ބޮލީވުޑް

ޒީރޯއާއެކު އަނުޝްކާގެ މެސެޖެއް ޝާހަށް

އަނުޝްކާ ޝަރްމާއަކީ ބޮލީވުޑްގައި ކުޑަ ދުވަސްކޮޅެއްތެރޭ، ބްލޮކްބަސްޓާ އެތައް ފިލްމެއް ކުޅެ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ބަތަލާއެކެވެ. މީގެ 10 އަހަރު ކުރިން ޝާހްރުކް ޚާން އާއެކު އޭނާގެ ކުޅަދާނަކަން ދައްކާލި "ރަބްނޭ ބަނާޑީ ޖޯޑީ" ފިލްމަށް ފަހު، މިއަދު ސްކްރީންތަކަށް އަންނަ ފިލްމުގައި ވެސް މި ފެންނާނީ ޝާހު އާއެކު އެވެ. އިއްތިފާގަކަށް ވިޔަސް އިއްޔެއަކީ އަނުޝްކާއަށް ވަރަށް ހާއްސަ ދުވަހެކެވެ.

ފިލްމު ޒީރޯ އިއްޔެ ރިލީޒް ކުރި އިރު، އަނުޝްކާ ވަނީ ޝާހުއަށް ހާއްސަ މެސެޖެއް ވެސް ހިއްސާކޮށްފަ އެވެ.

"ޒީރޯ އަކީ އަހަންނަށް ވަރަށް ހާއްސަ ފިލްމެއް. މި ފިލްމު ރިލީޒްކުރާ ދުވަހަކީ އަހަރެން ބޮލީވުޑްއަށް ނިކުތްތާ 10 އަހަރު ފުރޭ ދުވަސްކަން އެނގުނީ ވަރަށް ފަހުން. އަދި އަހަރެންގެ ފުރަތަމަ ފިލްމު 'ރަބްނޭ ބަނާޑީ ޖޯޑީ' ގައި ޝާހު އާއެކީ ފެނި، އޭގެ 10 އަހަރު ފަހުން ނެރޭ ފިލްމުގައި ވެސް ޝާހު އާއެކީ މި ފެންނަނީ. އަދި މިވީ 10 އަހަރުތެރޭ ޝާހު އާއެކު ހަތަރު ފިލްމެއް ކުޅެވިފައިވާއިރު، އޭގެ ތެރޭގައި އަހަރެން ކުޅެފައިވާ އެންމެ އުނދަގޫ ފިލްމުތައް ހިމެނޭ" ޝާހުއަށް ތައުރީފު ކުރަމުން އަނުޝްކާ ވަނީ އިންސްޓަގްރާމްގައި ފޮޓޯ އެއް ހިއްސާ ކޮށްފަ އެވެ.

އަނުޝްކާ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓު

އަނުޝްކާ އާއި ޝާހު އެކުގައި ހަތަރު ފިލްމެއްގައި މަސައްކަތް ކޮށްފައިވާއިރު، އެންމެ ފަހުން ނެރުނު ފިލްމަކީ "ޖަބް ހެރީ މެޓް ސޭޖަލް" އެވެ. މި ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބި ސިނަމާގައި ފްލޮޕްވީ އެވެ. އަދި ކްރިޓިކުން ހިޔާލު ފާޅު ކުރާ ގޮތުގައި، އެންމެ ފަހުން ކުޅުނު ފިލްމަށްވުރެ "ޒީރޯ" ހާސްބައި ތަފާތު ވާނެ އެވެ. އަދި މި ފިލްމަކީ އެހެން ލޯބީގެ ފިލްމުތަކާ މުޅިން ތަފާތު ފިލްމެއް ކަމުން، "ޒީރޯ" ބްލޮކްބަސްޓާ އަކަށް ވުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

ފިލްމު "ޒީރޯ" ގައި ޝާހުރުކް ޚާން ކުޑަ މީހެއް (ޑްވާފް) އެއްގެ ރޯލުން ފެންނަ އިރު، އަނުޝްކާ ފެންނާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ރޯލުގަ އެވެ. މި ފިލްމުގައި މި ދެ ތަރިންގެ އިތުރުން ކެޓްރީނާ ކައިފް ލީޑުގައި ފެންނާނެ އެވެ.