުން ނޫން އިތުރުކަމެއް ކޮށްފައެއްނުވެ އެވެ.

ނޫސްވެރިންގެ ތެރޭގައި އެމީހުން ހިފައިގެން ތިބި ބޯޑްތަކުގައި ވަނީ، "މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރޭ" އާއި "މަހުޖަނުން ވަގަށް ނެގި ރަށްތައް އަތުލާ" އަދި "މާލީ ބަޔާން ހާމަނުކުރާ ފަރާތްތައް މަޖިލިހަށް ނުހޮވާ" މިގޮތަށް ލިޔެފަ އެވެ.

މަޖިލިސް އިންތިހާބުގައި މަހުޖަނުންނަށާއި ވިޔަފާރިވެރިންނަށް ފުރުސަތު ނުދިނުމަށް ގޮވާލައި ޓްވިޓާގައިވެސް ދަނީ ދޭތެރެ ދޭތެރެއިން މީހުން ޝުއޫރު ފާޅު ކުރަމުންނެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ކުރިމަތި ލުމަށް ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.